ކޮވިޑް-19 ފެތުރޭތީ ހަރަމްފުޅު އާންމުންނަށް ބަންދުކޮށްފައި.
23 ސެޕްޓެމްބަރ 2020 - 09:19
ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުމާއި ދެ ހަރަމަށް ޒިޔާރަތްކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ މަހު 4 ގައި ދޭން ފަށަން ސައޫދީ އަރަބިއްޔާ އިން ނިންމައިފި އެވެ. އެކަމަކު އެންމެ ފުރަތަމަ ހުއްދަ ދޭނީ ސައޫދީގައި އުޅޭ މީހުންނަށް އެކަންޏެެވެ. އަދި ނޮވެމްބަރުން ފެށިގެން އެހެން ގައުމުތަކުގެ މީހުން ސައޫދީ އަށް ގޮސް އުމްރާގެ އަޅުކަން ކުރެވޭނެ އެވެ.
ސައޫދީ ޕްރެސް އެޖެންސީން އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ބުނީ ސައޫދީ އާއި އެހެން ގައުމުތަކުގައި ތިބި މުސްލިމުން ވެސް އުމްރާގެ އަޅުކަމަށް ކުރުމަށް ބޭނުންވެފައި ތިބި މިންވަރާއި ސައޫދީގައި ކޮވިޑް ފެތުރުން ކޮންޓްރޯލްވަމުންދާ މިންވަރަށް ބަލައި އުމްރާގެ އަޅުކަން އަލުން ފަށަން ރަސްގެފާނުގެ ފަރާތްޕުޅުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށެވެ، އުމްރާގެ އަޅުކަން ފަށާނީ ސިއްހީ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ.
އުމްރާގެ އަޅުކަން ފަށާއިރު ސައޫދީ ރައްޔިތުންގެ އިތުރުން ސައޫދީގައި މިހާރު ތިބި އެހެން ގައުމުތަކުގެ މީހުންނަށް ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. އަންނަ މަހުގެ 4 ގައި އަލުން ފަށާއިރު ހުއްދަ ދޭނީ މީގެ ކުރިން އެއް ދުވަހަކަށް އެންމެ ގިނަ މީހުންނަށް ހުއްދަ ދޭ އަދަދުގެ 30 ޕަސެންޓަށް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. އެއީ ދުވާލަކު 6،000 މީހުންނަށެވެ.
ދެ ވަނަ ފިޔަވަހީގައި، އަންނަ މަހުގެ 18 އިން ފެށިގެން، އުމްރާގެ އަޅުކަމަށް ފަހު މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކޮށް ދެ ހަރަމްގައި އަޅުކަން ކުރުމަށް ފުރުސަތު ދޭނެ އެވެ. އަދި މި ފިޔަވަހީގައި ހުއްދަ ދޭ މީހުންގެ އަދަދު 75 ޕަސެންޓަށް އިތުރުކުރާނެ އެވެ. އެއީ އުމްރާ ކުރުމަށް ދުވާލަކު ގާތްގަނޑަކަށް 15،000 މީހުންނަށެވެ. އަދި އެހެން އަޅުކަންތަކަށް 40،000 މީހުންނަށެވެ.
އެހެން ގައުމުތަކުން އަންނަ މީހުންނަށް އުމްރާގެ ހުއްދަ ދޭން ފަށާނީ ނޮވެމްބަރު 1 ގައި ފަށާ ތިން ވަނަ ފިޔަވަހީގަ އެވެ. އެއީ އުމްރާ އަށް ދުވާލަކު 20،000 މީހުންނާއި ދެ ހަރަމަށް ޒިޔާރަތްކޮށް އަޅުކަންކުރުމަށް 60،000 މީހުންނެވެ. މި އުސޫލު، ކޮވިޑް-19 ގެ ނުރައްކާ ނިމުމަކަށް އަންނަންދެން ނުވަތަ ވަކި ގޮތަކަށް ކަނޑައަޅަންދެން ދެމިއޮންނާނެ އެވެ. އުމްރާ އަށް މީހުން އަންނަ ގައުމުތައް ކަނޑައެޅުމާއި އަދަދު ކަނޑައެޅުމުގައި އެ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށް ވެސް ބަލާނެ އެވެ.
ކުރިން ހުއްދަ ދޭ މިންވަރަށް 100 ޕަސެންޓް ކެޕޭސިޓީގައި އުމްރާގެ އަޅުކަން ފަށާނީ ކޮވިޑް-19 ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ.
ހައްޖުގެ އަޅުކަން ވެސް އެންމެ ފަހުން ބޭއްވީ ސައޫދީގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދު ބަޔަކާ އެކުގަ އެވެ.
ސައޫދީގައި ކޮވިޑް-19 ފެތުރި ވަރަށް ބޮޑަށް ހާލަތު ގޯސްވުމަށް ފަހު މިހާރު ވަނީ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެ ގައުމުން މިހާރު ވަނީ ބަލި ކޮންޓްރޯލްކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ދަތުރުތައް ވެސް އަލުން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޔޮނިރު
23 September 2020
އަލްޙަމުދުﷲ