ޑިއުޓީގެ ލުއިން ދުންފަތުގެ ކޮންޓްރޯލް ގެއްލިދާނެ: ތަޖުރިބާކާރުން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން 50 ޕަސެންޓް ކުޑަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނންމި ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި ނަމަ ރާއްޖޭގެ އާއްމު ސިއްހަތައް ނުރައްކާވެ، ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު ކޮންޓްރޯލުން ނެއްޓިދާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.


މުޅި މަޖިލީހުގެ ކޮމިޓީން އަންގާރަ ދުވަހު ފާސްކުރީ ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއި ސ. ހިތަދު ސަރަހައްދީ ބަނދަރަށް އިމްޕޯޓްކުރާ މުދަލުން ދުންފަތް ވެސް ހިމެނޭ ގޮތުން ވަކި ބާވަތްތަކަކުން 50 ޕަސެންޓް ޑިއުޓީ މާފުކުރާށެވެ. އޭގެ ތެރޭގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ-ސިނގިރޭޓް ފަދަ ބާވަތްތައް ހިމެނެ އެވެ.

މި ބާވަތްތަކުން މިހާރު 200 ޕަސެންޓް ޑިއުޓީ ނަގަ އެވެ. އެއާއެކު ސިނގިރޭޓް ފޮއްޓެއްގެ އަގު 70ރ. އަށް ވަނީ އަރައިފަ އެވެ. ވަކި ސިނގިރޭޓް ވިއްކުން ރާއްޖޭގައި މިހާރު މަނާކޮށްފައި ވުމާއި ސިނގިރޭޓް ފޮއްޓެއް ލިބޭ އަގު ބޮޑު ވެފައިވުމުން އެއީ އަލަށް އެ އިސްތިއުމާލު ކުރަން ފަށާ މީހުން މަދުވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުން މިހާރު 30 ޕަސެންޓު މާފުކޮށްދެނީ ގާނޫނުގައި ނުހިމަނައި، އެ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެކަމަކު ދުންފަތާއި އެނާޖީ ޑްރިންކް ފަދަ ބާވަތްތަކުން އެ ލުއި އޮންނަނީ އިސްތިސްނާ ކޮށްފަ އެވެ.

މިހާރު ހުށަހަޅާފައި އޮތީ 30 ޕަސެންޓުގެ ބަދަލުގައި 50 ޕަސެންޓް ޑިއުޓީ މާފުކުރަން ގާނޫނުގައި ހިމަނައި އެކަމަކު އެ ލުއިތައް ވަކި ގަވައިދެއްގެ ދަށުން ދެވޭ ގޮތަށެވެ. އެކަމަކު ކޮމިޓީގެ މި ނިންމުން އަދި މަޖިލީހުން ފާހެއް ނުކުރެ އެވެ.

މިއީ ހަދާ ބޮޑު ގޯހެއް

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ ވިދާޅުވި ގޮތުގައި މިހާރު 200 ޕަސެންޓުން ޑިއުޓީ ނަގާ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކޮށްފި ނަމަ ސިނގިރޭޓްގެ އަގު ބޮޑުތަނުން އަގު ހެޔޮވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ސަބަބުން ގިނަ ބަޔަކު އަލުން އެ އިސްތިއުމާލު ކުރަން ފެށުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އަރޫނާ ވިދާޅުވި އެވެ.

"މިހާރު އެ އޮތް ގޮތުން މާ ބޮޑަށް އަގު ހެޔޮ ވެދާނެ. އޭރުން ދިމާވާނެ މައްސަލައަކީ އެފޯޑް ކުރެވޭނެ. އަގު ބޮޑުވީމާ ރައްކާތެރި މި ވަނީ ޒުވާނުން އެ ކަމުން. އަގު ހެޔޮވީމާ ޒުވާނުން ސިނގިރޭޓް ބޯން ފަށާލެއް އިތުރު ވާނެ. މިއީ ޒުވާނުންނަށް ވަރަށް ބޭއިންސާފުން ކުރާ ކަމެއް،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ސިނގިރޭޓް ފޮއްޓެއް: ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަ ކުރަން އުޅޭތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން-- ފޮޓޯ: ނިޝާން އަލީ/މިހާރު

އަރޫނާ ވިދާޅުވި ގޮތުގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރާ ކޮންމެ ފަހަރަކު ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުން ވެގެން އަންނަ މީހުން ވަރަށް ބޮޑަށް އިތުރުވެ އެވެ. ސިނގިރޭޓްގެ އަގު ހެޔޮ ކުރުމުން އޭގެ އަނެއްކޮޅަށް އެކަން ބަދަލުވެ ސިނގިރޭޓް ބޯން ފަށާ މީހުން އިތުރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކުރަން މި ޖެހޭ ކަމަކީ އަދި ވެސް ޓެކްސް ބޮޑު ކުރުން. ހެޔޮ ކޮށްގެން ނުވާނެ. ސިނގިރޭޓާއި އެނާޖީ ޑްރިންކް ފަދަ ހަށިގަނޑަށް ގެއްލުން ލިބޭ ތަކެތީން ނަގާ ޓެކްސް އިތުރުކުރަން ޖެހޭ،" އަރޫނާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިދިޔަ އަހަރު ލިބިވަޑައިގަތް، އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ހަދާފައިވާ ދިރާސާތަކާ ދެކޮޅަށް ނިންމި ވަރަށް ގޯސް ނިންމުމެކެވެ.

"މީގެން މިފެންނަނީ ގާނޫނު ހަދަން ތިބި ބޭފުޅުން ރައްޔިތުންގެ ސިއްހަތާ މެދު ނުވިސްނަވާކަން. މިއީ ވަރަށް ނުރައްކާތެރި ކަމެއް،" އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަފްއާލް: އޭނާ ވިދާޅުވީ ދުންފަތުގެ ޑިއުޑީި ކުޑަކުރަން އުޅުމަކީ ބޮޑު ގޯހެއް ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް އެތަކެއް މަސައްކަތް ކުރައްވާ އަފްއާލް، ވިދާޅުވި ގޮތުގައި ސިނގިރޭޓް ބޯ މީހުން މަދު ކުރުމަށް މުޅި ދުނިޔޭގައި ވެސް އެންމެ ކާމިޔާބު އެއް ކަމަކީ އެއިން ނަގާ ޓެކްސް ބޮޑު ކުރުމެވެ. ރާއްޖެ ފަދަ ގައުމެއްގައި ދުންފަތުން ނަގާ ޓެކްސް ކުޑަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"އާސަންދައިގެ ހިސާބުތަކަށް ބަލާއިރު އެބަ އެނގޭ ރާއްޖޭން މަރުވާ މީހުންގެ 82 ޕަސެންޓް މީހުން މަރުވަނީ ގައިގަޔަށް ނާރާ ބަލިތަކުގައިކަން. އޭގެން ބޮޑު ބަޔަކަށް ހަރަދުކުރަން މި ޖެހެނީ ދުންފަތާ ގުޅުން ހުރި ކަންކަމުގައި. މިހުރިހާ ހެއްކެއް ހުއްޓާ، ރައްޔިތުންނަށް ގެއްލުންވާ ކަމެއް ކޮށްގެން ނުވާނެ،" އަފްއާލް ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ދުންފަތުގެ ބާވަތްތައް އެތެރެ ކުރަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ.

"މީގެން މިފެންނަނީ ގާނޫނު ހަދަން ތިބި ބޭފުޅުން ރައްޔިތުންގެ ސިއްހަތާ މެދު ނުވިސްނަވާކަން. މިއީ ވަރަށް ނުރައްކާތެރި ކަމެއް،"

އަފްއާލް ވިދާޅުވި ގޮތުގައި މަޖިލީހުން ގެންނަން އުޅޭ ބަދަލާއެކު ސިނގިރޭޓްގެ އަގު ހެޔޮ ވާނެ ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ވާނެ ކަމަކީ ދުންފަތުގެ ސިނާއަތުގައި އުޅޭ މީހުންނަށް ލިބޭނެ ފައިދާ ބޮޑުވުން ކަމަށެވެ.

ޓެކްސް ނަގާ ގޮތާއި އެ ފައިސާ ބޭނުންކުރާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އަރޫނާ ވިދާޅުވި އެވެ. އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސިއްހަތަށް ނުރައްކާތެރި ބާވަތްތަކުން ނަގާ ޓެކްސް އިން ލިބޭ ފައިސާ އެ ބަލިތަކުން މީހުން ރައްކާތެރި ކުރުމަށް ބޭނުން ކުރެވޭނެ ގޮތެއް ހަމަޖައްސައި އެކަމަށް ބަޖެޓް ދޭން ޖެހޭ ކަމަށް ވެސް އަރޫނާ ވިދާޅުވި އެވެ.

ހަމައެއާއެކު ސިއްހަތަށް ނުރައްކާތެރި ދުންފަތުގެ ބާވަތްތަކާއި އެނާޖީ ޑްރިންކް ފަދަ ތަކެތީގެ ވިޔަފާރި ނުކުރާ ތަންތަނަށް ޓެކްސް އިން ލުއި ދިނުން ވެސް މުހިންމު ކަމަށް އަރޫނާ ވިދާޅުވި އެވެ. އަދި އެ ލުއި ދިނުން ފޫބެއްދުމަށް ސިއްހަތައް ނުރައްކާތެރި ތަކެތީން ވިޔަފާރި ކުރާ ތަންތަނުން ނަގާ ޓެކްސް އިތުރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝީޝާ ފަދަ ތަކެތިން ވިއްކާއިރު ޓެކްސް އިތުރަށް ނެގި ދާނެ. މިހާރު ވެސް ބައެއް ބާވަތްތަކުން އިތުރަށް ޓެކްސް ނަގާ ގޮތަށް،" އަރޫނާ ވިދާޅުވި އެވެ.

ރާއްޖެ އަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.