ކަނޑިންމައިން މަރުވި މުވައްޒަފުގެ ބަލީގެ މައުލޫމާތު، އެ ރިސޯޓްގެ ޑޮކްޓަރު އެކި ފަރާތްތަކަށް އެކި ގޮތަށް ދީފައިވާ ކަމަށް ހެލްތު އިމަންޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.
ދ. މާއެނބޫދޫ، އާދަމް ނަސީރު މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުން ހާލު ސީރިއަސްވެގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. ނޭވާ ހާސްވާތީ ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އެ ހޮސްޕިޓަލުން ދޫކުރި ލިއުންތަކުގައިވެ އެވެ. މަރުވި ފަހުން ހެދި ޓެސްޓްތަކުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ނަސީރު ބަލިވެ އުޅުނު އިރު ވެސް ކޮވިޑްގެ އަލާމާތްތައް ފެނުނު ކަމަށް، ރިސޯޓްގ ބައެއް މުވައްޒަފުން ބުނެ އެވެ.
ނަސީރަށް ފަރުވާ ދިނުމުގައި އިހުމާލުވީ ކަމުގެ ތުހުމަތު ފެންމަތިވުމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމަންޓް ޓީމާއި އެޗްއީއޯސީގެ ޓީމެއް ރިސޯޓަށް ގޮސް މައުލޫމާތު ސާފުކުރިއިރު، ބަލި މީހާއާ ގުޅޭ ގޮތުން ޑޮކްޓަރު ދައްކާ ވާހަކަ ދިމައެއް ނުވެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބަލިމީހާގެ ހިސްޓްރީ އެކި ގޮތަށް ދީފައިވާތީ އެއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަވި ކަމަށެވެ. ފުލުހުންގެ ކިބައިން އެދުނީ، އެކަން އިތުރަށް ބަލައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރީ ކްރިމިނަލް އިންވެސްޓިގޭޝަނެއް ނޫން. ކޭސް ހިނގައި ދިޔަ ގޮތް ބަލާލީ. އަޅުގަނޑުމެންނަށް ފެނުނު ކަންތައްތަކުން އިތުރަށް އިންވެސްޓިގޭޝަން ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީވެ ޕޮލިހުންނަށް ހުށަހަޅާފައި މިވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"މީގެ ތެރޭގައި އެބަހުރި ބަލި މީހާގެ ހިސްޓްރީ ދިނުމުގައި އެކި ގޮތަށް އެކި ފަހަރު ދީފައި."
ހުންއައުމުގެ އިތުރުން ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ ކޮވިޑުގެ ބައެއް އަލާމާތްތައް ފެންނަން ފެށުމުން، ފަރުވާ އަށް މާލެ ފޮނުވައިދޭން ނަސީރު އާދޭސްކުރި ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ. އެކަމަކު ރިސޯޓުން އެ ވާހަކަ ދޮގުކުރަމުން ބުނެފައި ވަނީ ސިއްހީ ފަރުވާގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.
ހުން އައުމުން އެކަހެރިނުކޮށް، ލަސްވި ކަމަށް ކަނޑިންމަ އިން އެއްބަސްވެ އެވެ. އެއީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށް، ރިސޯޓްތަކުން އަމަލުކުރަން އަންގާފައިވާ ގައިޑްލައިނާ ޚިލާފު ކަމެކެވެ.
ނަސީރު އެކަހެރި ނުކުރުމުން، އޭނާއާ އެކު އެއް ކޮޓަރިއެއްގައި އުޅުނު މީހާގެ އިތުރުން ރިސޯޓްގެ 60 މުވައްޒަފަކު މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު ޓޫރިސްޓުން ވެސް ތިބި ރިސޯޓްގެ އެ މުވައްޒަފުން އައިސޮލޭޓްކޮށް ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެ ރިސޯޓުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން 200 މުވައްޒަފުން އުޅެ އެވެ.
ކަނޑިންމަ ރިސޯޓްގެ ހުއްދަ ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.
އާއިލާގެ ހިތްހަމަނުޖެހުމަކީ ފަރުވާ އަށް އެދި އާދޭސްކުރިއިރު ވެސް ރިސޯޓުން ފުރޭނެ އިންތިޒާމް ހަމަޖައްސައި ނުދިނުމެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ނަސީރުގެ މަރު ތަހުގީގު ކުރަމުންނެވެ.