ޗައިނާގެ ބައިވެރިވުމެއް ކުރިން އޮންނާތީ އިންޑިއާގައި މަނާކުރި ވީޑިއޯ ގޭމް ޕަބްޖީގެ ބަދަލުގައި އިންޑިއާ އިން އުފެއްދި އެ ގައުމުގެ އަމިއްލަ ގޭމް ފައު-ޖީ: ފިއަލެސް އެންޑް ޔުނައިޓެޑް ގާޑް، ޕްލޭ ސްޓޯރުގައި ޕްރި-ރެޖިސްޓްރޭޝަނަށް ހުޅުވާލައިި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ގައި ފައު-ޖީ ނެރޭކަން އިއުލާންކޮށް ގޭމް ޕްރޮމޯއެއް އާންމުކުރީ މިދިޔަ އޮކްޓޯބަރު މަހު ތެރޭގަ އެވެ. ގޭމް ނެރޭނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. ފައު-ޖީ އުފެއްދި އެންކޯ ގޭމްސް އިން ބުނީ ދުރާލައި ރަޖިސްޓްރީކުރާ މީހުންނަށް، ގޭމް ރިލީޒްކުރާ ތާރީހު ނޮޓިފިކޭޝަނަކުން އަންގާނެ ކަމަށެވެ.
މި ވަގުތު ޕްރި-ރެޖިސްޓްރޭޝަނުގެ ފުރުސަތު އޮތީ އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް އެކަންޏެވެ. އެކަމަކު އެންކޯ އިން ބުނީ ކުރިއަށް އޮތް ތަނުގައި އެޕް ސްޓޯރުން ވެސް ގޭމް ޑައުންލޯޑްކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.
އިންޑިއާގެ ވަތަނީ ރޫހާއި ދުޝްމަނުންގެ ކިބައިން އެ ގައުމު ދިފާއުކުރަން އިންޑިއާގެ އަސްކަރީ ލަޝްކަރުން ކުރާ މަސައްކަތުގެ ތެރެއަށް ގޭމް ކުޅޭ މީހުން ގެންގޮސްދޭ ގޮތަށް ފަރުމާކޮށްފައިވާ ފައު-ޖީ އަކީ ޑިޖިޓަލްގެ ދުނިޔޭގައި އެހެން ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކޮށް، އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކުރިއަރުވަން ކުރާ މަސައްކަތުގެ ބައެކެވެ. ހާއްސަށް ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް އުފެއްދި ގޭމެކެވެ
މިކަމަށް ހާއްސަކޮށްގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "މޭކް އިން އިންޑިއާ" ގެ ނަމުގައި އިނިޝިއޭޓިވެއް ވެސް ލޯންޗްކުރައްވައިފަ އެވެ.
ޕަބްޖީ އިންޑިއާގައި މަނާކުރީ ސެޕްޓެމްބަރު މަހުގެ 2 ގަ އެވެ.