މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައިވާ ގޮތުން މުޒާހަރާ އިން 17 މީހަކު ހައްޔަރުކުރީ ދިވެހި ސަރުކާރާއި އިންޑިއާގެ އަމުރަކަށެވެ. އޭގެ ތެރެއިން ނުވަ މީހަަކު އަދިވެސް ބަންދުކޮށްފައިވާއިރު، ޖަލުގައި ތިބި މީހުންނާ މެދު ވެސް އަނިޔާވެރިކޮށް އަމަލު ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޖަލުތެރޭ ބޭރަށް ހިންގުން ފަދަ ބަލިތައް ފެތުރެމުންދާއިރު ތަނުގެ ސާފުތާހިރު ކަމާއި އެ ފަރާތްތަކަށް ދޭ ކާބޯތަކެތީގެ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ވަރަށް ދަށު ދަރަޖައިގައި ހުރި ކަމުގެ ޝަކުވާ ލިބެމުންދޭ،" އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި ޖަލުގެ ހާލަތު ރަނގަޅު ކުރުމާއި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައި ތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލަން ވެސް ޝިޔާމް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައާ މެދު ބަހުސް ކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅުގެ ތިން މެމްބަރެކެވެ. އަދި ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދިނެވެ. އެހެންކަމުން އެ މައްސަލަ ފާހެއް ނުވި ކަމަށް ރިޔާސަތުން ނިންމެވި އެވެ.

"ނޭވާހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އެއް ދުވަސް ފަހުން އެ ދެ މެމްބަރުން ދޫކޮށްލި އެވެ.