ރެޕާ ކަންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފައި ވަނިކޮށް ޕެރިސް ހިލްޓަން ވެސް އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ. އެކަމަކު މިއީ ކިހާ ސީރިއަސްކޮށް ބުނި ވާހަކައެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ފެޝަން އައިކަންއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ބަލާ އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ޕެރިސް ހިލްޓަން، 39، ކުރި ޓްވީޓްތަކެއްގައި ބުނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު، މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މިއީ އަލުން އަނެއްކާ އެމެރިކާ އަކީ ވަރުގަދަ ގައުމަކަށް ހަދަން ލިބޭނެ ފުރުސަތެއް ކަމަށާއި ވައިޓް ހައުސް އަށް ބޭނުން ވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރާނެ މީހަކު ކަމަށް ބުނެފައިވެ އެވެ. އަދި ވައިޓް ހައުސް ހައުސް ޒީނަތްތެރިކޮށް، ފުރިހަމަކުރަން އެތަނަށް އަންހެނަކު ބޭނުންވާ ކަމަށް ވެސް ޕެރިސް ހިލްޓަން ބުންޏެވެ.
އޭނާ އަކީ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަން ހޮޓެލްސްގެ ވެސް ހިއްސާދާރެކެވެ. މިއުޒިކާއި މޮޑެލިން އާއި އެކްޓިން ދާއިރާ އިން ވެސް ތަޖުރިބާތަކެއް ހޯދާފައިވާ ޕެރިސް ހިލްޓަނީ ހުސްހަށިބަޔަށް ހުރި އަންހެނެކެވެ.
އޭނާ ރައީސް ކަމަށް ވާދަކުރަން ނިންމި ވާހަކަ އިއުލާންކުރުމާ އެކު ސޯޝަލް މީޑިއާގައި އަންނަނީ އެކި ވާހަކަތައް ދެކެވެމުންނެވެ.
މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާ ކަންޔޭ، 43، އެމެރިކާގެ ރައީސް ކަމަށް ވާދަކުރަން ނިންމި ވާހަކަ މި މަހުގެ 5 ވަނަ ދުވަހު ހިއްސާކުރި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ކަމެއް ރަސްމީ ސިފައެއްގައި އޭނާ ކުރަމުން ނުދާތީ އެއީ ސީރިއަސްކޮށް ދެއްކި ވާހަކައެއްކަމާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.
ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޓުންގެ ތެރޭގައި އެންމެ ވާދަވެރިކަން ބޮޑީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާ ދެމެދު އެވެ.