ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާ ހުށަހެޅި މައުލޫމާތަށް: ނިޝާމާ

ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެންނަން، ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި މައުލޫމާތާއި މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ހުށަހެޅުއްވި މައުލޫމާތަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާމަން ނިޝާމާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލްކަމެއް ނެތް ދުބާއީގެ އާދައިގެ ކުންފުންޏެއްގެ އިތުރުން ދެން ހޮވީ ރާއްޖޭގެ މެޑްޓެކާއި ނާޑް އެވެ. މި ތިން ކުންފުނި ހޮވުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން އޮޑިޓަ ޖެނެރަލް ނެރުއްވި ޚާއްސަ އޮޑިޓުގައިވެ އެވެ.

މި އޮޑިޓްގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާ ހިއްސާކުރައްވައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި ބިޑް ކޮމިޓީ އާއި ހެލްތުގެ މާލީ ޒިންމާދާރުވެރިޔާގެ އިހުމާލު ބޮޑު ކަމަށެވެ. ވެންޓިލޭޓަރު ގެނައުމުގައި މަަކަރާއި އޮޅުވާލުންތައް ހެދި ދުބާއީގެ ކުންފުނި ހޮވީ މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރުގެ މަޝްވަރާކުރުމަށް ފަހު ކަމަށް، އޮޑިޓް އޮފީހުން ބުނެ އެވެ.

ހެލްތު އޮޑިޓް ނެރުމާ އެކު ރައީސް އޮފީހުން ވަނީ ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ ސަސްޕެންޑްކޮށްފަ އެވެ.

މި އޮޑިޓް ނެރުމާ އެކު ބިޑް ކޮމިޓީން އަމަލުކުރި ގޮތާ މެދު ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރައި ބަދުނާމުކުރަމުންދާ ކަމަށް ވިދާޅުވެ، ނެރުއްވި ބަޔާނުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ ވިދާޅުވީ ކޮމިޓީގެ ޗެއާގެ ހައިސިއްޔަތުން އަމަލުކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވާނީ ލިބިފައިވާ ލިޔެކިއުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ނިޝާމާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭން އޭނާ މަސައްކަތް ކުރައްވައިފައެއް ނުވާނެ އެވެ.

ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލުކުރަން ބިޑް ކޮމިޓީން ނިންމި އެއް ސަބަބަކީ އެ ކުންފުންޏަކީ ހެލްތު މިނިސްޓަރު އަމީން، ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މެދުވެރިކޮށް ހޯއްދެވި ފަރާތެއް ކަމަށް ބިޑް ކޮމިޓީ އަށް ލިއުން ހުށަހަޅާފައިވުން ކަމަށް ނިޝާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ އިތުރުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން މައުލޫމާތު ސާފުކޮށް، ކުންފުނި ހޮވިއިރު ހެލްތުގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ބިޑް ކޮމިޓީ އަށް ހާޒިރުވެ ދެއްވި މައުލޫމާތުތަކުގެ މައްޗަށް ބުރަވި ކަމަށެވެ. ވެންޓިލޭޓަރު ހޯދުން ސިންގަލް ސޯސްކޮށް ކުރިއަށް ގެންދިއުމުގެ ހުއްދަ ފިނޭންސް މިނިސްޓަރު ދެއްވައި، އެއީ ކޮންމެހެން ހޯދަން ޖެހޭ ތަކެއްޗަށް ވުމާއި ވަގުތާއި ހާލަތަށް ބަލައި ވެންޓިލޭޓަރުތައް ނުލިބި ލަސްވެއްޖެ ނަމަ މީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބަޔާންކޮށް ފިނޭންސް މިނިސްޓްރީގެ ސިޓީއެއް ބިޑް ކޮމިޓީ އަށް ލިބިފައިވާ ކަމަށް ވެސް ނިޝާމާގެ ބަޔާނުގައިވެ އެވެ.

ފިނޭންސްގެ ސިޓީގައި ހުއްދަ ދީފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ސިންގަލް ސޯސްކޮށް ކުރިއަށް ގެންދިއުމަށެވެ.

ނިޝާމާ ވިދާޅުވި ގޮތުގައި އޭސީސީން ތަހުގީގެއް ހިންގަނިކޮށް ކަން ހިނގާފައިވާ ގޮތް އޮޅޭ ގޮތަށް ވާހަކަ ދައްކަނީ އެ ތަހުގީގަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވާށެވެ. މައްސަލައިގައި ބިޑް ކޮމިޓީގެ މެމްބަރުންގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި އެކަމުގައި ބައިވެރިވި އެންމެން ޝާމިލްކޮށް ފުރިހަމަ ތަހުގީގެއް ހިންގައި ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޝާމާ ވިދާޅުވީ ބިޑް ކޮމިޓީން އަމަލުކުރި ގޮތް ކަމާ ގުޅޭ އިދާރާތަކަށް ހިއްސާކުރައްވާނެ ކަމަށެވެ. އަދި ތަހުގީގުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޮޑިޓުގެ ކުރިން ވެސް އެގްޒެކިއުޓާސްއާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

މި ކުންފުނި ހޮވީ، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވާ ގޮތުގައި އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. މާތުރު މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ދުބާއީގެ ކުންފުންޏަށް ދޫކުރި އެޑްވާންސް ޕޭމަންޓު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ވެސް އުޅުނު ކަމަށް، އޮޑިޓް އޮފީހުން ބުނެ އެވެ. ނަމަވެސް އެކަން ފިނޭންސް މިނިސްޓްރީން ހުއްޓުވީ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަހުގީގުކޮށްދޭން ރައީސް އޮފީހުން ވަނީ އޭސީސީގެ އިތުރުން ފުލުސް އޮފީހުގައި ވެސް އެދިފަ އެވެ.