ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރާ އެކު ފިލްމު "ބޫތު ޕޮލިސް" ގެ ބަތަލާއިންގެ ރޯލަށް ޖެކްލިން ފެނަންޑޭޒާއި ޔާމީ ގޯތަމް ސޮއިކޮށްފި އެވެ.
މި ހޮރޯ-ކޮމެޑީ އެންމެ ފުރަތަމަ މިދިޔަ އަހަރު އިއުލާންކުރި އިރު، ކާސްޓްގައި ހިމެނުނީ ސައިފާ އެކު ހިމެނުނީ އަލީ ފަޒަލާއި ފާތިމާ ސަނާ ޝެއިހެވެ. ނަމަވެސް އެ ދެ ތަރިން މިހާރު "ބޫތު ޕޮލިސް" ގެ ކާސްޓަކު ނެތެވެ.
"ރޭސް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ޕަވަން ކިރްޕަލާނީ އެވެ. މީގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ދަރަމްޝާލާ އާއި ދަލްހައުސީ އާއި ޕާލަމްޕޫރްގަ އެވެ.
"ބޫތު ޕޮލިސް" އަކީ އަންނަ އަހަރު ގެނެސްދޭނެ ފިލްމެކެވެ. ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"އަދިޕުރުޝް" ގައި ސައިފަކީ ލަންކޭޝް
"ބާހްބަލީ" ކުޅެގެން މަޝްހޫރުވި ތެލެގޫ އެކްޓަރު ދާދި ފަހުން ސޮއިކުރި "އަދިޕުރުޝް" ކިޔާ ފިލްމުގެ ވިލަންގެ ރޯލަށް ސައިފް އަލީ ޚާން ސޮއިކުރިކަން ކަށަވަރުކޮށް ދީފި އެވެ.
މި ފިލްމަކީ ސައިފް ނެގަޓިވް ރޯލެއް ކުޅެ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ތާނާޖީ: ދި އަންސަންގް "ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތު ހަދާ ފިލްމެކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "އަދިޕުރުޝް" ގައި ސައިފް ފެނިގެންދާނީ ލަންކޭޝް ކިޔާ ކެރެކްޓާއަކުންނެވެ. މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ބެލުންތެރިންނަށް ގެނެސްދޭނީ 2022 ގަ އެވެ.
"އަދިޕުރުޝް" އަކީ މައިގަނޑު ފަސް ބަހަކުން ގެނެސްދޭނެ ފިލްމެކެވެ. އެއީ ހިންދީ، ތަމަޅަ، ތެލެގޫ، މަލަޔާޅަމް އަދި ކަންނަޑާ އެވެ.
"ދަ ލާސްޓް ޝޯ" ގައި އަނޫޕަމް
"ދަ ލާސްޓް ޝޯ" ކިޔާ ފިލްމަކަށް އަނޫޕަމް ކޭރް ސޮއިކޮށްފި އެވެ.
މި މަހުގެ މެދުތެރޭގައި ބޯޕާލްގައި ޝޫޓިން ފަށާ މި ފިލްމަކީ މިދިޔަ އަހަރު "ދަ ތަޝްކެންޓް ފައިލް" ގެނެސްދިން ވިވެކް އަގްނިހޯތުރީ ޑައިރެކްޓްކުރާ ފިލްމެކެވެ.
ހިއުމަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ދަ ލާސްޓް ޝޯ" ގައި އަނޫޕަމާ އެކު ވަރަށް މުހިއްމު ރޯލަކުން ސަތިޝް ކޯޝިކް ވެސް ފެނިގެންދާނެ އެވެ.
"ބިގް ބޮސް 14" އާ ޕްރޮމޯއެއް
ކަލާޒް ޗެނެލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ އާ ޕްރޮމޯއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.
ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު ގެނެސްދިން ތިން ވަނަ ޕްރޮމޯގައި ފެންނަނީ އޭނާގެ ގޭގައި މޮޕް ޖަހައި ސާފުކުރާ ތަނެވެ. "ބިގް ބޮސް 14" އަށް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ އިރު، ޝޯ ދައްކަން ފަށާނެ އިރެއް އަދިވެސް ކަލާޒުން ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ.
ނަމަވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝޯ ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 4 ގަ އެވެ.