ލިޒްބަން (އޮގަސްޓް 15) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބޮޑު ތަފާތަކުން ލަދުވެތި ގޮތަކަށް 8-2 އިން ބަޔާން މިއުނިކް އަތުން ރޭ ބަލިވި ނަމަވެސް ބާސެލޯނާގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކީކޭ ސެޓިއެން ބުނެފި އެވެ.
ޖެނުއަރީ މަހު ސެޓިއެން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވިއިރު އެ ޓީމު އޮތީ ސްޕެނިޝް ލީގުގެ އެއް ވަނައިގަ އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ދެ މަހަށް ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މިދިޔަ ޖޫން މަހު އަލުން ފެށި ފަހުން ބާސެލޯނާގެ ލީޑު ގެއްލި ފަހުން ލީގު ވެސް ގެއްލުނީ އެވެ. ލީގު ގެއްލުމުގެ ޒިންމާގެ ހުރިހާ ކަމެއް އޭނާ ބޮލުގައި ނޭޅުވޭނެ ކަމަށް ސެޓިއެން މީގެ ކުރިން ވަނީ ބުނެފަ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ރޭ ބަޔާން އަތުން ބަލިވި މެޗަށް ފަހު ސެޓިއެން ބުނީ އިސްތިއުފާ ދިނުމަކީ އޭނާ ގަބޫލުކުރާގޮތުގައި ހައްލެއް ނޫން ކަމަށެވެ.
"އަހަރެން މި ހުރި ހިސާބުން ދޫކޮށްލާފައި ދިއުމަކީ ރަނގަޅު ކަމެއް ކަމަށް ނުދެކެން. އަނެއްކޮޅުން އަހަރެން މި ޓީމުގައި ދެމިހުންނާނެތޯ ނޫނީ ދާނެތޯ އޭގެ އަށް ގޮތެއް ނިންމައި ވާހަކަ ދެއްކުން އަދި ތަންކޮޅެއް އަވަސް. ވަރަށް ފުޅާ ދާއިރާއެއްގައި މި ކްލަބާ މެދު ވިސްނަން އެބަޖެހޭ. މި ފަދަ ހިތްދަތި ނަތީޖާ އަކުން ބަލިވާން ދިމާވި ސަބަބު ހޯދުން އެ އެންމެ މުހިއްމު ކަންތައް،" ރޭގެ މެޗަށް ފަހު ސެޓިއެން ބުންޏެވެ.
ޖެނުއަރީ މަހު އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ބާސެލޯނާ އިން ސެޓިއެން ސޮއިކުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. މިއީ 2003 ވަނަ އަހަރަށް ފަހު ސީޒަނެއްގެ މެދުތެރެއިން ބާސެލޯނާ އިން އާ ކޯޗަކާ ޓީމު ހަވާލުކުރި ފުރަަތަމަ ފަހަރެވެ. މި ސީޒަނަށް ފަހު ސެޓިއެންގެ ކޮންޓްރެކްޓްގައިވާ ވަކި މާއްދާތަކެއް ފުރިހަމަނުވާނަމަ ވަކިކުރާ ގޮތަށް އޮތީ ކޮންޓްރެކްޓްގައި ހިމަނައިފަ އެވެ. ރޭގެ ނަތީޖާ އަށް ފަހު ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް މުހިއްމު ކަންތައްތަކެއް ނިންމައި އެކަން އިއުލާނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާގެ ބޯޑުގެ މެޖޯރިޓީން ބޭނުންވަނީ ސެޓިއެން ވަކިކޮށް އާ ކޯޗަކާ އެކު ރަނގަޅު ޕްލޭނެއް އެކުލަވާލައިގެން ކުރިއަށްދާށެވެ.
ބާސެލޯނާގެ ތެރޭގައި ސިޔާސީ ގޮތުންނާއި އެހެނިހެން ސަބަބުތަކެއް މެދުވެރިވެ ގިނަ މައްސަލަތަކެއް އޮތީ ކުރިމަތިވެފަ އެވެ. އަންނަ އަހަރު ބާސެލޯނާ ރައީސަކު ހޮވާ އިންތިހާބު އޮތްއިރު، މިހާރުގެ ރައީސް ބާޓޮމެއު އިތުރު ދައުރަކަށް ހޮވޭނެ ކަމާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވާ ވިކްޓަ ފޮންޓް ތުހުމަތުކުރާ ގޮތުގައި ބާޓޮމެއުގެ ލީޑަޝިޕްގައި ނިންމަމުން އަންނަ ގޯސް ނިންމުންތަކުގެ ސަބަބުން ބާސެލޯނާ ދަނީ ފަހަތަށެވެ. ފޮންޓް ވިދާޅުވީ މިހާރު އޭނާ އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ގޮސްފިނަމަ މަދުވެގެން ދޮޅު އަހަރު ތެރޭގައި ބާސެލޯނާ ކުރިން އޮތް ލެވަލަށް ގެންދެވޭނެ އެވެ.
ފޮންޓް ބޭނުންވަނީ ބާސެލޯނާގެ ކޯޗަކަށް ކުރީގެ މިޑްފީލްޑަރު އަދި މިހާރު ގަތަރުގެ އަލް ސާދުގައި ހުރި ކޯޗު ޒަވީ ހެނާންޑޭޒް ގެންނާށެވެ. ޖެނުއަރީ މަހު ބާސެލޯނާގެ މިހާރުގެ ބޯޑުން ޒަވީ އެ ޓީމުގެ ކޯޗަކަށް ގެންނަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ރިޕޯޓްތައް ބުނާގޮތުން ޒަވީ އެ ފުރުސަތު ދޫކޮށްލީ މިހާރު އޮތް ކްލަބްގެ ބޯޑާ އެކު މަސައްކަތްކުރަން ބޭނުންނުވާތީ އެވެ.