15 ނޮވެމްބަރ 2020 - 19:53
ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ތޫފާން "އެލީސިއާ" ގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖޭއަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވީ ރާއްޖެ ސަރަހައްދުގައި ލޯ ޕްރެޝާ ޓްރަފެއް އުފެދިފައިވާ ކަމަށެވެ. އެހެންވެ، މި ސަރަހައްދުގައި ގިނަ އަދަދަކަށް ވިލާ އުފެދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ދެކުނުގައި އުފެދުނު ތޫފާނު އެލީސިއާ ދަނީ ރާއްޖެއާ ދުރަށް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ އަށް ވައި ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ކަނޑުދަތުރުކުރާ މީހުން ސަމާލުވާން އެދިފަ އެވެ.
"އާންމުކޮށް 8-18 މޭލުގެ ދެމެދުގައި ވައި ޖެހޭނެ. ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ. ކަނޑުދަތުރުކުރުކުރާ މީހުން މި ކަމަށް ހާއްސަ ސަމާލުކަމެއް ދޭން އަޅުގަނޑު އެދެން،" ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވިއްސާރައާ އެކު ބައެއް ރަށްރަށުގައި ފެންބޮޑުވެ ދެކުނުގެ ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އެއީ ރާޅުތަކުގައި ތިން ފޫޓާއި ހަ ފޫޓުގެ އުސްމިން ހުންނާނެ ކަމަށް ބެލެވޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާނަ ބެ
16 November 2020
އިރާދަ ކުރެއްވިއްޔާ ތޫފާނު ގެ އަސަރެއް ނުކުރާނެ ، މީރަނގަޅު ގޮތަކީ