ޖަމީލް އިސްވެ ހުންނަވައި ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ލަންޑަންގައި އިއްތިހާދެއް އުފައްދައިފި

ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އިސްވެ ހުންނަވައި، ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ސަރުކާރާ ދެކޮޅު އިއްތިހާދެއް އުފައްދައިފި އެވެ.


މިހާރު ލަންޑަންގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޯލިޝަންގެ ލީޑަރަކީ "އިންތިޚާބީ ނައިބުރައީސް" ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަމަށެވެ. ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވެފައި ވަނީ ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި އެކަމަކު މިހާރު މި ނިކުންނަނީ ހުރިހާ ޚިލާފްތަކެއް އެއްފަރާތްކޮށް ގައުމަށްޓަކައި ކަމަށެވެ.

ނަޝީދު ވަނީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަވާފައި. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ތާރީހީ ދުވަހެއް. އަދި އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށާއި ހިލާފުތައް ނައްތާލުމަށް ގޮވާލެއްވި. ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި 2008 ގައި ވެސް އިދިކޮޅު ފަރާތްތަކުން ކޯލިޝަނެއް އުފެއްދި. އެހެން ނަމަވެސް އެ ކޯލިޝަން ކާމިޔާބު ނުވި ކަމަށް ވިދާޅުވި. އެހެން ނަމަވެސް މި ފަހަރު އިދިކޮޅު އެކުވެރި އިއްތިހާދު ނުކުންނަނީ ގައުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި. ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ލިބޭ އެހީތެރިކަން ފާހަގަ ކުރައްވާ ކަމަށް. އަދި ކުރިމަގުގައި ވެސް އެ އެހީތެރިކަން އެ ގޮތުގައި ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި.

އިއްތިހާދުގެ އެއްބަސްވުމުގެ މުހިންމު ޕޮއިންޓްތައް:

- މިނިވަން އިންސާފުވެރި، އަދި ބައިނަލްއަގުވާމީ މުޖުތަމައުން ގާތުން ބަލައި މޮނިޓަކުރެވޭނެ ފަދަ ގޮތެއްގައި، ދިވެހިރާއްޖޭގެ ގާނޫނޫއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގޮވައިލުމަށް ބާރުއެޅުން.

- ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ އިއްތިހާދުގެ މުޝީރުންގެ ގޮތުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި، ކުރީގެ ޑިފެންސް މިިނިސްޓަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް އައްޔަންކުރުން.

-ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ އިއްތިހާދުގެ ލީޑަރަކަށް ސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް ޑރ މުހަންމަދު ޖަމީލް އަހުމަދު.، މި އިއްތިހާދުގެ ޝެޑޯ ކެބިނެޓްގެ ނައިބް ރައީސަކަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު.

- ދުސްތޫރީ އަދި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމިން މިހިނދުން މިހިނދަށް ވެރިކަމުން ދުރުކުރުމަށް ގޮވައިލުން.

- ޚިޔާލު ފާޅުކުރުމުގެ ހައްގާއި، އެއްވެ އުޅުމުމުގެ ހައްގާއި، މީޑިޔާގެ މިނިވަންކަމުގެ ހައްގާއި، ޚަބަރުފެތުރުމުގެ ހައްގާއި، އާންމު ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހައްގާއި، މަދަނީ ޖަމިއްޔާ/ ޖަމާއަތްތައް އެކުލަވައިލުމުގެ ހައްގާއި، މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ހައްގާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއި، މިނިވަން އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާއި، ނަހަމައިން ހައްޔަރުނުކުރެވުމުގެ ހައްގާއި، މިނިވަން ޖުޑީޝަލް ސާވިސް ކޮމިޝަނެއް އޮތުމުގެ ހައްގާއި، ދެން ވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ، އަސާސީ މަދަނީ އަދި ސިޔާސީ ހައްގުތައް މިހިނދުން މިހިނދަށް އަލުން ފޯރުކޮށްދިނުމަށް ގޮވައިލުން.

- ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް، ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މިނިވަންކަމާ އެކު ހަރަކާތްތެރިވުމުގެ ޖާގަ ގެއްލޭގޮތަށް ރައީސް ޔާމީނާއި ސަރުކާރުން ނުފޫޒާއި ބިރުކުރިމަތިކުރުވާފައި ވުމާއެކު، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުން.

- އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމުވެ، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ސަބަބުން ދުސްތޫރީ އިމުން ބޭރުން ހައްޔަރުކޮށް، ދައުވާކޮށް، ބަންދުކުރެވި އަދި ބައެއް މީހުންގެ މައްޗަށް ޝަރީއަތްކުރެވި އަދި ކުރެވެމުންދާ މިފަދަ އެކިއެކި މަރްޙަލާތަކުގައިވާ 1700 އަށްވުރެ ގިނަ މީހުން ހައްގުތައް ސަލާމަތްކުރުން.

- ދައުލަތުގެ ދަރަނި ބޮޑުވެ، ސިޔާދަތުގެ ދަރަންޏަށް ގައުމު ވާސިލްވުމުގެ ބިރު ބޮޑުވެ، ގައުމު ބަނގުރޫޓުވުމާއި ދިމާއަށް ދަތުރު ކުރަމުން ދާއިރު، ހާމަކަމެއްނެތި ދައުލަތުން ކުރަމުންދާ ބޮޑެތި މުއާމަލާތުތައް ބެލޭނެ ނިޒާމެއް ގާއިމުކޮށް، ގައުމުގެ ބައިތުލްމާލު ރައްކާތެރިކުރެވޭނެ ގޮތެއް ގާއިމުކުރުން.