ފިއްތުންތައް އެބަ ކުރިމަތިކުރޭ، ގާސިމް މާ ހިތްވަރު ގަދަ: މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.


ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީސް، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުސްކުރި ފަހުން، ފުރަތަމަ ފަހަރަށް އެތަން ބައްލަވާލެއްވުމަށް ފަހު، ނޫސްވެރިންނަށް މައުމޫން ވިދާޅުވީ ކުއްލިއަކަށް ގާސިމަށް ދަތިކުރަނީ ކީއްވެގެން ކަން އެންމެންނަށް އެނގޭ ކަމަށެވެ.

މައުމޫން އެ އިޝާރާތް ކުރެއްވީ، ރައީސް ޔާމީނަށް އެމަނިކުފާނު ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަށް ފަހު، އިސްލާހީ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާސިމާ އެކު މި ހަފުތާގައި ބޭއްވި ބައްދަލުވުމަށެވެ.

"އެކަން ]ގާސިމަށް ދަތިކުރާ] ކުރާ މީހުންގެ ބޭނުމަކީ ގާސިމްގެ ހިތްވަރުފުޅު ބަލިކޮށްލުން. އެ ހުންނެވި އަޒުމް ބަލިކޮށްލުން. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެ ކަހަލަ ބޭފުޅެއް ނޫން، އެއަށް ވުރެ މާ ހިތްވަރުގަދަ އަޒުމެއްގައި ހުންނެވި ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.

ގާސިމަށް ދަތިކުރަނީ ކޮން ކަމަކުން ކަމެއް މައުމޫން ސާފުކޮށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު މިގޮތަށް ވިދާޅުވިއިރު ގާސިމްގެ ވިޔަފާރިއާ ގުޅޭ ގޮތުން ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކެއްގެ ޝަރީއަތް އަވަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މައުމޫނާއި ގާސިމް މިދިޔަ އާދީއްތަދުވަހު ޖޭޕީގެ އޮފީސް ކުނޫޒްގައި ބައްދަލުކުރައްވަނީ: ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިބީ ގާސިމްއާ އެކު ކަމަށް މައުމޫން މިއަދު ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކިތަންމެ ފިއްތުމަކާއި ދަތިތަކެއް ކުރިމަތިކުރިޔަސް، މައުމޫން ވިދާޅުވި ގޮތުގައި، ގާސިމަށް އަސަރެއް ނުކުރާނެ އެވެ. ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިބީ ގާސިމްއާ އެކު ކަމަށާއި އޭނާ އަށް ކުރިމަތިކުރާ ހުރިހާ ކަމެއް ހައްލުކޮށްދޭން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ހަމައެއާއެކު އެމަނިކުފާނާ އެކުގައި މަސައްކަތް އެ ކުރާ 5،000 މީހުންގެ އާއިލާ އަށް ވެސް އަޅުގަނޑުމެން ޔަގީންކޮށް މި ދެނީ އަޅުގަނޑުމެން ތިބޭނީ ގާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީއާ އެކުގައޭ. އެމަނިކުފާނު އެ ކުރައްވާ އިގްތިސާދީ މަސައްކަތްތަކަށް ބުރުލެއް އަރާގޮތަށް އަޅުގަނޑުމެން އެއްވެސް ދުލެއް ނުދޭނަމޭ،" މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާއަށް މައުމޫން މިއަދު ވަޑައިގަތުމުން، ޕީޕީއެމްގެ ނައިބު ރައީސް ކަމަށް މައުމޫންގެ ފެކްޝަނުން އައްޔަން ކޮށްފައިވާ ނާދިރާ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މައުމޫން ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ރާއްޖެ އަށް އިތުރު ކުރިއެރުމާ ތަރައްގީ ހޯދައިދޭން ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ހައްގުތައް އަނބުރާ ލިއްބައިދީ، މުއައްސަސާތަކުންނާއި ހުރިހާ ފަރުދުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭން ޕީޕީއެމާއި ޖުމްހޫރީ ޕާޓީން އެއްބަސްވެފަައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރާ ތާއީދު މައުމޫން އަނބުރާ ގެންދެވީ ޕީޕީއެމް ދެފަޅިވެ، ޕާޓީ ހިންގުން ސިވިލް ކޯޓުން ރައީސް ޔާމީނާ ހަވާލުކުރުމާ އެކު މައްސަލަ ހައްލު ނުވުމުންނެވެ.