މާލެ ސިޓީ ކައުންސިލަށް އިންޑިއާއިން 16 ވެހިކަލް ހަދިޔާކޮށްފި

އިންޑިއާއިން މާލެ ސިޓީ ކައުންސިލަށް މިއަދު ފަސް ވެހިކަލް ހަދިޔާކޮށް، މާލޭގެ އެކި ކަންކަމަށް އިންޑިއާ ސަރުކާރުން ދޭން ނިންމާފައިވާ 16 ވެހިކަލް ހަވާލުކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.


ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ހޭދަކޮށްގެން ހޯދައިދިން ވެހިކަލްތަކުގެ ފުރަތަމަ ޝިޕްމަންޓް ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން ސިޓީ ކައުންސިލަށް ވެހިކަލް ދީފައި ވެ އެވެ.

ސިޓީ ކައުންސިލާ މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ޕިކަޕަކާއި ފޯކްލިފްޓަކާއި ޑަމްޕަރު ހިމެނެ އެވެ.

ވެހިކަލްގެ އެންމެ ފަހު ޝިޕްމެންޓް ހަވާލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާލެ ސިޓީ ކައުންސިލްގެ ޒިންމާތައް މަތިވެފައިވާ ކަމަށެވެ. އެހެންވެ އެ ވެހިކަލްތަކުގެ ސަބަބުން މާލެގައި އުޅޭ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލްގެ ހިދުމަތްތައް ދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ވެހިކަލް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ، އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ހައި ކޮމިޝަނަރު ވިދާޅުވީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި 12.5 މިލިއަން ޑޮލަރުގެ އެހީދެ ދަށުން ރާއްޖޭގައި ހިންގާ 28 ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ ލާމަރުކަޒީ ސިފައެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިންގާ މަޝްރޫއުތަކަށް ހެދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އާބާދީގެ ދެބައިކުޅަ އެއްބައި އުޅެމުން ދަނީ މާލޭގައި ކަމަށް ވުމުން، މާލޭގައި ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ސީދާ ގޮތެއްގައި ފައިދާވާނެތީ މާލޭގައި ހިންގާ މަޝްރޫއުތަކަށް ހާއްސަ މުހިއްމުކަމެއް ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަކަށް ފަންޑުކުރީ މިދިޔަ އަހަރުގެ މާޗު މަހު އިންޑިއާއިން އިއުލާނުކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. އެ އެހީގެ ދަށުން ހިންގާ އެކި މަޝްރޫއުތަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު އެ މަޝްރޫއެއް މެނޭޖްކުރަނީ ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތައް ގުޅިގެންނެވެ.