ދީބާޖާ އިންވެސްޓްމަންޓްއަށް 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮން ހިސާބުތަކަކަށް ބިނާކޮށް ކަން އެނގެން ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓައިފަ އެވެ. އެގޮތަށް ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވެފައި ވަނިކޮށް އަދި މަގްބޫލު އުޒުރެއް ވެސް ނެތި ކަމަށް ވާތީ އެވެ.
ސުޕްރީމް ކޯޓުގެެ އެ ނިންމުން މުރާޖާ ކުރަން ހުށަހެޅީ ދައުލަތުންނެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށެވެ. އެކަމަކު އެއީ އޮޑިޓިންގެ އުސޫލުތަކަށް ނުފެތޭ ލިޔުމެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮންޓްރެކްޓާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައި ދިނުމުގެ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށާއި އެ އަދަދަށް ވާސިލްވި ގޮތެއް ވެސް ހުކުމުން އެނގެން ނެތް ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި އާންމު މަސްލަހަތާ ގުޅުން ހުރި އެފަދަ މައްސަލައެއް މައުލޫއީ ގޮތުން ސުޕްރީމް ކޯޓުން ބެލުމެއް ނެތި، ސިވިލް ކޯޓުގެ ހުކުމް ކުރިން ދެމެހެއްޓީ ގާނޫނީ އުސޫލުތަކާ ޚިލާފަށެވެ. އަދި އެއީ ފާޅުކަން ބޮޑު ގޮތެއްގައި އިންސާފަށް ހުރަސް އެޅުން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފް ނުކުރެވުނީ ސިވިލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުންނެވެ. އޭގެ ސަބަބުން އިސްތިއުނާފްގެ ހައްގު ދައުލަތަށް ގެއްލުނު ކަމަށާއި ހައި ކޯޓުން އޭރު އެ މައްސަލަ ބަލައިގަތީ އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އަދި ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން އެ ކޯޓަށް ލިބިގެންވާ އިހްތިޔާރުގެ ވެސް ދަށުން ކަމަށް ދައުލަތުން ބުންޏެވެ.
އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތަސް، މަގްބޫލު އުޒުރެއް އޮތް ނަމަ މައްސަލަ ބަލައިގަނެވިދާނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ކަން ފާހަގަކޮށް ދައުލަތުން ބުނީ އެކަމަށް މަގްބޫލު ސަބަބުތަކަކީ ކޮބައިިކަން ދީބާޖާ މައްސަލައިގައި ނިންމި ނިންމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނެތް ކަމަށެވެ. އެހެންވުމުން ދީބާޖާގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި އޮތީ ރަނގަޅަށް ކަމަށް ދައުލަތުން ބުންޏެވެ. އަދި ހައި ކޯޓުން މައްސަލަ ބަލައިގަތީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ މާޒީއަށް ގާނޫނު ނުހިންގުމުގެ ގާނޫނީ އުސޫލާ ޚިލާފަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ކޯޓުތަކަށް ވެސް ބާރު ލިބެނީ އިމެއްގެ ތެރެއިން: ދީބާޖާގެ ވަކީލް
ދައުލަތުން ބުނިގޮތުގައި ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކީ އިޖްރާއީ ގޮތުން އެ ކޯޓުން ނިންމި ނިންމުމެކެވެ. އެހެންވެ އެ ނިންމުން ބާތިލްކޮށް ދިނުމަށާއި އަދި މައުލޫއީ ގޮތުން އެ މައްސަލަ ބަލާ ނަމަ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ދިނުމަށް ދައުލަތުން އެދުނެވެ.
ދީބާޖާގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް އެ ކޯޓަށް އަލުން ބެލޭނީ ކޮން ހަމައަކުން ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓުތަކަށް ބާރު ލިބެނީ ވަކި އިމެއްގެ ތެރެއިން ކަމަށާއި ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން މިހާރު ވާހަކަ ދައްކަނީ ސުޕްރީމް ކޯޓުގައި ކުރިން ވާހަކަ ދެއްކި ގޮތާ ޚިލާފަށެވެ. ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ނުކުރެވުނީ އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން ކަމަށާއި އެއީ އިސްތިއުނާފް ލަސްކުރަން މަގްބޫލު ސަބަބެއް ނޫން ކަމަށް އޭރު ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަސްވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް ދައުލަތުން އޭރު ސުޕްރީމް ކޯޓުގައި އެދުނެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް އައުމުން ދީބާޖާއަށް ބަދަލު ދިނުމާ ބެހޭ ގޮތުން ކޯޓުން ބޭރުގައި ދައުލަތުން މަޝްވަރާކޮށް، ސެޓްލްމަންޓް ކޮމެޓީން ނިންމުމެއް ނިންމާފައި އޮތުމަކީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ވެސް ގަބޫލުކުރާ ކަމުގެ ދަލީލެކެވެ.
ދީބާޖާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ ދައުލަތުން ވާހަކަ ދައްކަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ދީބާޖާގެ ފަރާތުން ހުކުމް ތަންފީޒު ކުރަން ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިސްތިއުނާފްގެ މަރުހަލާ ނިމި ނުވަތަ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ މައްސަލަތައް ބެލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރެއްވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި އެފަދަ މައްސަލަތައް އަލުން ބެލޭނީ ފާޅުކަން ބޮޑު ބޭ އިންސާފެއް އޮވެގެންނެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫން އެވެ.
ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއު ކުރަން ހުށަހެޅިއިރު، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ސެޓްލްމަންޓް ކޮމެޓީގައި ދެ ފަރާތުުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި އޮތީ ދީބާޖާއަށް ދޭ ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރުމަށެވެ.