ޖިންސީ އަނިޔާ ލިބުނު ކުއްޖެއްގެ މަންމައާ ދެކޮޅަށް މުޒާހަރާކުރުމުން ރަށުން ބާލައިފި

ކުޑަ އަންހެން ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލައެއްގައި، މަންމަގެ އިހުމާލު ފެންމަތިކޮށް އޭނާ ހައްޔަރު ނުކޮށްގެން މާފުށީގައި މިރޭ މުޒާހަރާކޮށްފި އެވެ. އެ މުޒާހަރާއާ ގުޅިގެން ފުލުހުން ވަނީ އަންހެން މީހާ ރައްކާތެރިކަމާ އެކު އެ ރަށުން ބާލައިފަ އެވެ.


ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލައި، މާފުށީގައި ބަޔަކު އިހުތިޖާޖްކުރި ކަމަށެވެ. އެކަމަކު އެ އިހުތިޖާޖުގައި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ވެސް ބުންޏެެވެ.

އެނގިފައިވާ ގޮތުގައި މާފުށީ ޕޮލިސް ސްޓޭޝަން ކައިރިއަށް ގިނަ ބަޔަކު އެއްވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވޭ ދޮން ބައްޕަ އެ ޖަރީމާ ހިންގުމުގައި މަންމަ އެހީތެރިވި ކަަމަށް ރަށު މީހުން ކުރާ ތުހުމަތަކާ ގުޅިގެންނެވެ. ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދޮންބައްޕަ މިދިޔަ މާޗް މަހުގެ ތެރޭގައި ހައްޔަރުކުރުމަށް ފަހު، އަންހެން ކުއްޖާ ހަވާލުކޮށްފައި ހުރީ މަންމަގެ އާއިލާގެ އެހެން މެމްބަރަކާ އެވެ.

އެ ކުއްޖާއާ މަންމަ، ބައްދުލުކުރުން މަނާކޮށްފައިވާ ކަމަށް ވެސް މާފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މިއަދު މީހުން އެއްވީ މަނާކޮށްފައި އޮއްވައި މަންމަ އުޅޭ ގެއަށް އެކުއްޖާ ގެންގޮސް ކޮންމެވެސް ކަމެއް ކުރުމުން ރޯ އަޑު ރަށު މީހުންނަށް އިވިގެން،" އޭނާ ބުންޏެވެ.

އެ ކުއްޖާއަަކީ ކުޑަކަމަކާ ރޯ އުމުރަށް ވުރެން ބޮޑު ކުއްޖެއް ކަމަށް ވާތީ އެއީ އަނިޔާއެއް ލިބިގެންވީ ކަމެއް ކަމަށް ވެސް މުޒާހަރާ ކުރި މީހުން ތުހުމަތު ކުރެ އެވެ.