ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީ އާއި ކަލްޗަރަލް މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.
އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި، ކަލްޗަރަލް މިނިސްޓަރު ޔުމްނާ މައުމޫނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވަޑައިގަތެވެ.
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމަށާއި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ކުރިމަތިވި މައްސަލަތައް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. ދެ މިނިސްޓްރީގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.
ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު "މިހާރު" އަށް ވިދާޅުވީ ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތް ދެ މިނިސްޓްރީން ގުޅިގެން މީގެ ކުރިން ވެސް އައީ ކުރަމުން ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދިމާވި ހާލަތާއެކު، އެ މަސައްކަތް މަޑުޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް އަލުން ފަށަން އަޅަން ޖެހޭނެ ފިޔަވަޅުތައް، މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް މައުސޫމްއާ އެ ބައްދަލުވުމުގައި ހިއްސާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިލް ވިދާޅުވިގޮތުގައި، ސަގާފީ ޓޫރިޒަމް ރާއްޖޭގައި މިހާރު ވެސް ކޮންމެ ވެސް ވަރަކަށް އެބައޮތެވެ. ނަމަވެސް އެއީ ރިސޯޓުތަކުންނާއި ރަށްރަށުން އަމިއްލައަށް އިސްނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޝްވަރާކުރީ ސަގާފީ ޓޫރިޒަމަށް ވަކިން މާކެޓެއް ބިނާކުރަން ކުރެވޭނެ ކަންތައްތައް. އޭރުން އެހެން ގައުމުތަކުގެ ސަގާފީ ތަންތަން ބަލާލަން ދާ ހެން ރާއްޖޭގެ ސަގާފީ ތަރިކަ ބަލަން ވެސް މީހުން އަންނާނެ،" ނާއިލް ވިދާޅުވި އެވެ.
މާލޭގައި ހުންނަ ހުކުރު މިސްކިތާއި ސަލްޓަން ޕާކުގެ އިތުރުން ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ސަގާފީ ސައިޓަކީ ހއ. އުތީމުގައި ހުންނަ އުތީމް ގަނޑުވަރެވެ.
ނާއިލް ވިދާޅުވީ ސްކޫލް ބަންދު ދުވަސްވަރު އުތީމު ގަނޑުވަރު ބަލާލަން ދުވާލަކު 200 މީހުން ބައެއް ފަހަރު އެ ރަށަށް ދާ ކަމަށެވެ. އޭގެ ތެރޭގައި ޓޫރިސްޓުންނާއި ދިވެހިން ހިމެނެ އެވެ.
"މި ގޮތަށް ޓޫރިޒަމް ޕްރޮމޯޓް ކުރީމާ ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ވެސް ގިނަ ފައިދާތަކެއް ވާނެ،" ނާއިލް ވިދާޅުވި އެވެ.
ސަގާފީ ހާއްސަ ސައިޓުތަކެއް ކަނޑައެޅުމުގެ އިތުރުން ރަށްރަށަށް ގޮސް މަސައްކަތްކުރާ މިއުޒިޝަނުންނާއި އެހެނިހެން ފަންނުވެރިންނަށް މި ދުވަސްވަރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުހް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.