އަމިއްލަ ޕްރީ ސްކޫލްތަކާއި ގުރުއާން ކްލާސްތަކުން ފައިސާގެ އެހީއަށް އެދެން ހުޅުވާލައިފި

ކޮވިޑް-19އާ ގުޅިގެން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެ ތަންތަނަށް އެހީދޭން ސަރުކާރުން ނިންމައިފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް އެހީ ދޭނީ ޒަކާތު ފަންޑުން ކަމެވެ.

އެ ތަންތަނަށް 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ޚާއްސަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މީގެ ތެރެއިން ގުރުއާން ކްލާސްތަކަށް ދެނީ ފަސް ލައްކަ ރުފިޔާ އެވެ. އަމިއްލަ ޕްރީ ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ކަނޑައަޅާފައި ވަނީ އެއް މިލިއަން ރުފިޔާ އެވެ.

އެހީ ބޭނުންވާ ތަންތަނުން އެ ކަމަށް އެދި ހުށަހަޅަންޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންނެވެ.

އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޝަރުތުތައް އަދި އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން، އެހީ ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ގުރުއާން ކްލާސްތަކަށެވެ. އަމިއްލަ ޕްރީ ސްކޫލުތަކާއި ކޮމިއުނިޓީ ޕްރީސްކޫލުތަކަކީ ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ވެފައިވާ ތަންތަނަށް ވާން ޖެހެ އެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ޕްރީ ސްކޫލަކަށް ވެސް ވާން ޖެހެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ސްކޫލްތަކަށް ފައިސާ ދޭއިރު، ފައިސާ ދޭން ޖެހޭ ދަރިވަރުން ކަނޑައަޅާނީ މީމިސް ސިސްޓަމް މެދުވެރިކޮށެވެ. ހުރިހާ ދަރިވަރުން ވެސް މީމިސް ގައި ރަޖިސްޓްރީ ވާން ޖެހެ އެވެ. ރަޖިސްޓަރީ ނުވާ ކުއްޖެއް ނަމަ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ކަން ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް އެޑިއުކޭޝަން މިނިސްޓްރީން ދީފައި ވެ އެވެ.

މިނިސްޓްރީން ބުނީ އެހީ ލިބޭނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ގުރުއާން ކްލާސްތަކަށް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދަރިވަރުންނަށް ކޮށްފައިވާ އަސަރު ހާމަކޮށް، އެޑިއުކޭޝަން މިނިސްޓްރީން އާންމު ކޮށްފައިވާ ރިޕޯޓުގައި، އަމިއްލަ ސްކޫލުތަކުގެ ތެރެއިން ޕްރީ ސްކޫލު ހިންގާ ތަންތަނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައި ވެ އެވެ. މާލެ ސަރަހައްދުން މަދުވެގެން އަމިއްލަ ތިނެއް، ކޮމިއުނިޓީ ދެ ޕްރީ ސްކޫލަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އެ ފަސް ސްކޫލުގައި އެކަނި ވެސް 1،745 ދަރިވަރުން ތިބޭ ކަމަށާއި އަމިއްލަ ޕްރީ ސްކޫލްތަކުގައި 8،000 އަށް ގާތް ކުރާ އަދަދަކަށް ދަރިވަރުން ތިބޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.