ފައިސާ ލިބިއްޖެ، ޕީޕީއެމް ދަރަނިން ސަލާމަތްވަނީ

ޕީޕީއެމްގެ މިދިޔަ އަހަރުގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި ފައިސާ މިދިޔަ ހަފުތާގައި ލިބިފައިވާތީ، ވީހާވެސް އަވަހަކަށް ދަރަނި ދައްކައި ޚަލާސްކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވުމަށް އެ ޕާޓީން ކުރި ކެމްޕޭން ދަތުރުތަކާއި ބޭއްވި ހަރަކާތްތަކަށް ފައިސާ ނުދެއްކި ޕީޕީއެމް އޮތީ ދަރަނިވެރިވެފަ އެވެ. އެ ހާލަތު މެދުވެރިވީ ޕީޕީއެމުން ބުނެފައިވާ ގޮތުގައި، އެ ޕާޓީ އަށް ދައުލަތުން ލިބެންޖެހޭ ފައިސާ ދޫނުކޮށް އިލެކްޝަންސް ކޮމިޝަނުންނާއި މި ސަރުކާރުން ވެސް ހިފެހެއްޓުމުންނެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ދޫކުރީ، ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި 11 މިލިއަން ރުފިޔާގެ ތެރެއިން ހިފެހެއްޓި އަށް މިލިއަން ރުފިޔާ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ގަސްތުގައި މި ސަރުކާރުން އެ ފައިސާ ދޫނުކޮށް ހިފެހެއްޓީ ޕާޓީގެ ކަންކަމަށް ދަތިކުރަން ކަމަށެވެ. އޭގެ ސަބަބުން، ޕާޓީގެ އިދާރީި ކަންކަމަށް ހުރަސްތަކަކާ އެކު ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.

ޕީޕީއެމްގެ ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ އެއްކޮޅަށެވެ. އެހެންވެ އެ ފައިސާ ދޫކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދުނެވެ. އެކަމަކު އެ ފައިސާ ދޫކުރުން ލަސްވީ އެ މިނިސްޓްރީއާ ހިސާބުންނެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި އޮތް މުއްދަތުގައި ޕީޕީއެމަށް ފައިސާ ދޫކުރި ނަމަ، ޕާޓީގެ އެއްވެސް ދަރަންޏެއް ނޯންނާނެ އެވެ.

"ޕާޓީ އަށް ލިބުނު ފައިސާ އިން މިހާރު ހުރި ދަރަނިތައް ދައްކައި ނިމޭނެ. އައިލެންޑް އޭވިއޭޝަނާއި އެ ނޫން ވެސް ތަންތަނުގެ ބިލްތައް ވަރަށް އަވަހަށް ދައްކާނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އަރަނިވުމަކީ، އެ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން ކުރާ މަސައްކަތަށް އިތުރު ބާރެއް ކަމަށެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޕީޕީއެމް ވަރުގަދަކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެ ކުންފުންޏާއި ޕީޕީއެމާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ. ބާކީ 3.8 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

މީގެ އިތުރުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމާ)އި ދިރާގަށް ވެސް ދައްކަން ޖެހޭ ބިލްތަކެއް އެބަހުއްޓެވެ. ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް މިހާރު ވަނީ ކަނޑާލައިފަ އެވެ.