އެއްވުންތައް ބާއްވަން ހުއްދަ ނެގުން ދަމަހައްޓާތީ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ފާޑުކިޔައިފި

މުޒާހަރާ އާއި އެއްވުންތަކަށް ބޭއްވުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ކަމަށް އަންގައި، އެ ނޫން ގޮތަކަށް އެ ހައްގުގެ ފުރުސަތު ނުލިބޭނެ ކަމަށް ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ކަނޑައެޅުމާ ގުޅިގެން، އިންސާނީ ހައްްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ކަންބޮޑުވުންް ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.


އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާ ކުރުމަށް ހުރަސް އެޅުމަކީ އަސާސީ ހައްގެއް ނަގައިލުން ކަމަށެވެ. ދިވެހި ސަރުކާރުގެ އެ ނިންމުމަކީ ސުލްހަވެރި މުޒާހަރާތަކަށް ތާއީދުކުރާ މަދަނީ ޖަމިއްޔާތަކަށް ވެސް ނުރައްކާވާނެ ކަމެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނިގޮތުގައި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގާނޫނުތަކާއި ގަވައިދުތައް ނައްތައިލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު އެ މަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަދާފައިވާ "ދަންތުރަތައް" ބޭނުން ކުރައްވަމުން ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ. އެ ޖަމާއަތުންް ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރުން މިފަދަ ގޮތަކަށް އަމަލު ކުރަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ބޮޑެތި ގޮންޖެހުންްތައް ކުރިމަތިވެފައިވާ ވަގުތެއްގައި އެ މީހުންގެ ޝުއޫރުތައް އަޑު ނޭހުމަށެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި. އެކަމަކު ނާއުއްމީދުވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ އަޑު އެހުމުގެ ބަދަލުގައި [އިބްރާހީމް މުހައްމަދު] ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަނީ ސުލްހަވެރިކަމާ އެކު އެއްވެ، އުޅުމުގެ މިިނިވަންކަމަށް ހުރަސް އަޅައިގެން، އެ މީހުންގެ އަޑު ކަނޑުވައިލަން،" ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ސަރަަހައްދުގެ އެސޯސިއޭޓް ޑައިރެކްޓާ ޕެޓްރީޝިއާ ގޯސްމަން ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ލިއުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާ ކުރެވޭނީ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.

ގާނޫނުގައި އެހެން އޮތަސް، ހުއްދަ ނުހޯދައި މިހާތަނަށް ކުރާ މުޒާހަރާތަކާއި ބާއްވާ އެއްވުންތައް ފުލުހުން ނުހުއްޓުވަ އެވެ. އެކަމަކު މި ދުވަސްކޮޅު މާލޭގައި މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ. ބިދޭސީންގެ މުސާރައިގެ މައްސަލަތަކުގައި ހުޅުމާލޭގައި ދެ ދުވަސް މަތިން މުޒާހަރާކޮށް، ހަމަނުޖެހުން ވަނީ ހިންގައިފަ އެވެ. އެއާއެކު ޖިންސީ ގޯނާގެ އަމަލުތަކުގައި އިންސާފު ނުލިބޭ މައްސަލައިގައި ސިލްސިލާކޮށް އަޑުއުފުލަމުންދާއިރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވެސް އަންނަނީ ދޭތެރެއަކުން އެއްވުންތައް ބާއްވަމުންނެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާތަކާއި އެއްވުންތައް ނުބޭއްވޭ ގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް ޔާމީންގެ ސަރުކާރުން އިސްލާހު ގެނައުމުން އޭރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެކަމަކު، ވެރިކަން ލިބުމުން ގާނޫނު އިސްލާހުކޮށް، ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް އެ ޕާޓީން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އަށް އެމްޑީޕީ އަށް އޮތަސް ސަރުކާރާއި އެމްޑީޕީގެ އިޚުލާސްތެރިކަމް މި މައްސަލައިގައި ނެތް ކަމަށް އެ ޕާޓީގެ ބައެއް އެކްޓިވިސްޓުންނާއި އާންމުން ވެސް އަންނަނީ ބުނަމުންނެވެ.