ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާއްވަވަން އުޅުއްވި ޖަލްސާ ބޭއްވިޔަ ނުދީ ފުލުހުން ހުއްޓުވައިފި އެވެ.
އާޓިފިޝަލް ބީޗާ ދިމާލުން ކުރިމައްޗަށްވާ ގޮތަށް، ހ. ތެމާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި މިރޭ 9:00 ފަށަން އުޅުނު ޖަލްސާ އަށް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަޑައިގެންނެވިއިރު، އެ ހިސާބު އެއްކޮށް ފުލުހުން އޮތީ ބެރިކޭޑު ޖަހާ ބަންދުކޮށްފަ އެވެ. ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ފޯރިމަރަމުން އަންނައިރު، ޕީޕީއެމްގެ އޮފީސް ވެސް ވަނީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މައުމޫންގެ ފެކްޝަނުން ހަމަޖައްސާފައިވާ އަބްދުލް އަލީމް ވިދާޅުވި ގޮތުގައި ޕާޓީ އޮފީހަށް އެއްވެސް މީހަކު ނުވަންނަން ފުލުހުން ވަނީ އަންގާފަ އެވެ. އެކަމަކު، ރަސްމީކޮށް ފުލުހުން އެ ޕާޓީ އަށް އެެއްވެސް އެއްޗެއް އަދި އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ދުރަށް ޖެއްސުމުން ފަހަތަށް ޖެހިވަޑައިގެން އެ ސަރަހައްދުގައި ހުންނަ އިދިކޮޅު އެމްޑީޕީގެ ހަރުގެ ކައިރީގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ރާއްޖެ ޓީވީ އަށް ވިދާޅުވި ގޮތުގައި ޕާޓީ އޮފީހުގައި މިރޭ ބާއްވަން އުޅުނީ ކޭކު ފެޅުމުގެ ރަސްމިއްޔާތެކެވެ. އެކަމަކު، މިހާރު ވީ ތަނެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލްސާ ބޭއްވި ދާނެތޯ ސުވާލު ކުރުމުން ވަހީދު ވިދާޅުވީ އެ ތަނުގައި މިރޭ ޖަލްސާއެއް ބާއްވާނެކަން ފުލުހުންނަށް ވަނީ ކުރިން އަންގާފަ އެވެ. ޖަލްސާ ނުބޭއްވޭނެކަން ފުލުހުން ކުރިން އަންގާފައި ނުވާ ކަމަށާއި އެހެންވެ ކުއްލިއަކަށް ޖަލްސާ އަށް ހުރަސް އެޅުމުން ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާކަށް،" ވަހީދު ވިދާޅުވި އެވެ.