ޝިޔާމަށް އަނިޔާކުރި މައްސަލަ ބަލާ ސަބް ކޮމެޓީ އަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް މަޖިލީހުގައި އަނިޔާކުރި މައްސަލަ ބަލަން އެކުލަވާލި އިމްތިޔާޒް ކޮމެޓީގެ ސަބް ކޮމެޓީ އަށް ބަދަލު ގެނެސް، މެމްބަރުންގެ އަދަދު އިތުރު ކުރަން އިމްތިޔާޒާއި ސުލޫކު ކޮމެޓީން މިއަދު ނިންމައިފި އެވެ.


ގާނޫނުއަސާސީ އިސްލާހު ކުރަން މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވައި، ތަޅުމުން އޭނާ ނެރުމުގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާ އަށް ވަނީ އަނިޔާވެފަ އެވެ. އެކަން ބެލުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ހުުށަހެޅުއްވުމުން، އިމްތިޔާޒާއި ސުލޫކު ކޮމެޓީގެ ތިން މެމްބަރުންގެ ސަބް ކޮމެޓީއެއް ކުރިން އޮތީ ނަގައިފަ އެވެ.

އިމްތިޔާޒް ކޮމެޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ މުގަައްރިރު ސަބް ކޮމެޓީގެ ވެސް މެމްބަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮމެޓީ އަށް ވަޑައިނުގަންނަވާތީ އެ ކޮމެޓީ ނުބޭއްވޭ ކަމަށެވެ. ސަބް ކޮމެޓީގެ ތިން ބައްދަލުވުމަށް ވެސް އާދަމް ވަޑައިނުގަންނަވާތީ އެ މައްސަލަ ކުރިއަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ އާދަމް ޝަރީފް ސަބް ކޮމެޓީ އަށް ހާޒިރު ނުވުމުން ހާމަވަނީ އެ މައްސަލަ ބެލުމަށް އިދިކޮޅު މެމްބަރުންގެ ޝައުގުވެރިކަން ނެތްކަން ކަމަށާއިި އެ މައްސަލަ ކުރިއަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އަދި މައްސަލަ ބަލަން އުޅެނީ އެމްޑީޕީގެ މެމްބަރުން ކަމަށާއި އެކަމަށް ހުރަސް އަޅަނީ އިދިކޮޅުން ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

"މިއީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީއެއް. އަޅުގަނޑުމެން މި މައްސަލަ ބަލަން ބޭނުންނުވާ ކަމަށް ވަންޏާ އެންމެ ފުރަތަމަ ދުވަހު ވެސް އަޅުގަނޑުމެންނަށް ނިންމޭނެ އެ މައްސަލަ ނުބަލަން. ސަބް ކޮމެޓީއެއް ނަގައިގެން މައްސަލަ ބަލަން ނިންމުމުގެ މާނައެއް ނެތް،" ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މެމްބަރަކު ހާޒިރު ނުވާތީ ކޮމެޓީ ނުބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ހާޒިރުނުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ގޮތްތައް ގަވާއިދުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމެޓީގެ މަސައްކަތް ހުއްޓިގެން ނުވާނެ ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހަކު ނައުމަކުން އެއީ ކޮމެޓީގެ މަސައްކަތް ހުއްޓިގެންވާނެ ސަބަބެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސަބް ކޮމެޓީގެ މެމްބަރުންގެ އަދަދު ފަސް މެމްބަރުންނަށް އިތުރު ކުރަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވުމުން އެ ހުށަހެޅުން ފާސްވި އެވެ. އެއީ ކޮމެޓީގެ މުގައްރިރު ޔާސިރު އާއި މެމްބަރު އާދަމް ޝަރީފާއި މެމްބަރު ވިސާމާއި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ.