ހިޔާ ފްލެޓުތައް އަވަހަށް ހަވާލުކުރަން ގޮވާލައި އިދިކޮޅުން ކުއްލި މައްސަލައެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނާ ވީހާ ވެސް އަވަހަކަށް ހަވާލު ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.


މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރެއްވިތާ ފަސް ހަފުތާ ފަހުން މަޖިލީހަށް ވަޑައިގެން ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކުގަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންނަށް ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކޮށް، ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ގޮވައިލައްވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ހަވާލު ކުރުން މި ސަރުކާރުން ލަސް ކުރަމުންދާތީ އާއި ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު އަދި ވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރުން ބުނެ ނުދެވޭ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ދަށްވެ، ކުއްޔާއި ބިލްތައް ދެއްކުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެހެން ކަމުން ވީ އެންމެ އަވަހަކަށް ހިޔާ މަޝްރޫގެ ފްލެޓުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

"އެ ފަރާތްތަކަށް ފްލެޓުތަކުގައި ވީހާ ވެސް އަވަހަކަށް ދިރިއުޅެން ފެށޭނެ މަގު ފަހިކޮށް ދިނުމަށާއި މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އިތުރު ފްލެޓުތައް އަޅައި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށްދިނުމުގެ ވައުދު ފުއްދައި ދިނުން އަވަސް ކުރުމަށް ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ހަވާލު ކުރުން މި ސަރުކާރުން ލަސް ކުރަމުންދާތީ އާއި ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު އަދި ވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރުން ބުނެ ނުދެވޭ،"--- ޝިޔާމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓު ހަވާލު ނުކުރެވި އެތައް ދުވަހެއް ވެ، މި ސަރުކާރަށް ނުރުހުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު މި ފަހުން ވަނީ އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށާއި އެއީ ގިނަ ބަޔަކަށް އުޅެވޭނެ ތަނެއް ނޫން ކަމަށް ވިދާޅުވެ، އެ މަޝްރޫއަށް ފާޑު ވިދާޅުވެފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް އަދިވެސް ހަވާލު ނުކުރެވި އޮތީ ޔާމީންގެ ސަރުކާރުން އެ ތަންތަން ދޭން ނިންމީ އިންސާފުވެރިކޮށްތޯ ބެލުމަށް ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. އެ މަސައްކަތް އަންނަ މަހު ނިންމައި، މި އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މި މަޝްރޫގައި އަޅާފައި ވަނީ 25 ބުރީގެ 16 ޓަވަރެކެވެ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ބަހައްޓާފައި ހުރެ އެވެ. ހަނިކޮށް، ދިގުކޮށް ޑިޒައިން ކޮށްފައިވާ މި ފްލެޓުތަކުގައި ހުންނަނީ ދެ ކޮޓަރި އެވެ. ކޮންމެ ކޮޓަރިއެއްގައި 99 އަކަފޫޓު، ސިޓިން ރޫމްގައި 217 އަކަފޫޓު ހުރެ އެވެ.