ރިޝްވަތުގެ ކުށް ހިމެނޭ އިސްލާހު ކޮމިޓީއަށް ފޮނުވައިފި

ރިޝްވަތުގެ ކުށްތައް މިހާރަށް ވުރެ ތަފްސީލްކޮށް ހިމަނައިގެން ގާނޫނުލްއުގޫބާތު އިސްލާހު ކުރުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


އެ ބިލް ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވިއިރު، ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުނިވެގެންދާ ގޮތަށް ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އެ ބިލް އިތުރަށް އިސްލާހު ކުރަން ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު އަލުން ފޮނުވި އެވެ.

މި ދެ ބިލު ކޮމިޓީ އަށް ފޮނުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން 10 މެމްބަރަކު، މިއަދު މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން ވަނީ އެ މެމްބަރުން ވަނަ ނުދީ ހުރަސްއަޅައިފަ އެވެ.

އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާ އަށް ހުށައެޅުއްވި އެ އިސްލާހުގައި އެ މާއްދާގައި މިހާރު ބުނާ ރިޝްވަތުގެ ކުށުގެ ބަދަލުގައި އެ ކުށާ އެއްވެސް ގުޅުމެއް ނެތް ބައިތަކެއް ހިމަނާފައި އޮތުމުން، އެއީ ރިޝްވަތުގެ ކުށް ގާނޫނުލްއުގޫބާތުން އުނިކުރުމަށް ކުރި ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމަކު، އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައި ރިޝްވަތުގެ ކުށް ވަރަށް ބޮޑަށް ތަފްސީލްކޮށްފައިވެ އެވެ.

މިއަދުގެ ޖަލްސާގައި އަބްދުއްރަހީމްގެ އިސްލާހަށް ބަހުސް ކުރައްވަމުން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި އިރު، އެކަން އެ ސަރުކާރުގައި ބަލާފައި ނުވާ ކަމަށެވެ.

އެހެންވެ، ރިޝްވަތުގެ ކުށް އުވާލަން އުޅޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދޮގު ހަބަރު ފެތުރީ ރިޝްވަތުގެ އަމަލުތައް "ވަރަށް ފޯރީގައި" ހިންގުމަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ މާއްދާ އޮންނަން ބޭނުންނުވަނީ އިދިކޮޅު މީހުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ދޮގު ހަދައި އޮޅުވާލީ އެމީހުން. މަކަރު ހެދީ އެމީހުން. އަޅުގަނޑުމެން މިތިބީ އެވަރުގެ އަމަލެއް ރާއްޖޭގައި ހިނގާނެ ގޮތް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން،" ނިހާން ވިދާޅުވި އެވެ.

މީގެ އިތުރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރުގެ މުއްދަތަށް އާންމު ކޮމިޓީން ގެނައި ބަދަލުތައް ވެސް ފާސްކޮށްފަ އެވެ. މި އިސްލާހު ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލިހުން މިގޮތަށް ފާސް ކުރުމާ ގުޅިގެން، ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 16 އަށެވެ. ކުރިން، ދެ ވަނަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ.

ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ގަވައިދުގައި މިހާރު އޮންނަ ގޮތުން ތިން ވަނަ ދައުރަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ދެ މަސްދުވަހެވެ.

ދައުރުގެ މުއްދަތަށް ގެނައި މި ބަދަލާ ގުޅިގެން، މަޖިލީހުގެ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރާ ދެމެދު އޮންނަ ޗުއްޓީ ވެސް 30 ދުވަހުން 12 ދުވަހަށް ވަނީ ކުރުވެފަ އެވެ. އޭގެ ބަދަލުގައި ތިން ވަނަ ދައުރު ކުރިއަށް ވުރެ ދިގުވެގެން ދިޔައީ އެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ގޮތެއް ނިންމައި ދިނުމަށް އެދި ކޮމެޓީތަކުން މަޖިލީހަށް ހުށަހަޅާ ބިލް، މަޖިލިހުން ފާސްކުރުމުގެ ކުރިން، އިތުރު އިސްލާހެއް ގެންނަން ބޭނުން ނަމަ، ނުވަތަ ބިލްގައި ހިމެނޭ މާއްދާއެއް އުނިކުރުމަށް ހުށަހަޅަން ބޭނުން ނަމަ، އެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވުމަށް ނުވަތަ އެ އިސްލާހެއް މަޖިލިހަށް ހުށަހެޅުމަށް މަޖިލިހަށް ކަނޑައެޅި ދާނެ ކަމަށް ނިންމައިފަ އެވެ. މި އިސްލާހު ވެސް މިއަދު ފާސްކުރި އެވެ.