ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކައިން ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.

މިދިޔަ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވެ، ޝަކުވާ ބޮޑުވުމުން ސްޓެލްކޯ އިން ވެސް ވަނީ ބިލްތަކަށް 40 ޕަސެންޓު ސަބްސިޑީ ދޭން ނިންމައިފަ އެވެ.

ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވި ސަބަަބުތައްް ހާމަކޮށް، ލުއިތަކެއް ދޭނެކަން ސްޓެލްކޯ އިން އިއުލާނު ކުރީ ޖޫން މަހުގެ ބިލް އަދާޔާ ހިލާފަށް ބޮޑުކަމަށް ބުނެ އާއްމުންގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ.