ބާސެލޯނާ (ޑިސެމްބަރު 1) - ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން އެ ޓީމު ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް މި އަހަރުގެ ޖެނުއަރީ މަހު ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ގެނައީ 2022 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެކަމަކު މަގާމުގައި އޭނާ އަށް ދެމިހުރެވުނީ އަށް މަސް ދުވަސް ވަންދެނެވެ. އޭނާ ވަކިކުރަން ބާސެލޯނާ އިން ނިންމީ މިދިޔަ އޮގަސްޓް މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން 8-2 އިން ބަލިވި މެޗަށް ފަހު އެވެ. އެކަން ސްޕެއިނުގެ ނޫސްތަކަށް އެންގީ ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއުއާ އެވެ.
ސެޓިއެން ބުނީ މަގާމުން ވަކިކުރިކަން އޭނާ އަށް ރަސްމީކޮށް ބާސެލޯނާ އިން އެންގީ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ފެކުހެއް މެދުވެރިކޮށް ކަމަށާއި އޭގެ ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. ސެޓިއެން ވަކިކުރަން ބާސެލޯނާ އިން ނިންމީ އެ އެއްބަސްވުމުގައިވާ ކޮންމެ ސީޒަނެއް ނިމުމުން ވަކި ކަންތައްތަކެއް ފުރިހަމަ ނުވެއްޖެނަމަ ސެޓިއެން ވަކިކުރަން ބާސެލޯނާ އަށް އިހުތިޔާރު ލިބޭ މާއްދާ އަށް ބަލައިފަ އެވެ. އެކަމަކު މިދިޔަ ސީޒަނަކީ އެއްކޮށް ސެޓިއެން އަށް ފުރިހަމަ ސީޒަނެއްގެ ގޮތުގައި ނުގުނޭނެތީ އެ މާއްދާ އަށް ބަލައި އޭނާ ވަކިނުކުރެވޭނެކަަމަށް ސެޓިއެން ގަބޫލުކުރެ އެވެ. އަދި އެ ގޮތަށް ބާސެލޯނާ އިން ކޮންޓްރެކްޓް ކެންސަލްކުރާނަމަ މާލީ ބަދަލެއްގެ ގޮތުގައި މަދުވެގެން 10 މިލިއަން ޑޮލަރު ހޯދަން ސެޓިއެން ޑިމާންޑްކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އެގޮތަށް އެއްބަހެއް ނުވެ އެވެ.
މައްސަލަ ކޮޅެއްގައި ނުޖެހި އެންމެ ފަހުން ސެޓިއެން ވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް ކަޓަލޫނިއާ ކޯޓަކަށް ބާސެލޯނާއާ ދެކޮޅަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ. ސެޓިއެންގެ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ދެ ފަހަރެއްގެ މަތިން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިފަ އެވެ. އެކަމަކު މާލީ ބަދަލުދޭން ބާސެލޯނާ އިން ބޭނުންވަނީ ބަހާލައިގެން ކަމަށް ބުނާތީ ސެޓިއެން އެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުމެއްނުވެ އެވެ.