އިންޑިއާގައި މިދިޔަ އަހަރު ޕަބްޖީ މަނާކުރުމާ ގުޅިގެން އޭގެ ބަދަލުގައި އެ ގައުމުން އުފެއްދި އަމިއްލަ ގޭމް ފައު-ޖީ (ފިއަލެސް އެންޑް ޔުނައިޓެޑް ގާޑްސް) މިއަދު ނެރެފި އެވެ.
އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ގޭމް ނެރުނު ވާހަކަ އެ ގޭމް އުފެއްދި އިންޑިއާގެ ކުންފުނި އެންކޯ ގޭމްސްގެ އިތުރުން ގޭމްގެ ޕްރޮމޯޓްކޮށްދިނުމުގައި ހިއްސާވާ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވެސް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.
މިއަދު ގޭމް ނެރުމުގެ ކުރިން ނޮވެމްބަރު މަހުގެ 30 ގައި ޕްރި-ރަޖިސްޓްރޭޝަނަށް ހުޅުވައިލި އެވެ. މި ގޭމަކީ ނެރުމުގެ ކުރިން އެންމެ ގިނަ ބަޔަކު މިހާތަނަށް އިންޑިއާގައި ދުރާލައި ރަޖިސްޓްރީކުރި ގޭމް ކަމަށް އެންކޯ އިން ބުންޏެވެ. އެގޮތުން ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި 1.06 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
"ފައު-ޖީ" މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.
މި ގޭމަކީ އިންޑިއާގެ ވަތަނީ ރޫހު ދައްކުވައިދޭ ގޮތަށް ކުޅުންތެރިން ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމައިގެ މައިދާނަކަށް ގޮސް ކާމިޔާބު ހޯދޭ ގޮތަށް ފަރުމާކޮށްފައިވޭ ގޭމެކެވެ
އިންޑިއާ އިން މަނާކުރި ޕަބްޖީ އަކީ ވެސް ހަނގުރާމައިގެ ތެރެއަށް ކުޅުންތެރިން ގެންގޮސްދޭ ގޭމެކެވެ.
އެންކޯ ގޭމްސްގެ "ފައު-ޖީ" އަކީ ޓެކްނޮލޮޖީގެ ދާއިރާ އިން އިންޑިއާ އެހެން ގައުމުތަކަށް، ވަކިން ހާއްސަކޮށް ޗައިނާ އަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ އުފެއްދުންތެރިކަން ކުރިއަރުވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނުކުރައްވާފައިވާ "މޭޑް އިން އިންޑިއާ" އިނިޝިއޭޓިވްގެ ދަށުން ނެރުނު ފުރަތަމަ އަމިއްލަ ގޭމެވެ.
"ފައު-ޖީ" އިން ލިބޭ ފައިދާގެ 20 ޕަސެންޓް ހަދިޔާކުރާނީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ މީހުންނަށް އެހީވާން އެ ގައުމުގެ ހޯމް އެފެއާޒް މިނިސްޓްރީން އުފައްދާފައިވާ "ބާރަތު ކީ ވީރު" އަށެވެ.