11 މިލިއަން ޑޮލަރު ނުދައްކައިފި ނަމަ ދޮޅިޔަދޫ ރިސޯޓް ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފި

ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ނެގި ބޮޑު ލޯނު ނުދައްކައިފި ނަމަ ށ. ދޮޅިޔަދޫ ރިސޯޓް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެ ބޭންކަަށް ދީފި އެވެ.


ކޯޓުގެ ހުކުމް އެގޮތަށް އައި އިރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ބޮޑު ލޯނެއް ނުދައްކައިގެން ވެސް ހަމަ އެ ރިސޯޓް ވިއްކާލުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ދޮޅިޔަދުއަކީ ގާތްގަނޑަކަށް ނިމިފައި އޮތް އެކަމަކު އަދި ނުހުޅުވާ ރިސޯޓެކެވެ.

ބީއޯސީން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ހަތް މަސް ތެރޭގައި ނުދައްކައިފި ނަމަ ދޮޅިޔަދޫ ރިސޯޓް ވިއްކާލުމުގެ ހުއްދަ ބީއޯސީއަށް ދިނީ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަކުންނެވެ.

އެ ރިސޯޓް ވިއްކާލުމުގެ ހުއްދަ ކުރިން އެސްބީއައި އަށް ދިނީ އެކި ފަހަރުމަތިން ދޮޅިޔަދޫ އިންވެސްޓްމަންޓުން ނެގި ލޯނުތަކަށް އަރާފައިވާ 250 މިލިއަން ރުފިޔާ ނުދައްކައިފި ނަމަ އެވެ.

ބީއޯސީން ދެ ފަހަރެއްގެ މަތިން ދޫކުރި 8 މިލިއަން ޑޮލަރު ނުދެއްކުމުން އެ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ހޯދަން އެ ބޭންކުން ދައުވާ ކުރުމުން ކޯޓުން ހުކުމްކުރީ ހަތް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. ފައިސާ ނުދައްކައިފި ނަމަ ދޮޅިޔަދޫ ރިސޯޓް ވިއްކާލުމުގެ ހުއްދަ ބީއޯސީއަށް އޮންނާނެ ކަމަށާއި އަދި ރިސޯޓް ވިއްކާލާ ނަމަ އެކަމުގެ ޚަރަދާއި ރިސޯޓް ވިއްކާލައިގެން ލޯނު އަދާ ނުކުރެވިއްޖެ ނަމަ ބާކީ ދައްކަން ޖެހޭ ފައިސާ ވެސް ލޯނު ނެގި ކުންފުނިންނާއި ގެރެންޓީ ދިން ފަރާތްތަކުން ދައްކަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ލޯނަށް ގެރެންޓީ ދިން ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އާއި އިތުރު ބަޔަކާއި ވީއޭ ޕްރައިވެޓް ލިމިޓެޑް ވެސް ހިމެނެ އެވެ.