މައުމޫން ޕީޕީއެމްގެ އޮފީސް ބޭރުގައި: އެ މަނިކުފާނު ބާއްވަވާ އާއްމު ޖަލްސާ އޮންނާނީ އެ އޮފީހުގައި.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
24 އޮކްޓޯބަރ 2016 - 23:35
މައްސަލަ ޖެހި، ދެ ބައި ވެފައިވާ ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާއްވަވާ ޕާޓީގެ އާއްމު ޖަލްސާ އެ ޕާޓީގެ އޮފީހަށް ބަދަލުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އުޅުނު ޖަލްސާ ޕާޓީގެ އޮފީހަށް ބަދަލުކުރީ، އެ ފެކްޝަންގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި، އެންދެރިމާގެ ހުންނަނީ ސަލާމަތީ ގޮތުން ވަރުގަދަ ގްރީން ޒޯނެއްގައި ކަމަށް ވާތީ އެވެ. އެހެންވެ، އެ ޖަލްސާ ބާއްވާނީ އާޓިފިޝަލް ބީޗާ ދިމާލުން ކުރިމައްޗަށްވާ ގޮތަށް، ހ. ތެމާގައި ހުންނަ ޕާޓީގެ އޮފީހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގޮތަށް ނިންމީ [މައުމޫން ފެކްޝަންގެ] ކައުންސިލުން،" އޮފިޝަލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ ޖަލްސާ ބާއްވަން އެންމެ ފުރަތަމަ އުޅުނީ ދަރުބާރުގޭގަ އެވެ. އެކަމަކު، އިމްތިހާނެއް ކުރިއަށް ގެންދާތީ އެ ތަނުގެ މައި ހޯލު ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި ކާނިވާ ސަރަހައްދުު ހޯދަން އެދުނަސް، ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީން ޕީޕީއެމްގެ ގޮތުގައި ބަލަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ކަމަށެވެ.
މައުމޫން ފެކްޝަންގެ ޖަލްސާ ބާއްވަން ދަރުބާރުގެ ނުދިނަސް، ހައުސިން މިނިސްޓްރީން ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ މަސައްކަތްތައް ކުރަން ދަރުބާރުގެ ދީފަ އެވެ.
މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު، ރައީސް ޔާމީނާ ދެމެދު ޖެހުނު މައްސަލަ ބޮޑުވެ، ވެރިކަން ކުރާ ޕީޕީއެމް ވަނީ ދެ ބައިވެފަ އެވެ. ރައީސް ޔާމީންގެ ފެކްޝަނުގަ އާއި މައުމޫންގެ ފެކްޝަނުގައި ވެސް ކައުންސިލަކާ އެކު ދެ ލީޑަޝިޕް އުފެދިފައި ވާއިރު، ކޮންމެ ފަޅިއަކުން ވެސް ދެކެނީ އަނެއް ފަރާތުގެ ނިންމުންތައް ސައްހަ ނުވާނެ ކަމަށެވެ. ކޮންމެ ފެކްޝަނަކުން ވެސް ބުނަނީ ސައްހަ ޕީޕީއެމް އަކީ އެ ބަޔަކު ކަމަށެވެ.
އެ މައްސަލައިގައި، ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ހުކުމް ގަބޫލުނުކޮށް، މައުމޫންގެ ފެކްޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ، ދައުލަތުގެ އިދާރާތަކުން މިހާރު ބަލައިގަންނަނީ ރައީސް ޔާމީންގެ ފެކްޝަނުން ނިންމާ ނިންމުންތަކެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނައްވަރު
25 October 2016
ކަޑައެޅިގެން ދޮގު މައުމޫން ފެކްޝަނުން އިސްތިއުނާފު ނުކުރޭ..
އަލިދީދީއައްޑޫސިޓީ
25 October 2016
ބުރާސްފަތި ދުވަހުގެރޭ މަތިހަމަގެ ބަންދު. ހުރިހާ ކުދިން ޒައީމުގެ ޖަލްސާ ބެއްލެވުމަށް ވަޑައިގަންނަވާތި.! އެއްބާރުލުން ދޭންވާނެ. ފުލުސްކުދިން ވެސް ޒައީމަށް އެއްބާރުލުން އެރެޔަކު ދެއްވާތި!
އައްޑޫ ރަދުން
24 October 2016
ރައީސް މައުމޫން މިނުބައި ކަމުގައި ބައިވެރިނުވެ ގައުމު ކުރިއަށް ނެރިގެން ތިކުރާ މަސައްކަތް ކާމިޔާބުވާނެ...
ހުއްބުލްވަޠަން
24 October 2016
މައުމޫނަށްވެސް ޖެހުނު ހާލު ވިސްނާ ލައްވާ! އިބްރަތްތެރި ފިލާވަޅުތަކެއް.
ވަަތަނުލްހުއްބު
25 October 2016
މައުމޫނު އެކަނިތޯ؟ ނިކަން ވަށައިގެން ބައްލަވާލައްވާ. ކޮންމެ މީހަކުވެސް ތިމާއަށް ކަމެއްދިމާވީމާ ރެއަކާލަނީ