ދަރުމަވަންތަ ސްކޫލުގެ އިމާރާތް ހުރި ތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ނޮވެމްބަރ 2020 - 14:06
މާލޭގެ އެންމެ ބޮޑު ޕާކިން ޒޯން، ދަރުމަވަންތަ ސްކޫލުގެ ކުރީގެ އިމާރާތް ހުރި ތަނުގައި ހަދަމުން އަންނަ ކަމަށާއި އެ ތަން އަންނަ ބުދަ ދުވަހު ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ޖެން ހޮޓަލާ ހިސާބުން ފެށިގެން، ދަރުމަވަންތަ ސްކޫލް ހުރި ބިމުގެ ކުރިމަތީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަމައަށް އެ ބިމުގެ ބޮޑުމިން ހުރެ އެވެ.
ދަރުމަވަންތަ ސްކޫލުގެ އިމާރާތް ހުރި ތަނުގައި ޕާކިން ޒޯނެއް ހަދަނީ: އެތަނުގައި ހަތަރު ފުރޮޅުލީ ވެހިކަލް އާއި ދެ ފުރޮޅުލީ ވެހިކަލަށް ޕާކުކުރެވޭނެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު "މިހާރު" އަށް ވިދާޅުވީ، އެއީ ދެފުރޮޅުލީ އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކުކުރެވޭނެ ގޮތަށް ހަދާ އެންމެ ބޮޑު ޕާކިން ޒޯން ކަމަށެވެ.
"ދެފުރޮޅުލީ 246 ވެހިކަލަށް އެ ތަނުގައި ޕާކު ކުރެވޭނެ. ހަތަރު ފުރޮޅުލީ 12 ވެހިކަލަށް [ޕާކު ކުރެވޭނެ]،" ޒަމީރު ވިދާޅުވި އެވެ.
މާލޭގައި ހަދާ މިފަދަ ޕާކިން ޒޯނުތަކުން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އާންމުކޮށް ޖާގަ ދޫކުރަނީ ޖާގަ ވިއްކައިގެނެވެ. ނަމަވެސް މި ޒޯނުގެ ޖާގަތައް ދޫކުރާނީ ކޮން ގޮތަކަށް ކަމެއް ސިޓީ ކައުންސިލުން އަދި ނުނިންމާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލް ހުރި ބިމުގެ ސަރަހައްދުގައި އާ ޕާކިން ޒޯން ހުޅުވުމަށް ފަހު، އަމީރު އަހުމަދު މަގުގައި ވެހިކަލްތަކަށް ޕާކު ނުކުރެވޭ ގޮތަށް ހަމަޖެއްސުމުގެ ވިސްނުން ހުރި ކަމަަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާ ވެސް ގިނަ މަގުތަކެއް ހުސްކޮށް، ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ފަސޭހަ ވާނެ ގޮތް ހަމަޖެއްސުން،" އޭނާ ވިދާޅުވި އެވެ.
އެކަށީގެންވާ ވަރަކަށް މަގުތައް ހުސްވުމުން މިނީ ބަސްތަކެއް މާލެ އަށް ތައާރަފުކޮށް، ޕަބްލިކް ޓްރާންސްޕޯޓު ހަމަޖެހޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން އަލި
07 November 2020
އޮފީހަށް ދާއިރު މިއުޅެނީ ސައިކަލު ޕާކު ކުރާނެ ތަންކޮޅެއް ނުލިބިގެން. ވެލާނާގެ ކައިރިން 8 ގެ ފަހުން ޖާގައެއް ނުލިބޭ މިކަންކަމަށް މިހާތަނަށް އައިއިރު އަދިވެސް އެއްވެސް ހައްލެއް ނުހޯދޭ. މިތަނީ ސިފައިންނާއި ޕޮލިހުން އޮފީހަށް ދާއެއްމެން ޕާކްކުރަން ކުޑަ ޖާގައެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
06 November 2020
ލޭންޑްޔޫސް ޕްލޭން . ޕާކިން ހެދުން އޯކޭ. ރައްޔިތުން މަޖިލިސް ކުރިމަތިން ތިޔަ ލިބުނު ނޫނީ ހޯއްދެވި ހުސްޖާގަ މަޖިލިސް ކުރާގޭގެ ހައިބަތު ފެންނަ އެތަނުގެ ކުރިމަތީގެ އޮންނަ ހިތްގައިމު ލޭންޑިންސްކޭޕްއަކަށް ނުހެއްދެވީ ކީއްވެބާ ؟؟؟
ސިފާލީ
06 November 2020
އަދި ވެސް ވެހިކަލް މަދު ކުރާކަށް ނުން ދޯ ވީކީއެއް؟
ޙުސެންް
06 November 2020
ޥެހިކަލް މަދުކުރަންޔާ މީހުންވެސް މަދުކުރަން ޖެހޭނެ..
މުލޭ
06 November 2020
ތިވަރު ތަންކޮޅެއް ހަދާފައި އަމީރު އަޙްމަދު މަގުގެ ޕާކިންގ ޒޯންތައް ނަގައިގެން ހަމަނުޖެއްސޭނެ. އެކަމަކު ފައިދާވާނެ ސަރުކާރަށް. އިސްޓިކާ ޖަހަން ގިނަ އުޅަނދު ލިބޭނެ.
ރަނގަޅު
06 November 2020
ތިތަނުންވާނެ މަޖިލީސް މެންބަރުންގެ ކާރުކޮޅާއި ސައިކަލުފުޅު ޕާރކްކުރަން ރިޒާވްކޮށްލަން. ވަރަށްފުރިހަމަ. އާންމުންނަށް ބާކީ ކުޑަބައި.
ސާބަސްހަމަ
06 November 2020
މަޖިލިސް މެންބަރުންނަށް ޕާކްކުރެވެން ހުރޭ މަޖިލީހުގެ އިދާރާގެ ޕާކިންގގައި.
ARIF
06 November 2020
ހަމައެކަނި ޕާރކިންގ ގެ ބަދަލުގައި އިމާރާތެއް ކޮށްފަ އެއިމާރާތުގެ ތިރީ ފްލޯ ތައް ޕާރކިންއަށް ބޭނުން ކޮށްފަ މަތީގައި ސަރުކާރުގެ އޮފީސްތަކަށް (ޓްރާންސްޕޯރޓް މިނިސްޓްރ، ވަޒީފާއާ ބެހެ ޓްރިބިޔުނަލް) އަދިވެސް މިހެން ބޭރުން ކުއްޔަށް ހިފާފަ ހުރިތަންތަން މިތަނަށް ބަދަލު ކުރެވިދާނެ ނުންތޯ. ލޭންޑް ޔޫސް ޕްލޭން ރަނގަޅަށް ތޯ ތިހެއްދެވީ ވިސްނާލަން ޖެހޭ
އިބުރާ
06 November 2020
މިއީ މި ސަރުކާރުން ރައްޔިތުންނަށްދެވޭ ވަރަށް އަގުހުރި ޚިދު މަތެއް! މިފަދަ ކަންތައްތަށް ގިނަގިނައިން ކުރަންޖެހޭ!
ޙަސަން އަޙްމަދު
06 November 2020
ކަނޑަށް ނެރެ ބަލަ ޕާކިން ޖެޓީތަކެއް. އެއިރުން ވެލާނާގެއާ ރައީސް އޮފީހަށް ޕާކު ކުރާނެ ތަންކޮޅެއް ލިބިދާނެ.
ރޯނު އެދުރު
06 November 2020
ނަމެއްގަ ކުރާ ކަމެއް ތީ
ކޮސްގޮވާ
06 November 2020
ސިޓީކައުންސިލް އިން ޕާކިންގ ޒޯނެއް ހެދުމަކީމިސަރުކާރުން ކުރެއްވި ރަގަޅުކަމެއް. މިމާލޭގައި ހާއްސަކޮށް ބީއެމްއެލްއަށް، އެމްބަސީއަށް ފޮރިންއެފެއަރޒް އަށް ދާމީހުން ގެ ވެހިކަލް ޕާރކްކުރެވޭގޮތަށް ނެތިފައި ތިބި މީހުންނަށް. އަދި ރަގަޅުވާނީ އެތާ އެއްމެގިނަވެގެން 30 މިނިޓްއަށް ފްރީކުރުން އަދި އިތުރުވާ ކޮއްމެ މިނިޓަކަށް 5 ރުފިޔާ ނެގުން.