ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އަނިޔާލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ވާހަކަތަކަކީ ވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެއްކެއް ބަޔާން ކުރުމަށް ފަހު އޭގެ ތެރެއިން ފަސް ހެއްކެއް ފުރިހަމަވާ ނަމަ އެ ބާވަތުގެ ކުށް ސާބިތުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަނިޔާލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިނުމާއި އެ ކުއްޖާ ދޭ ބަޔާނާއި މައްސަލަ ބަލާ ފަރާތަށް ކުއްޖާ ކިޔައިދޭ ކިޔައި ދިނުން އެ ގާނޫނުގައި އޮންނަނީ ވަކި ހެކިތަކެއްގެ ގޮތުގައި ހިމަނައިފަ އެވެ.
ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ވަކީލް އަލީ ޝާހު ހުށަހެޅި ދުސްތޫރީ މައްސަލާގައި ހައި ކޯޓުން މިއަދު ވަނީ އެ މާއްދާ އެއްކޮށް ބާތިލް ކުރެވެން ނެތް ކަމަށް ކަނޑައެޅުމަށް ފަހު އެ މާއްދާ މާނަކޮށްދީފަ އެވެ.
ޖިންސީ އަނިޔާ ލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިނުމަކީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި އެ މާއްދާގައި ބަޔާންކޮށްފައި އޮތަސް ހައި ކޯޓުގެ ހުކުމުގައިވަނީ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުމަކީ، ގާނޫނުގައި ބުނާ ފަސް ހެކި ހަމަ ކުރުމަށްޓަކައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. ކުއްޖާ އެކި މީހުންނަށް ކިޔައިދޭ ކިޔައި ދިނުންތަކަކީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމަކީ ނުހައްގު އަދަބުތަކެއް ބަޔަކަށް ދެވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
"އެކި ފަރާތްތަކުން ނުވަތަ އެކި އިދާރާތަކުގައި ކުއްޖާ ބުނާ ބުނުމުގެ ތެރެއިން ފަސް ފަރާތެއް ނުވަތަ އިދާރާއަކުން ފަސް ހެކި ހަމަކޮށް ހަމައެކަނި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތު ކުރުމަކީ ކުށުގެ ތުހުމަތުގައިވާ މީހާއަށް އަދުލު އިންސާފުގެ ހަމަތަކާ އުސޫލުން އަދަބެއް ދެވުމަށް ވުރެ ބޮޑަށް އެ މީހާގެ މައްޗަށް ނުހައްގުން އަދަބެއް ދެވުމުގެ ފުރުސަތު ބޮޑު ހާލަތެއް..،" ހުކުމް އިއްވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި އެވެ.
އެހެން ނަމަވެސް، ހަގީގަތެއް ނެތް ނުވަތަ އުފައްދައިގެން ކިޔައިދޭ ވާހަކައެއް ކަމަށް ބެލެވޭ ސަބަބެއް ނެތި އަދި ހާދިސާ ހިނގިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އަނިޔާ ލިބުނު ކުއްޖާ ކިޔައިދޭ ކިޔައި ދިނުމަކީ ފަސް ހެކި ހަމަކުރަން ވަކި ހެއްކެއްގެ ގޮތުގައި ބެލިދާނެ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.
އެކަމަކު އެ ހެކި ވެސް ބަލައިގަނެވޭނީ ހާދިސާ ހިނގި ދުވަހާ ކުއްޖާ އެ ވާހަކަ ކިޔައިދޭ ދުވަހާ ދެމެދު ދިގު މުއްދަތެއް ފާއިތުވެފައި ނުވުމާއި އެ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ބެލެވޭ ސަބަބެއް ނެތް ހާލަތެއްގައި ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ސަމީރު ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުގައި ނުހިމެނުނަސް ޝަރީއަތާއި ގާނޫނު ހުއްދަކުރާ އެހެން ހެކިތަކަށް ބަލައިގެން ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އަދި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރު ކަމަށްވާ ފަސް ހެކި ހަމަ ނުވިޔަސް ޝަރީއަތް ހުއްދަކުރާ އެހެން ހެކިތަކަށް ވެސް ބެލިދާނެ ކަމަށް ކަމަށެވެ.
ތުހުމަތު ކުރެވޭ މީހުންނަށް ހަނު ހުރުމުގެ ހައްގު ހަނިކޮށްފައި އޮތުން ރަނގަޅު
ކުށް ސާބިތު ކުރުމުގެ މިންގަނޑު ބާތިލް ކުރުމުގެ އިތުރުން ކުޑަކުދިންނާ ބެހުމުގެ ތުހުމަތު ކުރެވޭ މީހުންނަށް ހަނު ހުރުމުގެ ހައްގު ނުލިބޭ ގޮތަށް އޮންނަ ގާނޫނުގެ 27 ވަނަ މާއްދާގައި ބާތިލްކުރަން ވެސް ޝާހުގެ ފަރާތުން އެދުނަސް ކޯޓުން ނިންމީ ހަނު ހުރުމުގެ ހައްގު ހިފަހައްޓާފައި އޮތުން ރަނގަޅު ކަމަށެވެ.
އަސާސީ ހައްގުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހިފެހެއްޓިދާނެ ހައްގެއް ކަމަށް ވާއިރު ހަނު ހުރުމުގެ ހައްގަކީ ވެސް ގާނޫނަކުން ހިފެހެއްޓިދާނެ ހައްގެއް ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. އަދި ހަނު ހުރުމުގެ ހައްގު ހިފަހައްޓާފައި އޮތުމުން، ވަކި ގޮތަކަށް ބަޔާން ދިނުމަށް ތުހުމަތު ކުރެވޭ މީހާއަށް މަޖުބޫރު ނުވާނެ ކަމަށާއި ހަނު ހުރުމުގެ ހައްގު ނެތަސް ކަން ހިނގައިދިޔަ ގޮތް ތެދަށް ކިޔައި ދިނުމުގެ ހައްގު ތުހުމަތު ކުރެވޭ މީހާއަށް އޮންނާނެ ކަން ފަނޑިޔާރު ސަމީރު ފާހަގަކުރެއްވި އެވެ.
ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ބޮޑެތި އަދަބުތަކެއްް ކަނޑައަޅާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނަކީ 2009 ގައި ވުޖޫދަށް ގެނައި ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން އެތައް ބަޔަކަށް ކުށް ސާބިތުވެ، ބޮޑެތި ހުކުމްތައް އައިސްފައިވާއިރު އެ ގާނޫނުގެ ދަށުން ކުށް ސާބިތުކުރާ މިންގަނޑާ މެދު ގާނޫނީ ބައެއް ބޭފުޅުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.