ފަރަށް އެރި ކޮޅުވެއްޓި އަދި ފުން ނުކުރެވޭ، އެކަމަކު މުދާ ސަލާމަތްކޮށްފި

ފެނަކައިން ފޮނުވި ޖަނަރޭޓަރާއި މުދަލާއެކު ދަތުރު ކުރަނިކޮށް ހއ. ފިއްލަދޫ ކައިރިއަށް ފަރަށް އެރި ކޮޅުވެއްޓި އަދި ފުން ނުކުރެވުނަސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ސަލާމަތްކޮށްފި އެވެ.


އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ، އުތުރުގެ ބައެއް ރަށްތަކަށް ފޮނުވި 13 މިލިއަން ރުފިޔާގެ ސާމާނުގެ ތެރެއިން ގިނަ އެއްޗެހި ބަރުކޮށް ށ. މިލަންދުއަށް ފޮނުވާފައިވާ ކަމަށެވެ. އެ ރަށްތަކަށް ތަކެތި ފޮނުވާނީ މިލަންދުއިން ކަމަށާއި އެ އެއްޗެހި ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އެ ކޮޅު ވެއްޓީގައި ހއ. އިހަވަންދު އާއި އެ އަތޮޅު ފިއްލަދޫގެ އިތުރުން ދިއްދުއަށް ފޮނުވި ޖަނަރޭޓަރާއި އެހެން ބައެއް ރަށްތަކަށް ފޮނުވި ރޭޑިއޭޓަރާއި ކޭބަލް ހިމެނެ އެވެ. ކޮންޓްރެކްޓަށް ބަޔަކާ ހަވާލުކޮށްގެން، މި މަހުގެ ނުވަ ވަނަ ދުވަހު ފުރި އުޅަނދު ފަރަށް އެރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެެވެ.

ސައީދު ވިދާޅުވީ ކޮޅުވެއްޓީގައި ބާކީހުރި ސާމާނު، އެމްޓީސީސީގެ އުޅަނދަކަށް މިއަދު ބަރުކުރެވޭނެ ކަމަށެވެ. އެ މަސައްކަތް ލަސްވެގެން އުޅެނީ، އޭނާ ވިދާޅުވި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

"އެއްވެސް މުދަލަކަށް ނުލިބޭ ގެއްލުމެއް. އެ ހުރިހާ އެއްޗެއް ވެސް ހުންނާނީ އިންޝުއަކޮށްފައި،" ޝައީދު ވިދާޅުވި އެވެ.

ކޮންޓްރެކްޓަށް މަސައްކަތަށް ހަވާލުވި މީހުންގެ ޒިންމާއަކީ މުދާތައް ރަށަށް ފޯރުކޮށްދިނުން ކަމަށްވާތީ ކޮޅުވެއްޓި ފަރަށް އެރުމުން އެ ފުންކުރުމުގެ މަސައްކަތް އެ މީހުން ކުރި ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް ފެނަކައަށް އެންގީ އެކަން ކާމިޔާބު ނުވުމުންނެވެ.

މިހާރު ވެސް ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އުޅަނދެއް ފަރަކަށް އަރައިފިނަމަ އެ ތަނަކަށް ލިބުނު ގެއްލުމެއް ބަލައި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފިޔަވަޅު އަޅަންޖެހޭނެ އެވެ.

އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކޮޅުވެއްޓި ފުން ނުކުރާތީ ފަރަށް ލިބުނު ގެއްލުމެއް އަދި ނުބަލާ ކަމަށެވެ. އެ މަސައްކަތް ކުރާނީ ކޮޅުވެއްޓި ފުންކުރުމުން ކަމަށް ވިދާޅުވި އެވެ.