ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ކޮވިޑު-19 ގެ ބަލި ހާލަތުން އަރައިގަތުމުގައި އދ. ގެ ދައުރާއި އެ ޖަމިއްޔާގެ ޗާޓަރުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިިރޭ ވިދާޅުވެއްޖެ އެވެ.

އދ. އަށް 75 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އދ ގެ ޗާޓަރެވެ. އެކަމުގައި ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަމަލު ކުރަމުން އަންނަ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި ހިމަނާފައިވާ އަސާސްތަކާ އެއްގޮތަކުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ޖަމިއްޔާއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އެންމެ މުހިއްމު އެއް ބައިވެރިޔާގެ ގޮތުގައި ސިފަކުރައްވައި، ރައީސް ވިދާޅުވީ އދ. ގެ ގުނަންތަކުގެ ބޭނުން ރާއްޖެއިން ހިފަނީ ބައިނަލްއަގުވާމީ މުޖުތަމައާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މައްސަލަތަކާއި ދަތިތަކަށް ހައްލު ހޯދުމަށެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރަން ބޭރުގެ އެކި ހިސާބުތަކުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވައިލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގެ ބުރަ މަސައްކަތެވެ. އެކަމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް، އެ ގައުމުތަކުގެ އިގުތިސޯދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމަށް ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ އެ ފަދަ އެހެނިހެން މައްސަލަތަކާ ކުރިމަތިލައި އެކަންކަމަށް ހައްލު ހޯދުމުގައި ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އދ ގެ މެންބަރަކަށް ވެފައިވަނީ ސެޕްޓެމްބަރު 21، 1965 ގަ އެވެ. އެ ޖަމިއްޔާ ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ސެންފްރެންސިސްކޯ ކޮންފަރެންސްގަ އެވެ.