ހައި ކޯޓުން ބަލައިނުގަންނަ މައްސަލަ ސުޕްރީމް ކޯޓުން ބަލާ އިޖްރައާތަށް ބަދަލު ގެނެސްފި

ހައި ކޯޓުން ބަލައިނުގަންނަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ އިޖްރައާތަށް އެ ކޯޓުން ބަދަލު ގެނެސްފި އެވެ.


ހައި ކޯޓަށް އިސްތިއުނާފް ކުރަން ހުށަހަޅާ މައްސަލަތައް އެ ކޯޓުން ބަލައިނުގަތުމަށް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މީގެކުރިން ގޮތެއް ނިންމަނީ އިޖްރާއީ އަޑުއެހުމެއް ބޭއްވުުމަށް ފަހު އެވެ. އެކަމަކު އިއްޔެއިން ފެށިގެން ސުޕްރީމް ކޯޓުން ގެނައި ބަދަލަކީ ކޮންމެހެން އިޖްރާއީ އަޑުއެހުމެއް ބާއްވަން ނުޖެހޭ މައްސަލަތަކުގައި އަޑުއެހުން ބޭއްވުމަކާ ނުލައި އެ މައްސަލައާ މެދު ގޮތެެއް ނިންމުމަށެވެ.

އެގޮތަށް ބެލުމަށް ފަހު މައްސަލައެއް ހައި ކޯޓުން ބަލައިގަންނަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ 10 ދުވަސް ތެރޭގައި އެ މައްސަލަ އަލުން ހައި ކޯޓަށް ހުށަހެޅޭނެ ކަމަށާއި އެކަމަކު އެ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ މައްސަލަތައް ބަލައިނުގަތުމުގެ އިހްތިޔާރު ހައި ކޯޓަށް އޮންނަ ގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ސޮއި ކުރައްވައި، އަދުނާން ނެރުއްވި ޕްރެކްޓިސް ސްޓޭޓްމަންޓްގައިވަނީ އެގޮތަށް ހަމަޖެއްސީ މައްސަލަތައް އަވަސް ކުރުމަށާއި ހުކުމް ތަންފީޒު ކުރުން އަވަސް ކުރުމުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ލަސް ކުރުމުގައި ޝަރުއީ މަރުހަލާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.