ބިލް އޮތީ ލާރި ފޮއްޗެއްގައި ޖެހުނަސް، އެ މީހަކު ބަނދެވޭ ގޮތަށް: ނިހާން

ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށްތައް ތަފްސީލްކޮށް ހިމަނައިގެން އެ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވި ބިލް ގައި އޮތީ "ލޯ ލާރި ފޮއްޗެއްގައި" ޖެހުނަސް، އެ މީހަކު ބަނދެވޭ ގޮތަށް ކަމަށް، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މަޖިލިހުން އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލުން ނަމަ، އެ ބިލަށް ބަހުސް ކުރަން ފަށާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގަ އެވެ. ބިލަށް ބަހުސްކޮށް ނިމުމުން، ބިލް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައި، ކޮމިޓީން ގޮތެއް ނިންމާނެ އެވެ. އަދި ބިލާ ގުޅޭ ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅައި، ބިލު ފާސް ކުރުމާ މެދު ގޮތެއް ނިންމާނެ އެވެ.

މި ބިލް މިގޮތަށް އައީ، ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުނިވާ ގޮތަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ. މި ބިލް މަޖިލިހަށް ހުށަހެޅުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ޕީޕީއެމާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން، ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާން ކުރާ އަސްލުތަކާއި އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަން ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާ ކަމުގެ ސާބިތު ހެކި ހުރި ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) ރިޔާޒް، އަބްދުއްރަހީމް އަދި ނިހާން ބައިވެރިވެވަޑައިގަންނަވަނީ.

"އެއީ ދައުލަތުގެ ނައިބު ރައީސެއް ވިޔަސް، ވަޒީރެއް ވިޔަސް، އެ ނޫން މީހެއް ވިޔަސް، ތިމާގެ މީހެއް ވިޔަސް، މަޔަކު ވިޔަސް، ބަފަޔަކު ވިޔަސް، ގާނޫނުގެ މި އަތް އެ މީހުންނާ ހަމައަށް އަރާ ދިއުމަށް ބަރާބަރަށް ދޫކޮށްލެވިގެން އޮތް ސަރުކާރެއް މިއީ،" ނިހާން ވިދާޅުވި އެވެ.

ގާނޫނުލްއުގޫބަށް ގެންނަން އުޅޭ އިސްލާހު ނިހާން ވަނީ ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ.

"ވެރިކަމާ ހަވާލުވި އެއްވެސް ބަޔަކު ރައްޔިތުންގެ ލޯ ލާރި ފޮއްޗެއްގައި ޖެހުނަސް، އެމީހަކު ރަނގަޅު ފެންވަރަކަށް ގާނޫނީ އިމުގެ ތެރެއިން ބަނދެވި، ހިފަހައްޓާލެވޭނެ މިންވަރަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަނީ،" މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ކުރައްވާ ނިހާން ވިދާޅުވި އެވެ.

ތަފާތު ދެ ބިލެއްގެ ގޮތުގައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން އުޅޭތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ނިހާން ވިދާޅުވީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމާ އެކު، ބައެއް އިސްލާހުތައް ގެނައުމަށް ސުޕްރީމް ކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެންގި ކަމަށެވެ. ގާނޫނުލްއުގޫބާތަކީ ބޮޑު ގާނޫނަކަށް ވާތީ އެ ގާނޫނަށް އިސްލާހު ހުށަހަޅަނީ ވަކިވަކިން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައީ ރިޝްވަތުގެ ކުށް ހުއްޓުވޭނެ ގޮތް ހަދަން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ ދެ އިސްލާހާ އެކު، ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމަށެވެ. ރާއްޖޭގައި އުފެދިފައި އޮތް ވެރިކަމެއް ވައްޓާލަން މަސައްކަތް ކުރާ ނަމަ، އެ ބަޔަކާ މެދު އަމަލު ކުރަން ޖެހޭ އުސޫލުތަކެއް އޮންނަން ޖެހޭ ކަމަކީ އެންމެން ދަންނަ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގައި ބައެއް ކަންކަމަކީ ކުށް ކަމަށް ކަނޑައަޅާފައިވާއިރު، އެ ކުށުގެ އަދަބަކީ ކޮބައިކަން ބަޔާންކޮށްފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ، އެ ކުށްތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް އަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ގާނޫނެއް ހެދޭއިރު، އެ ގާނޫނުގައި ނެތް ކަންކަން މި އަންނަނީ ގާނޫނުލްއުގޫބާތުގައި އިތުރުވަމުން. މި އަންނަ ބަދަލުތަކެއް އަންނަމުން ދަނީ،" ރިޔާޒް ވިދާޅުވި އެވެ.