އަކްޝޭ ކުމާރުގެ ހޮރޯ ކޮމެޑީ "ލަކްޝްމީ ބޮމް" އަންނަ ނޮވެމްބަރު މަހުގެ 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އޮން ޕްރިމިއާކުރަން ނިންމައި އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.
މި ފިލްމަކީ ކުރިން މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަޅިމަޑުކަމާ ހެދި އެ ފުރުސަތު ގެއްލުނީ އެވެ. "ލަކްޝްމީ ބޮމް" އަކީ ޑިޖިޓަލްކޮށް ޕްރިމިއާކުރާ އަކްޝޭގެ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް އޭނާ ގެނެސްދީފައިވާ ހޮރޯ ކޮމެޑީތައް ކަމަށްވާ "ކާންޗަނާ" ސީރީޒްގެ ފިލްމުތައް އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެކެވެ. އަކްޝޭ ވަރަށް ތަފާތު ރޯލަކުން ފެންނަ ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.
"ލަކްޝްމީ ބޮމް" ޑިޖިޓަލްކޮށް ޕްރިމިއާކުރާ އިރު، އަކްޝޭގެ "ސޫރިޔާވަންޝީ" އަކީ އިންޑިއާގެ ސިނަމާތައް އަލުން ހުޅުވި އިރަކުން އަޅުވަން ބާއްވާފައި އޮތް ފިލްމެކެވެ. އަކްޝޭ މި ވަގުތު އަންނަނީ ސްކޮޓްލެންޑްގައި "ބެލް ބޮޓަމް" ގެ މަސައްކަތްކުރަމުންނެވެ.
"އިންދޫ ކީ ޖަވާނީ" ގެ ލަވައެއް
ކިއާރާ އަދުވާނީ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ލަވައެއް ދައްކާލައިފި އެވެ.
"ހަސީނާ ޕާގަލް ދިވާނާ" ގެ ނަމުގައި ދައްކައިލި ލަވަ އަކީ މިކާ ސިންގް އާއި އަސީސް ކޯރް ކިޔާފައިވާ ލަވައެކެވެ. މިކާގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ޅެން ހެދީ ޝައްބީރް އަހުމަދެވެ.
މި ފިލްމަކީ ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓާއި ބުޝަން ކުމާރުގެ ޓީ ސީރީޒުން ގެނެސްދޭ ފިލްމެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން "އިންދޫ ކީ ޖަވާނީ" ވެގެންދާނީ ކޮވިޑާ ހެދި ބަންދުކުރި އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާ އިރު އެންމެ ފުރަތަމަ އަޅުވާނެ ކަމަށް ބެލެވޭ އެއް ފިލްމެވެ.
އަބީރް ސެންގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލަކީ އަދިތިޔާ ސީލެވެ.
"ސީރިއަސް މެން" އަންނަ މަހުގެ 2 ގައި
އެކްޓަރު ނަވާޒުއްދީން ސިއްދީގީއާ އެކު ޑައިރެކްޓަރު ސުދީރް މިޝްރާ އަލަށް މަސައްކަތްކުރި ފިލްމު "ސީރިއަސް މެން" އަންނަ މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ފިލްމަކީ އިންޑިއާގެ ލިޔުންތެރިޔާ މަނޫ ސިންގް ގެނެސްދިން ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
"ސީރިއަސް މެން" ގެ ކާސްޓުންގެ ތެރޭގައި ނައްސާރު އާއި އާކްޝަތު ދާސް، ޝްވޭތާ ބާސޫ ޕްރަސާދު އަދި އިންދިރާ ތިވާރީ ހިމެނެ އެވެ.
އަޖޭގެ ފިލްމަށް 180 ކްރޯޑް
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަޖޭ ދޭވްގަން ކުޅޭ ފުރަތަމަ ފިލްމުގެ ބަޖެޓަކީ 180 ކްރޯޑް ރުޕީސް (24.4 މިލިއަން ޑޮލަރު) ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މި ސުޕަހީރޯ ފިލްމު އިއުލާންކުރާނީ މި މަހުގެ 27 ގަ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިފުޅު ޝިވް ރާވައިލް އެވެ. މީޑިއާތަކުން ބުނީ އޭނާގެ އަލަތު ފިލްމުގައި އަޖޭ ފެނިގެންދާނީ ވިލަންއެއްގެ ކެރެކްޓާއިން ކަމަށާއި ފިލްމުގެ ބަތަލަކީ ޗަންކީ ޕާންޑޭ އަށް ބޮޑުބޭބެ ކިޔާ އަހާން ޕާންޑޭ އެވެ.
ވައިއާރްއެފުން އަޖޭގެ ފިލްމު ފްރެންޗައިޒަކަށް ހަދަން ނިންމާފައިވާ އިރު، މި ފިލްމުވެގެން ދާނީ އަޖޭގެ ކެރިއަރުގައި މިހާތަނަށް އެންމެ ތަފާތު ރޯލަކުން ފެންނާނެ ފިލްމު ކަމަށް ބެލެވެ އެވެ. އަޖޭގެ އަތުގައި މިހާރު ވެސް ދެ ފްރެންޗައިޒެއް އެބައޮތެވެ. އެއީ "ގޯލްމާލް" އާއި "ސިންގަމް" އެވެ.