އަދުރޭގެ ރައްދު: "ކޮށައި ކާޅަށް ދިނަސް ނުހުއްޓުވޭނެ"

ރެހެންދި އިމާރާތުން ނުވަ މިލިއަން ރުފިޔާ އަށް ދެ ފްލެޓު ބައްލަވައިގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަލުން ބަލަން ފެށުމުން ހިތްހަމަޖެހިވަޑައިނުގެން "ކޮށައި ކާޅަށް ދިނަސް ނުހުއްޓާނަން" ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރި ރެހެންދި-6 އިން އަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ފްލެޓު ބައްލަވައިގަތް މައްސަލަ އޭސީސީން އަލުން ބަލަން ފެށީ އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަވުމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ މައްސަލަ ބަލަން ފެށީ، ކުރީގެ ކޮމިޝަނުން ބަލައި ފައިލް ކޮށްފައިވާ މައްސަލަތައް އަލުން ބަލަމުން އަންނައިރު އަދުރޭ ފްލެޓު ގަތް މައްސަލައިގައި ވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ކަމަށް އޭސީސީން ބުންޏެވެ.

މިއީ، ކުރީގެ ސަރުކާރުގައި އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅުމުން ތަހުގީގުކޮށް ކޮރަޕްޝަން ނެތް ކަމަށް ނިންމައި ފައިލް ކޮށްފައިވާ މައްސަލައެކެވެ.

ފްލެޓުގެ މައްސަލަ އަލުން ބަލަން ފެށިކަން މީޑިއާތަކުން ރިޕޯޓްކުރުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގު ކުރައްވައި ކުރެއްވި ޓުވީޓުގައި އަދުރޭ ވިދާޅުވީ ވިދާޅުވީ "ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ" ކަމަށެވެ. އިތުރަށް މައްސަލަ އުފައްދައިގެން ވެސް ބަލަންވީ ކަމަށް ވިދާޅުވި އެވެ.

"އުލު ބޭންދިޔަސް، ކަތުރުން ކޮށައި ކާޅަށް ދިނަސް ދީނާއި ގައުމުގެ ހައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް. މި ސަރުކާރުން ކުރާ ވިޔާނުދާ ކަންތަކުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން،" މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވި އެވެ.

އޭނާ ފްލެޓު ބައްލަވައިގެންނެވި މައްސަލާގައި ކުރިން ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ނުވަ މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ދެ ފުލެޓު ބައްލަވައިގަތީ ކިހިނެއް ހޯއްދެވި ފައިސާއަކުންތޯ ބަލަން ޖެހޭ ކަމަށާއި ދެ ދައުރު މަޖިލީހުގައި އުޅުއްވި ބޭފުޅަކަށް އެ އަދަދު ހަމަނުކުރެއްވޭނެ ކަމަށް ވެސް ތުހުމަތު ކުރި އެވެ.

އެ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަދުރޭ ވަނީ ފްލެޓު ބައްލަވައިގެންނެވި ގޮތް ހާމަކުރައްވަން މީޑިއާގައި ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ހަމައެކަނި ވިދާޅުވީ މެމްބަރުކަމުގެ އިތުރުން އާމްދަނީ ހޯދަން އިތުރު ކަންކަން ވެސް ކުރައްވަމުން އަންނަ ކަމަށެވެ.

"ގެ އަށް ވަންނަ ވަރުގެ އެއްޗެއް މީޑިއާއަކަށް ހިއްސާއެއް ނުކުރެވޭނެ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ އަށް ތުހުމަތު ކުރަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވާތީ ބަދުނާމު ކުރުމުގެ ގޮތުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.