ބޯހިޔާވަހިކަމެއް ނެތި، މާލޭގެ އާއްމު ތަންތަނުގައި ނިދާ މީހުންނަށް ހާއްސަ ކޮށްގެން ސަރުކާރުން އިއުލާނު ކޮށްފައިވާ ޕްރޮގްރާމުގައި ބައިވެރިނުވެ، އެފަދަ ތަންތަނުގައި ނިދައި ކައިބޮއި އުޅޭ މީހުންނާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޖެންޑާ މިނިސްޓްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ބޯހިޔާވަހިކަން ނެތް މީހުންނަށް އިޖުތިމާއީ ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އޭގައި ކާބޯތަކެއްޗާއި އަންނައުނު ވެސް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

އެއީ ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކަށް ވާތީ، އެފަދަ ހުރިހާ ފަރާތަކުން ވެސް އެ ޕްރޮގްރާމަށް އެއްބާރުލުން ދީ ބައިވެރިވުމަށް ވަނީ އެދިފަ އެވެ.

"ސަރުކާރުން މިފަދަ ޕްރޮގްރާމެއް އިއުލާނު ކުރެއްވުމުން އެ ޕްރޮގްރާމުގައި ބައިވެރިނުވެ މާރުކޭޓުތަކާއި މިސްކިތްތަކާއި ޕާކުތަކާއި މި ނޫން ވެސް މިފަދަ އިޖުތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭ ގޮތަށް އުޅޭ ނަމަ އެފަދަ ފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެކަމުގައި ދެންނެވީމެވެ،" އިއުލާނުގައި ބުންޏެވެ.

ކައުންސިލުން ވަނީ މާލޭގެ މަގުތަކާއި އާއްމު ތަންތަނުގައި ނިދުމަކީ މަނާކަމެއްކަން ހަނދާންކޮށްދީފަ އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ހިޔާވަހިކަމެއް ނެތި މަގުތަކުގައި އުޅޭ މީހުންނަށް ގުޅިފަޅުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. ގުޅިފަޅަށް ގެންގޮސް، އެސެސްކުރުމަށް ފަހު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސް ކޭމްޕުން ފަރުވާ ދޭނެ އެވެ.