ބާސެލޯނާ (އޮގަސްޓް 17) - ޗެމްޕިއަންސް ލީގުގައި ލަދުވެތި ގޮތަކަށް ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެން ބާސެލޯނާ އިން އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ވަކިކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ ބޯޑުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާއިރު އެ ބައްދަލުވުމަށް ފަހު ސެޓިއެން ވަކިކުރިކަން ރަސްމީކޮށް އިއުލާނުކުރާނެ އެވެ. މީގެ އިތުރުން އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ ބާސެލޯނާގެ ރައީސަކު ހޮވާ އިންތިހާބު އަވަސްކުރަން ގޮވާލާތީ އެކަން ކުރުމާ ބެހޭގޮތުން ބޯޑު މެމްބަރުންގެ ލަފަޔަކަށް ވެސް އަހާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ބޯޑު މެމްބަރުންގެ ތާއީދު ލިބިއްޖެނަމަ އަންނަ ނޮވެމްބަރު މަހު ބާސެލޯނާގެ އިންތިހާބު ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ ޓީވީ އަކުން ރިޕޯޓްކުރާގޮތުގައި ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ ގާތް ފަރާތަކުން ވަނީ ސެޓިއެން މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ޖެނުއަރީ މަހު ބާސެލޯނާ އިން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް 2003 ވަނަ އަހަރަށް ފަހު ސީޒަން މެދުތެރެއިން ފުރަތަމަ ފަހަރަށް ކޯޗު ބަދަލުކުރި އެވެ. އޭރު ސެޓިއެންއާ ޓީމު ހަވާލުކުރީ 2022 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ. އެކަމަކު އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނަކަށް ފަހު އެއްބަސްވުން ރިވިއުކޮށް ވަކި ޓާގެޓްތަކެއް ހާސިލްނުވެއްޖެނަމަ އޭނާ މަގާމުން ވަކިކުރެވިދާނެ ކަމަށް ލިޔެވިފައިވެ އެވެ.

ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެންގެ ކޯޗުކަމުގައި ބާސެލޯނާ އަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވެ އެވެ. މި ފަހަރު ލީގުގެ ރޭހުގައި ވެސް ކުރީގައި އޮތް ބާސެލޯނާ އަށް ފަހު އެ މުބާރާތް ގެއްލުނުއިރު، މިއީ ފާއިތުވި 12 އަހަރު ތެރޭ ތަށްޓެއް ނުލިބި ބާސެލޯނާ އިން ސީޒަން ފުރިހަމަކުރި ފުރަތަމަ އަހަރެެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާގެ ކޯޗަކަށް ގެންނަން އެ ކްލަބްގެ ބޯޑަށް ހުށަހަޅާ ނަންތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ކުރިން އެ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އެއީ ގަތަރުގެ އަލް ސާދުގައި ހުރި ޒަވީ ހެނާންޑޭޒާއި ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަދި އެމްއެލްއެސްގެ މޮންޓްރެއަލް އިމްޕެކްޓާ ހަވާލުވެ ހުރި ތިއަރީ އޮންރީ އެވެ. މީގެ އިތުރުން ދެން އެ ލިސްޓުގައި ހިމެނެނީ ޓޮޓެންހަމްގައި އެންމެ ފަހުން ހުރި މައުރީސިއޯ ޕޮޗެޓީނޯ އާއި އަޔަކްސްގެ އެރިކް ޓެން ހާގްގެ އިތުރުން ފްރާންސްގެ ލޯރެންޓް ބްލޮންކް އެވެ.