ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމް ކުުރެއްވީ ޖުޑިޝަރީ އަށް އަތް ބާނައިގެން ކަމަށް ބުނާ ވާހަކަ އަށް ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ތާއީދުކުރައްްވައި، ކޮމެންޓްކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.
މިހާރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ރޭ ކުރެއްވި ޓްވީޓަކަށް ދާއޫދު "ލައިކް" ދެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ގެނެސްފަ އެވެ. އަދި "ލައިކް" ދެއްވާފައި ވަނިކޮށް ފެންނަ ސްކްރީން ޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ބޮއްސުން ލައިފި ކަމަށާއި އިދިކޮޅު ލީޑަރު ޖަލަށް ލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތް ބާނައިގެން ކަމަށެވެ. އަދި މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި ނަމަވެސް އިދިކޮޅޫ މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޓްވީޓަށް ދާއޫދު ތާއީދުކުރެއްވި ކަމަށް ބުނެ ސްކްރީންޝޮޓްތައް ދައުރުވާން ފެށުމާ އެކު ގިނަ ބަޔަކު ވަނީ އޭނާއަށް ވެސް ފާޑުކިޔައިފަ އެވެ.
އެކަމަކު ދާއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ އެއްވެސް އެއްޗަކަށް ލައިކު ދީ އަދި ކޮމެންޓް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެނގިވަޑައިގެން އެފަދަ ނާތަހުޒީބު އެއްވެސް އަމަލެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެކަން ދޮގު ކުރެއްވި އެވެ.
"އަޅުގަނޑުކޮށްގެން ހުރި ހުވަޔާ ހިލާފުވާނެ ފަދަ އެއްވެސް ކަމެއް ނުކުރާނަން،" ދާއޫދު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އޭނާއަށް ގުޅުމުން ފޯން ނުނަންގަވާތީ ޖަވާބެއް ނުލިބުނެވެ.