ސާކް ސަމިޓް ބޭއްވުމުގެ ވާހަކަ ދައްކަން މިއީ ރަނގަޅު ވަގުތެއް ނޫން: ޝާހިދު

ސާކް ސަމިޓް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން މިއީ ރަނގަޅު ވަގުތެއް ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިިވާ ގޮތުގައި އިއްޔެ ބޭއްވި ސާކްގެ ފޮރިން މިނިސްޓަރުންގެ ނުރަސްމީ ބައްދަލުވުމުގައި 19 ވަނަ ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމުގެ މަޝްވަރާ ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތަސް، އެ މަޝްވަރާ ކުރިއަށް ގެންދަން ގިނަ ގައުމުތަކުގެ ތާއީދެއް ނުލިބުނެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން، ކޮވިޑް-19 ގެ ސަބަބުން ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެފަދަ މަޝްވަރާއެއް ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އެކަމަކު، ނޫސްތަކުގައިވާ ގޮތުން، ސާކްގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ސާކްގެ 19 ވަނަ ސަމިޓްގެ މައްސަލަ އަކީ 2016 ވަނަ އަހަރުން ފެށިގެން ހައްލު ނުވެ، އޮތް މައްސަލަ އެކެވެ. އެ އަހަރުގެ ސާކް ސަމިޓް ޕާކިސްތާނުގައި ހަމަޖައްސާފައި ވަނިކޮށް އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީގައި އިންޑިއާގެ އަސްކަރީ ކޭމްޕަކަށް ޓެރަރިސްޓުންތަކެއް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ރާއްޖެ ވެސް ހިމެނޭ ގޮތުން ސާކްގެ ގިނަ ގައުމުތަކަކުން އެ ސަމިޓް ބޮއިކޮޓް ކުރުމުން ސަމިޓް ކެންސަލްކުރި އެވެ. އޭގެފަހުން ޕާކިސްތާނުގައި ސަމިޓް ބާއްވަން އެ ގައުމުން ކުރި މަސައްކަތަށް ސާކްގެ ގިނަ ގައުމުތަކުގެ ތާއީދެއް ނުލިބެ އެވެ.