އަށް އަހަރުގެ ދިވެހި ކުއްޖަކު ދޮޅު ގަޑިއިރު ވަންދެން ޕްލޭންކް ހަދައިފި!

އަށް އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ދޮޅު ގަޑިއިރު ވަންދެން އިއްޔެ ޕްލޭންކް ހަދައިފި އެވެ.


އިސްމާއިލް މުލްހަމް އާޒިމްގެ އާއިލާ އިން ދެކޭ ގޮތުގައި އުމުރަށް ބަލާއިރު މިއީ ދުނިޔޭގެ ރެކޯޑަކަށް ވުން ވެސް ގާތް ވަގުތެކެވެ.

މުލްހަމްގެ މަންމަ، މަރިޔަމް ސައީދާ ބުނީ މިދިޔަ ރޯދަ މަހުން ފެށިގެން އޭނާގެ ދަރިފުޅު އަންނަނީ ޕްލޭންކް ހަދަމުން ކަމަށެވެ. ގޭ ތެރޭގައި، ބޭބެ އާއި ދައްތައަށް ޗެލެންޖު ކުރުމުގެ ގޮތުން އެންމެ ފުރަތަމަ އޭނާ ޕްލޭންކް ހެދީ އެންމެ ފަސް މިނިޓަށެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، މުލައްދަނޑި އާއި ފައިގެ އިނގިލިތަކުގެ ބާރުގައި، ބަނޑު ނުޖައްސައި އެއް ގަޑިއިރާއި 30 މިނިޓް ވަންދެން ބަންޑުން އޮވެގެން މުލްހަމް ވަނީ އޭނާގެ އާއިލާގެ އިތުރުން ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ.

އާންމުކޮށް ކަސްރަތުކޮށް، ޕްލޭންކް ނުހަދާ މީހަކަށް މިނިޓެއް އިރު ވެސް ހިފަހައްޓާލުން ވާނީ އުނދަގޫ ކަމަށެވެ.

"ފުރަތަމަ ހިއެއް ވެސް ނުކުރަން އޭނާއަށް އެކަން ވާނެ ކަމަކަށް. މުލްހަމް ކުޑަވީމައި ބުނިން ވަގުތު އެއަށް ވުރެ ކުޑަކުރަން. އެކަމަކު ފެށުމުގެ ކުރިން ވެސް އޭނާ އަޒުމު ކަނޑައެޅީ ދޮޅު ގަޑިއިރު ޕްލޭންކް ހަދައި، ރެކޯޑެއް ގާއިމްކުރަން،" ފަސް ކުދިންގެ މަންމަ ބުންޏެވެ.

މިހާތަނަށް އެންމެ ގިނައިރު ވަންދެން ކުޑަކުއްޖަކު ޕްލޭންކް ހަދާފައިވަނީ، އެއް ގަޑިއިރާ 20 މިނިޓް ވަންދެން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އެހެންވެ މުލްހަމްގެ އަޒުމަކަށް ވެފައި އޮތީ އަންނަ ނޮވެމްބަރު ފާހަގަކުރާ އޭނާގެ ނުވަ ވަނަ އުފަން ދުވަހުގެ ކުރިން އެ ރެކޯޑް މުގުރާލުމެވެ.

ކައިރީގައި ހޮޅިއެއް ޖަހާފައިވާ ފެން ތައްޓެއް ބަހައްޓައިގެން، ކުރިމަތީގައި އައިޕެޑުން ސްޓޮޕްވޮޗް ޖައްސައިގެން މުލްހަމް ޗެލެންޖު ފުރިހަމަކުރީ އުނދަގުލުންނެވެ.

ގަވައިދުުން ދުވެ އަދި ފެތުމުގައި ވެސް ބައިވެރިވާ އަދި އިމާދުއްދީން ސްކޫލްގެ ގްރޭޑް ތިނެއްގެ ދަރިވަރު މުލްހަމް ބުނިގޮތުގައި ޕްލޭންކް ހަދަން ފެށިތާ ގަޑިއިރެއް ފަހުން ވެއްޓޭ ގޮތްވާން ފެށި އެވެ. އެކަމަކު ކަނޑައަޅާފައިވާ ވަގުތަށް ނިންމާލަން ހިިތްވަރުކުރީ ކަމަށް އޭނާ ބުންޏެވެ.

"މުލްހަމް ހިތަށްއެރީ ހަމަ ރެކޯޑް ހަދާނަމޭ. އެހެންވެ، ވެއްޓޭ ގޮތް ވާން ފެށީމައި ވެސް ހިތްވަރުކޮށްލީ،" މުލްހަމް ބުންޏެވެ.

"މިހާރު ވަރަށް އުފާވޭ ހެދުނީމަ. ގޭ މީހުން ޗޮކްލެޓް ވެސް ދިން. ސެޓްފިކެޓް ވެސް ދިން."

މުލްހަމް ޕްލޭންކް ހަދަމުން ދިޔައިރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ގެންދެވީ ފޯނުކޮށްގެން އެކަން ބައްލަވަމުންނެވެ. އެހާ ކުޑަކުއްޖަކު، ބޮޑު ކާމިޔާބީއެއް ހޯދުމުން އޭނާ ވެސް ހުންނެވީ އުފަލުންނެވެ. އަދި މުލްހަމް ޕްލޭންކް ހަދާ މަންޒަރު އޭނާ ޓްވީޓް ކުރައްވަމުން ވެސް ގެންދެވި އެވެ.

މަރޭގެ އެ ޓްވީޓްތައް ގިނަ ބަޔަކު ރީޓްވީޓް ކުރީ ހައިރާންވެ ތިބެ، ކުޑަކުއްޖާގެ އެ ހިތްވަރަށް ސާބަސް ދެމުންނެވެ.

މުލްހަމްގެ މަންމަ މަރިޔަމް ބުނީ ދަރިފުޅު އެކަން ކުރަން ފެށިއިރު ޕްލޭންކް ހެދެނީ ފަސް މިނިޓަށް ނަމަވެސް، ދުވަހަކަށް ވުރެ ދުވަހެއް ވަގުތު ގިނަ ކުރަމުން ގެންދިޔަ ކަމަށެވެ. ދޮޅު ގަޑިއިރުގެ ރެކޯޑެއް ހަދަން އޭނާ ނިންމީ، މީގެ ހަފުތާއެއް ކުރިން 35 މިނިޓް ވާންދެން ޕްލޭންކް ހެދުމަށް ފަހު އެވެ.

މުލްހަމް ބޭނުންވަނީ ބޮޑުވެގެން ސިފައިންގެ މީހަކަށް ވާށެވެ. އޭނާ ބުނީ އެންމެ ގިނައިރު ވަންދެން ޕްލޭންކް ހެދި ބޮޑު މީހާގެ ރެކޯޑު ވެސް މުގުރާލަން މަސައްކަތް ކުރާނެ އެވެ. ޕްލޭންގައި ދުނިޔޭގެ ރެކޯޑަކީ 8 ގަޑިއިރާއި 15 މިނިޓެވެ.

މުލްހަމް ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑް މުގުރާލަން މަސައްކަތްކުރާނީ ބޮޑުވެގެން ތަމްރީނުތައް ހެދުމަށް ފަހު އެވެ. އެހެންވެ، މި ވަގުތު އޭނާގެ ހުރިހާ ޝައުގުވެރިކަމެއް ހުރީ އެ ތަމްރީނުތަކަށެވެ.

މުލްހަމްގެ މި އާދަޔާހިލާފު ކާމިޔާބީއާ ގުޅިގެން، އޮލިމްޕިކް ކޮމިޓީގެ ދައުވަތެއް ވެސް އޭނާ މިހާރު ވަނީ ލިބިފަ އެވެ.