ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން މިއަދު ހުޅުވާލައިފި އެވެ.
ބޯޑަރު އަލުން ހުޅުވައިލުމާ ގުޅިގެން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ފުރަތަމަ ޖެއްސީ ގަތަރު އެެއާވޭސްގެ (ކިއުއާރު 672) މަތިންދާބޯޓެކެވެ. އެއީ ގަތަރުގެ ދޯހާ އިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ. ޔޫރަޕުގެ އެކި ގައުމުތަކުން 107 ޓޫރިސްޓަކު އެ ބޯޓުގައި ރާއްޖެ އައެވެ.
މިދިޔަ މާޗު 27 ގައި ބަންދުކުރުމަށް ފަހު، ބޯޑަރު އަލުން ހުޅުވުން ފާހަގަކުރަން ވީއައިއޭގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. މި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޓްރާސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ގަތަރު އެއާވޭސްގެ ބޯޓު އެއާޕޯޓަށް ޖެއްސުމާ އެކު، އެމްއޭސީއެލުން ވޯޓާ ސެލިއުޓެއް ދިނެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިޔަސް ގިނަ އެއާލައިންތަކުން ދަތުރު ފަށާނީ އަންނަ މަހު އެވެ. މި މަހަށް ތާވަލު ކޮށްފައި ވަނީ ގަތަރު އެއާވޭސްގެ އިތުރުން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އެވެ. އަންނަ މަހު ރާއްޖެ އަށް ދަތުރުތައް ފަށާ ހަ އެއާލައިންގެ ތެރޭގައި ސްރީ ލަންކަން އާއި ސިންގަޕޯ އާއި އިންޑިގޯ އާއި ގަލަފް އެއާ ހިމެނެ އެވެ.
ނަމަވެސް ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ކަށަވަރުކޮށްދީގެން، ވީހާ ވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހުރިހާ ގައުމަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ކުރިން ބަލަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ ވަރު ކަމަށެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަަކަށް ވެސް އެ ގައުމުތަކުން ބަލާ ކަަމަށް މިނިސްޓަރު ވިދާޅުވިި އެވެ.
"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ހުރިހާ ސާވޭތަކުން އެނގެނީ ގައުމުތަކުން މީހުން ރާއްޖެ އަންނަން ބޭނުންވާކަން. އެހެންކަމުން އަޅުގަނޑުމެންނަށް އޮތް އެޑްވާންޓޭޖް އެބައޮތް. މީގައި މައްސަލައަކީ އެހެން ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތަކާއި އަޅުގަނޑުމެންގެ ފިޔަވަޅުތަކާއި އެއާލައިންތަކުގެ ޝެޑިއުލް،" ފައްޔާޒުު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލި ނަމަވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާ އިން އަދި ދަތުރުތައް ނުފަށަ އެވެ. އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭތީ، ޓޫރިސްޓުން ގައުމުތަކަށް ދިއުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ. ނަމަވެސް ބޯޑަރު ހުޅުވައިލުމާއެކު، ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ޗައިނާ އިން އެބަ ބޭނުންވޭ އެ ގައުމުގެ ޓޫރިސްޓުން ދާއިރުގައި 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަން. އެހެންވީމާ އެ އަށް މަގުފަހިވާ ގޮތަށް އަޅުގަނޑުމެން މަސައްކަތްތައް މި ގެންދަނީ. ޗައިނާ އިން އަދި ޓޫރިސްޓުން ދިއުމަށް ހުއްދަ ނުދިން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައި އޮތީ، ރާއްޖެ އަކީ ޗައިނާގެ ޓޫރިސްތުން އެންމެ އަވަހަށް އަންނަ އެއް ގައުމުގެ ގޮތުގައި [ވާނެ ކަމަށް.] މިނިސްޓަރު ވިދާޅުވި އެވެ.
އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން މިހާރު އަންނަނީ މާކެޓިންގެ އުސޫލުތައް ބަދަލުކޮށް، ޑިޖިޓަލް ކެމްޕޭންތަކެއް ކުރަމުންނެވެ. އެގޮތުން، ކެމްޕޭން ސްލޯގަންއެއްގެ ގޮތުގައި "ސަނީ ސައިޑް އޮފް ލައިފް" ގެ ބަދަލުގައިި މިހާރު ބޭނުން ކުރަމުން އަންނަނީ "ރީޑިސްކަވާ ދަ ސަަނީ ސައިޑް އޮފް ލައިފް" އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު 40 ރިސޯޓަކުން މިއަދުން ފެށިގެން ހިދުމަތް ދޭނެ އެވެ. ގިނަ ރިސޯޓޫތައް ހުޅުވާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.