ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން އިސްނަންގަވައިގެން ހުށަހަޅުއްވާފައިވާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައަކީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލުއިތަކެއް ހޯދަން ކުރާ ޕްރެޝަރެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އިމްރާންގެ އިތުބާރު ނެތް ކަމަށް 11 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ، މަރައިލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ކަމަށް ބުނެ އެވެ. މި މައްސަލައިގައި އޭނާ އަށް ނޯޓިސް ފޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބުނެފަ އެވެ.
އިމްރާން ދިފާއު ކުރައްވަމުން އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އިމްރާން ކުރައްވާފައި ނުވާ ކަމަށެވެ. މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާން ޖެހޭ ފަދަ މައްސަލައެއް އޮތް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިފައި ވަނީ، ނަޒީރު ވިދާޅުވި ގޮތުގައި، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކުރަން ޕްރެޝަރު ކުރުމެވެ.
"ކުރީގެ ރައީސް ޔާމީނަށް ލުއިތަކެއް ހޯދަން ސަރުކާރާ ވާދަވެރި ފަރާތްތަކުން ކުރާ ޕްރެޝަރެއް އިތުބާރު ނެތް ކަމުގެ ވޯޓަކީ. އެގޮތަށް މައްސަލަ ވައްދައިގެން ނުވަތަ އެހެން ގޮތްގޮތުން ޕްރެޝަރުކޮށްގެން މިނިސްޓަރު އިމްރާންގެ ފަރާތުން އެކަހަލަ ކަމެއްގައި އެއްބާރުލުމެއް ނުލިބޭނެ،" ނަޒީރު ވިދާޅުވި އެވެ.
"ރައްޔިތުންގެ މާލިއްޔަތުން ގެއްލިފައި ހުރި ފައިސާތައް ހޯދަން ސަރުކާރުން ކުރާ މަސައްކަތަކަށް ވެސް ބަދަލެއް ނާންނާނެ."
އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް މި ވެއްދީ، ނަޒީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ވިޔަފާރީގައި ބޮޑުން ހޯދަމުން ދަނިކޮށެވެ. މި ބޮޑުންގެ ތެރޭގައި، ވާދަވެރި ސިޔާސީ ފަރާތްތަކާ ގުޅިފައިވާ މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅާ އެފަދަ ފުރަތަމަ މައްސަލަ އެވެ. އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓަކީ، ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށާއި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ހައްލު ހޯދަން، އެމްޑީޕީން ވެސް ވަކާލާތުކުރި ކަންކަމަށް ވާތީ، އެފަދަ މައްސަލަތަކުގައި ހޯމް މިނިސްޓަރުގެ ބަސްފުޅާއި އަމަލުކުރައްވާ ގޮތުން އިތުބާރު ގެއްލުމަކީ އެމްޑީޕީއަށް ވެސް ކަންބޮޑުވުމަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.