އިނގިރޭސިވިލާތަށް އެތެރެ ކުރާ ދިވެހި މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް އެ ގައުމުގެ ސަރުކާރާ އެކު ފޮރިން މިނިސްޓްރީން މިއަދު މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ މިނިސްޓަރު ތޯރިގް އަހުމަދާ، އޮންލައިންކޮށް ބައްދަލުކުރައްވައިފަ އެވެ. ޔޫކޭއަށް އެތެރެ ކުރާ ދިވެހި މަހުގެ ބާވަތްތަކުނެ ޓެރިފް އުވާލުމަށް މަޝްވަރާ ކުރެއްވީ އެ ބައްދަލުވުމުގަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭން އެންމެ ގިނައިން ތަކެތި އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ. ރާއްޖޭން އެންމެ ގިނައިން ބޭރުކުރަނީ ވެސް މަހުގެ ބާވަތްތަކެވެ.

އިނގިރޭސިވިލާތަށް އެތެރެ ކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ އިތުރުން، 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުންނާއި ދެ ގައުމުގެ ދެމެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ރާއްޖޭން ކުރާ މަސައްކަތަށް އަހުމަދު ޝުކުރު އަދާކުރެއްވި ކަމަށެވެ.