ޕީޖީ ޝަމީމް: ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށްދެވޭ ޚާއްސަ ބާބަށް އަމަލު ކުރަން ވަނީ ފަށާފައި -- ފޮޓޯ/މިހާރު
11 އޯގަސްޓް 2020 - 11:35
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރެވޭ ގޮތަށް، ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބަޔާންކުރާ ޚާއްސަ ބާބަށް އަމަލުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގައި ޚާއްސަ އިޖްރާއާތުތަކަށް އަމަލު ކުރެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ދާދިފަހުން ވަނީ އިސްލާހެއް ގެނެސްފަ އެވެ. އިސްލާހުގެ ދަށުން ގެނައި 29 ވަނަ ބާބުގައިވާ އޮތް ގޮތުން އެފަދަ ހާލަތްތަކުގައި އެ ބާބަށް އަމަލުކުރާ ނަމަ، އެކަން އިއުލާން ކުރަން ޖެހޭނެ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ ބާރުގެ ދަށުން ޕީޖީ ހުސައިން ޝަމީމް އިއްޔެ ނިންމެވި ނިންމުމުގައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކުގެ ތެރޭގައި ތަހުގީގުތައް ނިންމައި، ދައުވާ ކުރަން ހުުރަސްތަކެއް ހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ، ސިއްހީ ކުއްލި ނުރައްކަލުގެ ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 29 ވަނަ ބާބުގައި ބަޔާންކުރާ ތަހުގީގާއި ދައުވާ ކުރުމުގެ އުސޫލުތަކަށް އަމަލު ކުރަން ނިންމެވީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ގާނޫނުގެ 29 ވަނަ ބާބު އޮތް ގޮތުން ޖިނާއީ އެކި ބާވަތުގެ މައްސަލަތަކުގައި ދައުވާކުރަން ޖެހޭ މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު ޕްރޮޮސެކިއުޓާ ޖެނެރަލަށް އޮންނާނެ އެވެ. އެގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންނަށް ދައުވާކުރަންޖެހޭ މުއްދަތާއި ގާނޫނުލް އުގޫބާތާއި ޓެރަރިޒަމްގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރަންޖެހޭ މުއްދަތު ވެސް އިތުރުކޮށް ދިނުމުގެ ބާރު އެ ބާބުން ޕީޖީއަށް ލިބެ އެވެ.
އެ ބާބުގެ ދަށުން ޝަރީއަތް ކުރުމުގެ ޚާއްސަ އިޖްރާއާތުތަކަށް އަމަލު ކުރަން ނިންމުމުގެ ބާރު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ވެސް ލިބެ އެވެ. އެހެންވެ، އެ ބާބަށް އަމަލުކުރަން ޑީޖޭއޭ އިން ވެސް ކުރިން އޮތީ ނިންމައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy