ޚަބަރު / މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

އިސްލާހުތަކާއެކު މަތީ ތައުލީމުގެ ބިލް އަލުން ހުށަހަޅަން އެދިއްޖެ

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، ހަޔަ އެޑިއުކޭޝަން ކައުންސިލްގެ ފަރާތުން ޑރ. ހަސަން ހަމީދު (ވ)، ޝަރީފް އަދި މަރިޔަމް ނޫރައްދީން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

26 އޯގަސްޓް 2020 - 17:27

3 comments
happy icon 38%

މަތީ ތައުލީމުގެ ބިލުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އިސްލާހުތަކާއެކު އެ ބިލް އަލުން ހުށަހެޅުމަށް، ހަޔަ އެޑިއުކޭޝަން ކައުންސިލުން މިއަދު އެދިއްޖެ އެވެ.

މަތީ ތައުލީމާ ގުޅުންހުރި ކަންކަމުގައި ސަރުކާރަށް ލަފާ ދިނުމަށް އުފައްދާފައިވާ ކައުންސިލްގެ ފަރާތުން، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ ބިލުގައި ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން އެބަހުރި ކަމަށެވެ. އެހެންވެ ކޮމިޓީ މަރުހަލާގައި އޮތް ބިލް އަނބުރާ ގެނައުމަށް، އެ ކައުންސިލްގެ ގިނަ މެމްބަރުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަތީ ތައުލީމާ ބެހޭ ބިލް މިހާރު އޮތީ، ހަޔަ އެޑިކޭޝަން މިނިސްޓްރީގެ މެންޑޭޓު ބިލަކަށް ހަދާފައި ކަމަށެވެ. މިހާރު އެ އޮތް ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ މިނިވަންކަން ކުޑަވާ ކަމަށާއި ނޭޝަނަލް ރިސާޗް ކައުންސިލް އެކުލަވާލާފައިވާ އޮތް ގޮތް ވެސް ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.

ގާނޫނަކީ ވަކި ފަރުދަކަށް ވުރެ މުހިއްމު އެއްޗެއް ކަމަށާއި އަވަސް އަރުވާލައިގެން ގާނޫނު ފާސްކުރުމުން އޭގެ ދަތިތައް ފަހުން ވަރަށް ބޮޑަށް ދިމާވާނެކަމަށް ވިދާޅުވި އެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ދެއްކެވީ ވަޒީފާއާ ބެހޭ ގާނޫނެވެ. އެ ގާނޫނުން އަދި ވެސް އަރައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މަތީ ތައުލީމާ ބެހޭ ގާނޫނު ވެސް ވަރަށް ވިސްނާފައި ނޫނިއްޔާ ފާސްކޮށްގެން ނުވާނެ،" ޑރ. ހަސަން ވިދާޅުވި އެވެ.

ޓްރެއިނިންއާ ބެހޭ ބަޔަށް ވަކި ގާނޫނެއް އޮންނަން ފެންނަކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކައުންސިލްގައި އަމިއްލަ ކޮލެޖުތައް ތަމްސީލުކުރައްވާ، ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ އެމްކިއުއޭ އަކީ ރާއްޖޭގައި ޕްރައިވެޓް ސެކްޓާގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އިންސްޓިޓިއުޝަން ކަމަށެވެ. ޕްރައިވެޓް ސެކްޓާ ކުރިއަރައި ދިޔައިރު 20 އަހަރުވީ އޮތޯރިޓީ އޮންނަން ޖެހުނީ ފަހަތުގައި ކަމަށާއި އޭގެ ސަބަބެއް ކަމަށް ބެލެވެނީ، ޝަރީފް ވިދާޅުވި ގޮތުގައި، އެމްކިއުއޭ، ސަރުކާރުގެ އޮފީހެއްގެ ޑެސްކެއްގެ ގޮތުގައި މަސައްކަތްކުރާތީ އެވެ.

އެހެން އޮތުމުގެ ސަބަބުން އެމްކިއުއޭއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ޕްރޮގްރާމެއް އެޕްރޫވްކޮށްފައި އޮވެފައި އެ ޕްރޮގްރާމެއް މުއްދަތު ކުރުކޮށްލަން ވީމަ ވެސް އެތަނަށް ގުޅައިގެން މުއްދަތު ކުރުކޮށްލައި އެކަހަލަ ކަންތައްތަކެއް ވެސް ފެނިގެން ދިޔަ. އެހެންވީމަ މި ބިލުން އެބަޖެހޭ އެމްކިއުއޭ ވަކި ބޮޑީއެއް ގޮތަށް އޮންނަން،" ޝަރީފް ވިދާޅުވި އެވެ.

އެ ބިލް ފަރުމާކޮށްފައިވަނީ އެމްކިއުއޭއަށް ގާނޫނީ ބާރު ލިބޭ ގޮތަށެވެ. އޭގެ އިތުރުން އަމިއްލަ ޔުނިވާސިޓީތައް ހެދުމުގެ ފުރުސަތުތައް ވެސް، ކޮލެޖުތަކަށް ލިބޭނެ އެވެ.

ޝަރީފް ވިދާޅުވީ ޕްރައިވެޓް ޔުނިވާސިޓީ އުފައްދާއިރު މިހާރު ހުރި ޔުނިވާސިޓީތަކުގެ މެންޑޭޓަށް ވަރަށް ބޮޑަށް ފެތިގެންދާތަން އަންނަކަމަށެވެ. އެ ކޮލެޖުތަކުން ސަރުކާރަށް ވަރަށް ބޮޑަށް ޖަވާބުދާރީވާންޖެހޭ ކަމަށާއި އެކަމަކު މިހާރު ހުރި އިންސްޓިޓިއުޝަންތަކަށް އެހީތެރިކަން ދެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށް ވިދާޅުވި އެވެ.

އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ ކުރީގެ ސަރުކާރުގައި ވެވޯލްޑް ބޭންކުގެ އެހީގައި މަތީ ތައުލީމާ ގުޅޭގޮތުން ހެދި ދިރާސާ އަދި މި ސަރުކާރުން ވެސް ވޯލްޑް ބޭންކުގެ އެހީގައި ތައްޔާރުކުރި މާސްޓަ ޕްލޭންގައި ފާހަގަކޮށްފައިވާ ކަންކަމަށް ވެސް، ބިލުގައި އެއްވެސް ވަރަކަށް އަލިއަޅުވާލާފައި ނުވުމެވެ.

"ހަގީގަތަކީ މިހާރު ވެސް އެމްކިއުއޭ ލޫޒް ވީމަ އެހާ ބޮޑަށް ފަރުވާ ކުޑަވީމަ އެތަނުގެ ބަޖެޓެއް ނެތި، އެތަން ވަރުގަދަނުވީމަ އެއްކަލަ ޕްރައިވެޓް ސެކްޓާގައި ވެސް އަދި މުޅި އިންޑަސްޓްރީގައި ވެސް ކޮލިޓީ ނުހިފެއްޓޭ،" ޝަރީފް ވިދާޅުވި އެވެ.

އެ ފަރާތްތަކުގެ ރިކޮމެންޑޭޝަނަކީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ، މިނިވަން ވަކި މިނިސްޓްރީއެއްގެ ގޮތުގައި މަސައްކަތްކުރުމާއެކު އެމްކިއުއޭ އާއި ނޭޝަނަލް ރިސާޗު ސެންޓަރާއި ޓިވެޓް އޮތޯރިޓީ ވެސް ވަކި ކޮށްލުމެވެ. ޕޮލިޓެކްނިކް އަދި ވޮކޭޝަނަލް އަށް ބޭނުންވާ ސްޓޭންޑަޑްތައް އުފައްދައި ކޮލިޓީ ދަމަހައްޓާނީ ޓިވެޓް އޮތޯރިޓީންނެވެ. އެމްކިއުއޭއިން ޕްރޮގްރާމްތައް ރެގިއުލޭޓްކޮށް އެޕްރޫވްކުރާއިރު މިނިސްޓްރީގެ މަސްއޫލިއްޔަތަކީ މަތީ ތައުލީމް ދޭ ތަންތަން ރަޖިސްޓްރީކުރުން ކަމަށް ވިދާޅުވި އެވެ.

އެ ދެތަން ވަކިވެ ފެންވަރު މަތިވެގެން ނޫނީ ހަޔަ އެޑިއުކޭޝަން ސެކްޓާ ވަރުގަދައެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެ ކައުންސިލްގެ މެމްބަރު މަރިޔަމް ނޫރައްދީން ވިދާޅުވީ ޓިވެޓް އޮތޯރިޓީ އުފެދޭނީ އެ ބިލުގައި ތެރެއިން ކަމަށް ބަދަލުކޮށް އެ ބާބުގައި ވޮކޭޝަނަލް އެޑިއުކޭޝަނަކީ ކޮބައިކަމާއި އެކަމުގެ ތަފްސީލުތައް ބަޔާންކުރުން މުހިއްމު ކަމަށެވެ. އަދި ޓިވެޓް އޮތޯރިޓީ ބިނާވާންޖެހޭނީ ރާއްޖޭގެ ވަޒީފާގެ ބާޒާރު ވެސް ދުވަހުން ދުވަހަށް ބަދަލުވަމުންދާތީ އެއަށް އަމާޒުކޮށް ތަމްރީނު ދެވޭނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވެސް ވަނީ އެމްކިއުއޭއަށް އަމިއްލަ ބާރުވެރި މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހަޔަ އެޑިއުކޭޝަން ކައުންސިލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދެވި ކައުންސިލެކެވެ. އެކަމަކު އޭރު އެ ކައުންސިލް އޮތީ "މަތީ ތައުލީމާ ބެހޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގަ އެވެ. އެ ކައުންސިލްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާއި ތަފާތު އެކި މިނިސްޓްރީގެ ބޭފުޅުންނާއި އަމިއްލަ ފަރާތްތަކާއި ޓެކްނިކަލް ދާއިރާ އަދި ޔުނިވާސިޓީގެ ޗާންސެލަރުން ހިމެނިވަޑައިގަންނަވަ އެވެ. ނައިބު ރައީސް ޗެއާކުރައްވާ ކައުންސިލްގެ މަސައްކަތަކީ މަތީ ތައުލީމާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާ ދިނުމެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 11%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއުމާ މޫސާ

27 August 2020

ބިލު މަޖިލިހުގެ ކޮމެޓީގައި ބާއްވައިގެންވެސް އިސްލާހް ހުށަހެޅިދާނެ، އަދި މަޖިލިހުގެ ތަޅުމުގައިވެސް އިސްލާހް ހުށަހެޅިދާނެ، ބިލު ވީހާވެސް އަވަހައް ފާސްވާންޖެހޭ، މިހާރު އޮންނަންވާނީ ކުރަންބޭނުންވާ ދިރާސާކުރެވިފައި

The name is already taken The name is available. Register?

އުމަރުބެ

27 August 2020

މިދިޔަ އެތަކެއް އަހަރެއްގައި ރާއްޖޭގެ މަތީތައުލީމް ހިންގާފައިވަނީ ޤާނޫނެއްނެތި، އަދި ދައުލަތުގެ ދެ ޔުނިވަސިޓީ އުފެދިގެން ދިޔައީވެސް ޤާނޫނެއްނެތި، މިއަދު އެމްޑީޕީން ބޭނުންވަނީ ޤާނޫނު ހަދައިގެން ކަންކަން ހިންގަން، އެފުރުސަތު ގެއްލުވާލަން އަނެއްކާވެސް ޑރ. ހަސަން ބޭނުންފުޅުވަނީ ދައުލަތުގެ ޔުނިވަސިޓީގެ ޗާންސެލާގެ މަގާމުގައި ހުންނެވީމަތޯ؟ އެއްގޮތަކަށްވެސް ބިލު ގެންނާނެކަމެއްނެއް، ހަމަ ފާސްކޮށް ޤާނޫނީ ރައްކާތެރިކަން ސެކްޓަރަށް ދޭންޖެހޭ

The name is already taken The name is available. Register?

ރަންނަބަނޑޭރި

27 August 2020

ރައްޔިތުން މިޖިލީހުގަ މިކުޅޭ ޑްރާމާއާއި ގެރިޒުވާބު އެއްފަރާތްކޮށްފަ މިފަދަ ކައުންސިލްތަކުގަ ތިއްބެވި ތަޖުރިބާކާރު ޤާބިލް ބޭފުޅުން ދެއްވާ އޮށްޓަރުހުރި އިރުޝާދަށް އަމަލުކުރުން މާއައުލާކަން ބޮޑު. ދެންހުރި އެޑްވައިޒަރީ ކައުންސިލްތަކުންވެސް ތަންކޮޅެއް އެކްޓިވްވެ ސަރުކާރުގެ ޕޮލިސީ ބައްޓަންކުރުމުގަ މިހާރަށްވުރެ އަޑުހަރުކޮށް ބަސްކިޔަންވެއްޖެ. އިޤްތިޞާދު ހަމައަކަށް އަޅުވަން ސިޔާސަތު އަލުން އެކަށައަޅަންވެފަ ވާއިރު އިޤްތިޞާދީ ކައުންސިލުން ކުރަނީ ކޮންކަމެއްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!