ވިލިނގިއްޔަށް ނޭރުވި ކޮވިޑް ބަލި މީހާ އަނބުރާ ތިނަދުއަށް ގެންގޮސްފި

ގ. ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީ އަށް ގެންދިޔަ ކޮވިޑް-19 ގެ ބަލި މީހަކު އެ ރަށަށް އަރުވަން ރައްޔިތުން ދެކޮޅު ހެދުމުން ގދ. ތިނަދު އަށް އަނބުރާ ގެންގޮސްފި އެވެ.


ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ވިލިނގިއްޔަށް ގެންދިޔައީ ތިނަދޫން އެ ބައްޔަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހެކެވެ. ސީ އެމްބިއުލާންސްގައި އެ މީހާ ވިލިނގިއްޔަށް ގެންދިއުމުން އެރަށު ރައްޔިތުން ނިކުމެ އެ މީހާ އެރަށަށް އެރުވިޔަ ނުދީ އިހްތިޖާޖް ކުރަމުން ދަނިކޮށް އެ މީހާ އަނބުރާ ތިނަދޫ ގެންގޮސްފައިވާ ކަން ވިލިނގިލީ ކައުންސިލްގެ މެމްބަރަކު ކަށަވަރުކޮށްދެއްވި އެވެ.

ބަލި މީހާ އެ ރަށަށް ނޭރުވި މައްސަލާގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފާއި މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މިއަދު މަޖިލީހުގެ ގޯތި ތެރޭގައި ވަރަށް ބޮޑަށް ބަހުސް ކުރާ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ތިނަދޫން ބޭރަށް ގެންދިޔައީ ކީއްވެގެންތޯ މެމްބަރު ސައުދު ސުވާލު ކުރައްވާއިރު، ފިރުޝާން ވިދާޅުވީ އެ މީހާ ވިލިގިއްޔަށް ނޭރުވުމަކީ ވަރަށް ލާ އިންސާނީ އަމަލެއް ކަމަށެވެ.

ސަނީފް ވިދާޅުވަނީ ވިލިނގިލީގައި ހުންނަ ފެސިލިޓީއަކީ އެރަށުގެ މީހުންގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެއީ އެ ސަރަހައްދާއި އަތޮޅަށް ޚާއްސަ ކޮށްފައިވާ ތަނެއް ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާ ދޭން ރާއްޖޭގެ ފަސް ސަރަހައްދުގައި ހެދި ފެސިލިޓީތަކުގެ ތެރެއިން ދެކުނުގައި ގާއިމްކުރީ އައްޑޫ ސިޓީ އާއި ގއ. ވިލިނގިލީގަ އެވެ.