ތިލަފުށި ބްރިޖް މަޝްރޫއަށް ދިން 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ކ) އާއި އެގްޒިމް ބޭންކުގެ ޖެނަރަލް މެނޭޖަރު ނިރުމިތު ވެޑް އަތްޖައްސާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އޮކްޓޯބަރ 2020 - 13:48
މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅާލުމުުގެ މަޝްރޫއަށް އެކްސްޕޯޓު އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ - މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" އަށް ދޭ މި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑް އެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވަޑައިގަތެވެ.
ރާއްޖެއަށް ދޭ 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ހިމެނެ އެވެ. މި ލޯނު އަނބުރާ ދައްކަން 20 އަހަރު ދުވަހުގެ މުއްދަތެއް ދީފައި ވާ އިރު، ލޯނަށް ފައިސާ ދައްކަން ފަށަންޖެހޭނީ ފަސް އަހަރު ފަހުންނެވެ.
މިއީ މިހާތަނަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދުނިޔެއަށް މި ދުވަސްވަރު ދިމާވެފައިވާ ދަތި ހާލަތުގައި ވެސް އިންޑިއާ އިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރު އަމީރު މި ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވި އެވެ.
"އިންޑިއާ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރުން، މި ދުވަސްވަރު އެ ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި ވެސް، އަޅުގަނޑުމެންނަށް މެދުނުކެނޑި ދެމުން އަންނަ އެހީއަށް އަޅުގަނޑު ޝުކުރު އަދާކުރާން،" އަމީރު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ރާއްޖެއަކީ އެންމެ ގެއްލުންވި އެއް ގައުމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ލިބޭނެކަމަށް ބަޖެޓްކޮށްފައިވާ ރެވެނިއުގެ 50 ޕަސެންޓު ވެސް މިއަހަރު ނުލިބުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
"މިކަމުގެ ސަަބަބުން އަޅުގަނޑުމެންގެ ގިނަ އުމްރާނީ މަޝްރޫއުތަށް މި ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައި. ނަމަވެސް އަޅުގަނޑުމެން އެބަ ޖެހޭ ތަރައްގީގެ މަޝްރޫއުތަށް އަލުން ފަށަން، އިގްތިސާދު ސަލާމަތްކޮށް މި ހާލަތުން އަރައިގަންނަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އިންޑިއާގެ ސަަފީރު ސަންޖޭ ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ސާމާނުގެ 65-75 ޕަސެންޓް ސާމާނަކީ އިންޑިއާ ކުންފުނިން ހޯދާ ތަކެތި ކަމަށް، އިންޑިއާއާ ރާއްޖެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހެން އެއްބަސްވި ނަމަވެސް ދިވެހި ކުންފުނިތަކަށް ވެސް މި މަޝްރޫއުތަކުގައި ބައިވެރިވެވެން އެބަ އޮތް،" ސަންޖޭ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫޕް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެ ގައުމުގެ ސަރުކާރުން ރުހުން ދީފައިވާ ކަމަށާއި ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑާ މަސައްކަތް ފެށޭނެ ކަމަށް ސަންޖޭ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭތަކެއް ހަދާނެ އެވެ. މި ކަމުގެ ސަބަބުން ހުޅުމާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމުން މާލެ ސަަރަހައްދުގެ ދަތުރުފަތުރަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ސިނާއީ މަސައްކަތްތަކަށް ކުރިއަރުވަން އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާ އިރު، މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭ ތަންތަން ތޮއްޖެހުން ކުޑަ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
13 October 2020
ތީ މިވަގުތަށް ޤައުމަށް އެންމެފައިދާހުރި ގޮތްބާ!! ނޫނީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތްބާ!! މިވަގުތަށް އަވަސް އަރުވާނުލާ ތިލޯނުނެގުން މަޑުޖައްސާލުން މުހިންމުކަމަށް ފެނޭ... ތީގެބަދަލުގަ އިޤްތިސާދު ކޮޅަށް ޖެހުންމުހިންމު
ކަލޯގަޔާ
13 October 2020
ވެރިކަން ލިބުނީމަ ޖަޒީރާކަން ހަނދާންނެތި ހަމަ ކޮންކުރީޓް އޮއްސުން އެވެސް މާލެއަށް އެކަނި ބޮޑު ޕްރޮޖެކްޓެއްވިއްޔާ. ޔާމިނަކަސް އައްނިޔަކަސް ސޯލިހަކަސް ހަމަ ރަށްފުއް 5 ކުޅަންދު ހަމަނުވާ ރާއްޖެތެރެއަށް މިވަނީ . ވޯޓައްވާއިރައް ގޮވާތި ދެންވެސް ޖަޒީރާރޭ.
ފަސް ދޭތެރެ
13 October 2020
ލޯނު ނަގައިގެން ޚަރަދު ކޮށްގެން އަޅާ ބްރިޖު ތަކުން ދެމެހެެއްޓެނިވި ގޮތެއްގައި އާމަދަނީ ހޯދުމުގެ ވިސްނުން ބެހެއްޓުން ރަގަޅުވާނެ. މިހާރު ފެންނަ މަންޒަރަކީ، ހުޅުމާލެ ބްރިޖުން ވެސް އެއްވެސް އާމްދަނީ އެއް ދައުލަތަށް ނުޙޯދާތަން. ބްރިޖުތައް މަރާމާތު ކުރާ ފައިސާ ހޯދާނީ ވެސް ލޯނު ނަގައިގެން ކަންނޭގެ. ޤައުމު ކުރިއަށްދާ މިސްރާބު ބަނަކަމަށް ފެންނަނީ.
ޖައިސާމް
13 October 2020
ސިނަމާލޭ ބްރިޖާ އަހަރެން ދެކޮޅު ހެދި ސަބަބު ތަކަށްޓަކާ ތިލަފުށި ބުރިޖާވެސް އަހަރެން ދެކޮޅު. 400 މިލިއަން ޑޮލަރަށް (6 ބިލިއަން ރުފިޔާއަށް) މުޅި ދިވެހިރާއްޖެއަށް ދިމާވެފައިވާ ސިއްހީ ދަތިކަމަށް ހައްލު ހޯދޭނެ. ބޭރަށް ދާންޖެހުން ހުއްޓުވޭނެ.
ދެރަ
13 October 2020
ދަރަނީ ގެ އަދަގޮޑިއަކަށް ދިވެހިން ލައި ނިންމީ. އާޅެ އިބޫ ބޮލެއް އެބަހުރިތަ? ބެންކަކުން ދޭ ލޯނަކުން ކުރާ ކަންކަން އިއުލާންކުރަނީ އެމްބެސެޑަރު. މީނާ ބޭރިކިރަން މަގުމައްޗަށް ނުކުންނަން އެބަޖެހޭ . ޢަޅުވެތި އެމްޑީޕީ އިން ދިވެހިންގެ ޝަރަފު އިންޑިޔާގެ ފައިފުއްސަށް ހަދައިފި.
ތެދުވެރިޔާ
12 October 2020
ދިވެހިން ބަލައި ނުގަންނާނެ ތި ބްރިޖެއް
ވަތަން އިސްކުރަންޖެހޭ
12 October 2020
ބޭކާރު ބްރިޖެ. މީހުން ނޫޅޭ ތަނެއްގަ ބްރިޖުތަ އަޅަންވީ. ފުރަތަމަ މީހުން އާބާދު ކޮއްބަލަ ފްލެޓު އަޅާބަލަ
މަންޑޭލާ
12 October 2020
ސިރީލަންކާ އެދަނީ ޗައިނާޔާ އެކީ ގާތްކުޅުމެއް އުފައްދަމުން ލަންކާ ތަރައްގީގެ ގިނަ މަޝްޜުއުތައް ފަށައް ރެޑީވަނީ. ދެން ލަންކާ ހިފަހައްޓަން އުދަގޫވާނެ ވަރައް ތަރައްގީވާނެ. ރާއްޖެ މިދަނީ އަޅުވެތި އިގްތިސޯދަކާ ދިމާލައް.
ޝޮކްތެރަޕީ
12 October 2020
ދިވެހިން ގަބޫލުކުރާ ގޮތުގަ ޗައިނާޔާ އެކީ ރާއްޖެ ތަރައްގީވާނީ. ދިވެހިން ގަބޫލުކުރޭ އިންޑިޔާގެ ބޭނުމަކީ ރައްޖޭގެ އިގްތިސޯދު އިންޑިޔާގެ މުށުތެރެޔައް ލުންކަން.
އާރީ
12 October 2020
ޔާމީނަށް 300 މިލިޔަން ޑޮލަރުން އެޅުނީ އެއްމެ ބުރިޖެއް. ރައީސް ސޯލިހު 400 މިލިޔަން ޑޮލަރުން 3 ބުރިޖް. އިހުލާސްތެރިން ފެނޭ.