މަޖިލީހުގެ ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ-ޗައިނާ ފްރީޓްރޭޑް އެއްބަސްވުމެއް ނެތް ކަމަށް.
07 އޮކްޓޯބަރ 2020 - 10:08
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއާ އެކު ރާއްޖޭން ސޮއިކުރި އެއްބަސްވުމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ އެ އެއްބަސްވުން މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވި ޖަވާބަކަށް ފަހު ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަަލުކުރަން ފެށޭނީ ވަކި ކަންތައްތަކެއް ކޮށްގެން ކަމަށް އެއްްބަސްވުމުގައި ބުނާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުމާ ބެހޭ ގާނޫނުތަކެއް ދެ ގައުމުން ވެސް ހަދަންޖެހޭ ކަމަށާއި އެ ކަންތައްތައް ނިންމާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޖާބިރުގެ ސުވާލުގައި ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމުން ރާއްޖޭގެ މަސްވެރިންނަށް ލިބެން އޮތް މަންފާތައް ހިފަހައްޓާފައި ވަނީ ކީއްވެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކޮށްފައި އޮތަސް އެ އެއްބަސްވުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގާނޫނުތައް ހަދާފައި ނުވާތީ އެއްބަސްވުން ނުހިނގާ ކަމަށެވެ.
"މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އެ އޮޕަރޭޝަނަލައިޒް ވާނީ މި މަޖިލީހުން އިތުރު ގުޅޭ ގާނޫނުތަކެއް ހަދައިގެން. އެއީ މި މަޖިލީހުގެ ޒިންމާއެއް،" އަމީރު ވިދާޅުވި އެވެ.
އެ ޖަވާބަށް ފަހު ރިއާސަތުން ނަޝީދު ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ގޮތް އެއްބަސްވުމުގެ 165 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެއްބަސްވުމާ ގުޅޭ ގޮތުން އެތެރޭގައި ކުރަންޖެހޭ ކަންތައްތައް ނިންމައި އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ކަމަށް އެ މާއްދާގައި ބުނާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ދިވެހިރާއްޖެ އާއި ޗައިިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ހަވާލާ ދެއްވި މާއްދާގައި ބުނާ ގޮތުގައި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެތެރޭގެ އިންތިޒާމްތައް ހަމަޖައްސައި އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ނުވަތަ އެކަންތައްތައް ފުރިހަމަކުރުމަށް ފަހު ދެ ގައުމުން ކަނޑައަޅާ ތާރީހެއްގަ އެވެ. އެކަމަކު އެކަންތައްތައް ވަކި މުއްދަތެއްގައި ނުނިންމައިފި ނަމަ އެއްބަސްވުން އުވޭނެކަމަކަށް ނުބުނެ އެވެ. އެހެންވެ، ނަޝީދު އެ ވިދާޅުވީ އަމަލުކުރަން ފަށާފައިވާ އެއްބަސްވުމެއް ނެތް ވާހަކަ އަށް ކަމަށް ބެލެވެ އެވެ.
ނަޝީދު ދެއްކެވި ވާހަކަފުޅަށް ނުރުހުން ފާޅުކުރައްވައި، ފްރީ ޓްރޭޑް އެއްބަސްވުން ނެތް ކަމަށް ވިދާޅުވަނީ ކީއްވެތޯ ޖާބިރު ސުވާލުކުރެއްވި އެވެ. ޖަވާބުގައި ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެތައް މަސައްކަތެއް ކުރާ ގޮތަށް ކަަމަށެވެ. ދިވެހި ވެރިންނަކީ ވަރަށް ހިކުމަތްތެރި ބައެއް ކަމަށާއި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ތަފްސީލަށް ވަޑައިނުގެން ބާއްވަވާ ކަމަށް ވިދާޅުވި އެވެ.
"އިއްޒަތްތެރި މެމްބަރަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ކުޑަކޮށް ވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނެވީތީވެ، އެއް މަސްދުވަހެއް ނޫން ދެ މަސްދުވަހެއް ނޫން އެތައް މަހެއް ވީއިރު ގައި ވެސް އަޅައެއް ނުލި،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ސޮއިކުރި ފްރީޓްރޭޑް އެއްބަސްވުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގާނޫނުތަކުގެ މަސައްކަތް ކުރީގެ ސަރުކާރުން ވެސް މި ސަރުކާރަކުން ވެސް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 October 2020
" ވޮއިޑް އެބް އިިނިޝިއޯ " ވީ ދެއްތޮ
އެމެރިކާ
07 October 2020
ނަޝީދު އެމްޑީޕީން ބޭރުކޮއްފަ ދެން ހުއްޓާލާނީ. ޤައުމު ދެކެ ލޯބި ނުވާމީހުން ފަހަތުން އުޅޭނީ ގަމާރުން
ހައްގުބަސް
07 October 2020
ރާއްޖެ ތަރައްގީ ވަނިކޮއް އިންޑިޔާ ވަދެ އެމްޑީޕީޔާ އެކީ ޑީލްހަދާ ބިރިޔާނި ކޮތަޅު ރައްޔިތުންނަ ދީފަ ވެރިކަން ބަދަލު ކޮއްލީ.
ފޫހި
07 October 2020
މީނަގެ ދުލުން ބުނީމަ ވާއެއްޗެއް ވެސް އެއީ ނުވާއެއްޗެއް. ހާދަހާ ބޮޑު އުނދަގުލެކޭ.
ރަބަރު
07 October 2020
ޗައިނާ އާ އިންޑިއާއާ އެކުވެސް ގުޅުން އޮންނަންޖެހޭ. މިއީ ވަރަށް ކުޑަކުޑަ އަދި ވަސީލަތްތައް މަދު އަބަދުވެސް އެހެންމީހުންގެ އެހީއަށް ބޭނުންވާ ގައުމެއް. އީރާނަކީ ނިސްބަތުން ބޮޑު ގައުމެއް. ތެލުގެ މުއްސަދިކަން ލިބިފައިވާ ގައުމެއް. އެގައުމުން ނުވަތަ ނޯތް ކޮރެއާއިން އެމެރިކާއަށް ގޮންޖެހިއަސް އަހަރުމެނަށް ލަންކާއަށްވެސް ގޮންނުޖެހޭނެ. ހުރިހާ އެންމެނާ ގުޅިގެން އުޅެން ދަންނަ ވެރިން މިގައުމަށް ބޭނުންވަނީ.
މުޑަހަންޖާ
07 October 2020
ކިޔެވުމުގެ ނަމުގަ އިނގިރޭސިވިލާތުގަ ފައިބާހުރިގޭމީހުން ރުއްސަން ޗައިނާގެ އެގްރިމެންޓް ނެތޭކިޔާފަ އިނގިރޭސި ގޭގޭގަ ހަދާ މުދަލުން ކަސްޓަމް ޑިއުޓީ ކަނޑައިގެން ރާއްޖެއަށް އެތެރެކުރަން ދިމާކުރާއިރު އިނގިރޭސިން މަސައްކަތްކުރަނީ ދުވާލަކު 100 ޕައުންޑަށޭ، އެމެން ފޯއްވަޅިއެއް ހަދާދެނީ 200 ޕައުންޑަށޭ، ޗައިނާއިން ދޮޅަކަށޭ.
މުޑަހަންޖާ
07 October 2020
އިންޑިއާއާއިއެކު ހެލިކޮޕްޓަރު އެއްބަސްވުމެއްވެސްނެތް، ޕައިލެޓުން ތަމްރީނުކުރަންބުނި މުއްދަތުގަ ޕައިލެޓުން ތަމްރީނުނުކުރި. ދިވެހި ދައުލަތުން ބޭރުގެ ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް އަތުލައިގެން ހަދާފަހުންނަ އެއްބަސްވުންތަކަށް ކަމޭނުހިތާ އަދި ނުވިތާކަށް ފައިސާވެސް އަނބުރާ ނުދައްކަން ދިމާކުރާއިރު އެއީ ކިހާވަރެއްގެ ކަމެއްކަން ނޭނގެނީބާ. ބައިނަލްއަގުވާމީ ޓްރޭޑް މުއާހަދާތަކާއި ހިލާފުވުމަކީ ކިހާވަރެއްގެ ކަމެއްބާ.
އެމްޑީޕީމީހާ
07 October 2020
ދިވެހިން އެމްމެ ގިނައިން މުދާގެންނާނީވެސް ޗައިނާއިން ދެން އިންޝާﷲ
އަލީ ރަސްގެފާން
07 October 2020
އެމްޑީޕީގެ ތާއީދު ގެއްލެނީވެސް ނަޝީދުގެ ސަބަބުން
ހައްގުބަސް
07 October 2020
މަނިކުފާން އަކީ ޤައުމައް ޣައްދާރުވީމީހެއް. ރާއްޖެ ހިފަން ގޮވީ މީހާޔައް ތާއީދު ކުރާނީ ގަމާރުން