މީގެ ހަ އަހަރު ކުރިން، މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެއްލުނު ދުވަހު ދ. ކުޑަހުވަދޫ ކައިރިން، ކުލަތައް ވަކިވާހާ ތިރިން ދިޔަ ކަމަށް ބުނާ މަތިންދާބޯޓަކީ އަދިއަދަށްދާންދެން ވެސް ފެނިފައި ނުވާ ބޯޓު ކަމަށް ބާރު ލިބޭ އާ ހޯދުމެއް އާންމުކުރަން ތައްޔާރުވަމުން އެބަދެ އެވެ.

ޑިފެންސް، ސެކިއުރިޓީ އަދި އެއަރޮސްޕޭސްގެ މަސައްކަތްތައް ކުރާ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ބީއޭއީ ސިސްޓަމްސްގެ ސީނިއާ ސިސްޓަމް އިންޖިނިއަރު ސާޖިއޯ ކަވައިއުއޯލޯގެ މި ހޯދުމުގައި، މާޗް 8، 2014 ގައި 239 މީހުންނާ އެކު ގެއްލުނު މަތިންދާބޯޓާ ގުޅުން ހުރި ސެޓެލައިޓް ޑޭޓާތައް އެތައް އަހަރެއް ވަންދެން އެނައިޒްކޮށްގެން ފާހަގަކުރެވުނު ކަންކަން ހިމަނާފައިވެ އެވެ. އަދި އެއްކޮށް ނުނިމޭ މި ހޯދުމުގެ މުހިންމު ބައިތައް އޭނާ ވަނީ "މިހާރު" އާ ހިއްސާކޮށްފަ އެވެ.

އޭނާ 2015 ވަނަ އަހަރު ރާއްޖެ އައިސް، ކުޑަހުވަދޫގެ އިތުރުން ތ. ގާދިއްފުށިން ބޯޓު ފެނުނު ކަމަށް ބުނާ މީހުންނާ ކުރިން އިންޓަވިއުކޮށްފައިވެ އެވެ. އެ މީހުން ބުނެފައިވަނީ ބޯޓުގެ ކުލަ ވެސް ރީއްޗަށް އެނގޭ ކަމަށާއި ފިޔަގަނޑުތައް ރީއްޗަށް ފެނުނު ކަމަށެވެ. ގާދިއްފުށީ އަންހެނަކު ދިން އިންޓަވިއުގައި ބުނި ގޮތުގައި ރަށު މަތިން ދެތިން ބުރު އެ ބޯޓު ޖެހި އެވެ. ބޯޓު ދިޔަ މިސްރާބާއި އެހެން ތަފްސީލްތައް ވެސް އެ މީހާ ކިޔައިދެ އެވެ.

"ވިލާގަނޑަށް ވުރެ ތިރިން [ދިޔައީ]. އޭގެ ކުލަޔާ އެއްޗެހި ވެސް ނުލާހިކު ރީތިކޮށް އެނގޭ. ހުދުކުލަ [ހުރީ] މަތީގަ،" ހެނދު ހަތެއް ޖަހާ އެހާއިރު ބޯޓެއް ފެނުނު ކަމަށް ބުނެ ވާހަކަ ދެއްކި މީހާ ކިޔައިދެ އެވެ.

އެމްއެޗް370 ގެއްލުނު ރެޔަށް ފަހު، އަނެއް ދުވަހުގެ ހެނދުނު ތ. ގާދިއްފުށީ މަތިން ދިޔަ ބޮޑު މަތިންދާބޯޓަކާ ބެހޭ ގޮތުން އެ ރަށު އަންހެނަކު ސާޖިއޯ ކަވައިއުއޯލޯ އަށް މައުލޫމާތު ދެނީ
އެމްއެޗް370 ގެއްލުނު ރެޔަށް ފަހު، އަނެއް ދުވަހުގެ ހެނދުނު ތ. ގާދިއްފުށީ މަތިން ދިޔަ ބޮޑު މަތިންދާބޯޓަކާ ބެހޭ ގޮތުން އެ ރަށު އަންހެނަކު ސާޖިއޯ ކަވައިއުއޯލޯ އަށް މައުލޫމާތު ދެނީ

މިދިޔަ 30 އަހަރު، ކޮމާޝަލް އަދި މިލިޓަރީ އެއަރޮސްޕޭސް އާއި ނެވިގޭޝަން އަދި ރޭޑިއޯ ކޮމިއުނިކޭޝަންގެ މަސައްކަތްތައް ކޮށްފައިވާ ކަވައިއުއޯލޯ އެކުލަވައިލާ 68 ސަފުހާގެ ރިޕޯޓް މެލޭޝިއާގެ ޓްރާންސްޕޯޓް އޮތޯރިޓީ އާއި ބޯޓުން ގެއްލުނު ބައެއް މީހުންގެ އާއިލާތަކާ ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް ދަނިކޮށް ގެއްލުނު ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުތައް ބަލާފައި ވިޔަސް އާ ހޯދުމުގައި ބުނެފައިވަނީ ބޯޓު ދިޔައީ ދިވެހިރާއްޖެއާ ދިމާލަށް ކަމަށެވެ. އަދި ކުޑަހުވަދޫ މީހުންނަށް ބޯޓެއް ފެނުނު ކަމަށް ބުނާ ވަގުތާ، އެމްއެޗް370 އެ ހިސާބަށް ދިޔަ ކަމަށް ސެޓެލައިޓް ޑޭޓާ އިން ދައްކާ ވަގުތާ ދިމާވާ ކަމަށް ބުނެފައިވެ އެވެ. ކަވައިއުއޯލޯ ވަރަށް ޔަގީންކަމާ އެކު ބުނެފައިވަނީ ބޯޓު ވެއްޓިފައިވާނީ ބޯޓު ހޯދަން ބެލި ސަރަހައްދުގެ އަނެއްކޮޅުން އެތައް ސަތޭކަ ކިލޯމީޓަރެއް ދުރަށް ކަމަށާއި ހޯދަންޖެހޭނީ އެ ހިސާބު ކަމަށެވެ. އޭނާ މިގޮތަށް ބުރަވާ ސަބަބުތައް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.

އެމްއެޗް370 ދަތުރުކުރި ގޮތް ކަމަށް ކަވައިއުއޯލޯ ގަބޫލުކުރާ ގޮތް (ކ) އަދި ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދު
އެމްއެޗް370 ދަތުރުކުރި ގޮތް ކަމަށް ކަވައިއުއޯލޯ ގަބޫލުކުރާ ގޮތް (ކ) އަދި ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދު

"އެ ބޯޓު އިންޑިއާ ކަނޑުގެ ދެކުނަށް ދަތުރެއް ނުކުރޭ. ސެޓެލައިޓްގެ ރޯ ޑޭޓާ އެންމެ ފުރަތަމަ އެނަލައިޒްކުރި އިރު، 'ޓައިމިން ޑޭޓާ' ނެގިފައިވަނީ ނުބައިކޮށް. ހޭންޑްޝޭކް އެކްސްޗޭންޖް [ސެޓެލައިޓާއި ބޯޓުން އެކަތި އަނެކައްޗަށް ސިގްނަލް ލިބެމުން ދިޔަ ގޮތް] ބަލާފައިވަނީ ނޭނގުމެއްގެ ތެރޭގައި ނުބައިކޮށް ނެގުނު ޑޭޓާ އަށް ބިނާކޮށް،" ކަވައިއުއޯލޯ ބުނެފައިވެ އެވެ.

އޭނާ ބުނީ، ވައިގެ ދަތުރުފަތުރުގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ އަޖައިބުކުރުވަނިވި މި ހާދިސާގައި ބޯޓު ހޯދަން ބެލި "ހަތް ވަނަ އާކް" ހިމެނޭ ސަރަހައްދުން ބޯޓު ނުފެނުނީ، ނުބައިކޮށް ނެގުނު މައުލޫމާތުގެ ސަބަބުން ކަމަށެވެ.

ބޯޓު ހޯދަން އޮސްޓްރޭލިއާއާ ދިމާލުން ބޭރު ކަނޑު ބެލި ނަމަވެސް މަތިންދާބޯޓެއްގެ އެއްވެސް އެއްޗެއް އޮސްޓްރޭލިއާ އަށް ލައްގާފައި ނުވާ ކަމަށާއި އެކަމަކު އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހި އިންޑިއާ ކަނޑުގެ ހުޅަނގުގައިވާ އެފްރިކާގެ ގައުމުތަކުން ފެނުނުކަން ކަވައިއުއޯލޯ ވަނީ ފާހަގަކޮށްފަ އެވެ.

"... އެއީ ބޯޓުގެ ބައިތައް އޮޔާ ދާނީ ދެކުނު އިންޑިއާ ކަނޑަކުން ނޫން. އެ އެއްޗެހި ދާނީ ދިވެހިރާއްޖޭގެ ސަރަހައްދަކުން ކަމަށް ވާތީ،" ކަވައިއުއޯލޯ ބުނެފައިވެ އެވެ.

"ރާއްޖޭން ބޯޓު ފެނުނު ކަމަށް ބުނާ މީހުންގެ ވާހަކަ ސެޓެލައިޓް މައުލޫމާތާ ދިމާވޭ"

ކަވައިއުއޯލޯ ބުނީ އިންމާސެޓް ސެޓެލައިޓް ޑޭޓާ އާއި، ބޯޓު ގެއްލުމަށް ފަހު ޖެހިގެން އަދި ދުވަހުގެ ހެނދު 6:00 ހާއިރު ރާއްޖޭގެ ސަރަހައްދަކުން ގޮތް ނޭނގޭ ބޯޓެއް ފެނުނު ކަމަށް ބުނާ ވާހަކައާ ދިމާވާ ކަމަށެވެ. ނަމަވެސް އެ ބޯޓު ރާއްޖެއާ ހިސާބަށް އަންނަން ފުދޭ ވަރަށް އޭގައި ތެޔޮ ނުހުންނާނެ ކަމަށް ބުނެ، ރާއްޖެ ސަރަހައްދަށް ބޯޓު ނުދާނެ ކަމަށް ވަގުތުން ކަނޑައެޅިކަން ކަވައިއުއޯލޯގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. - ރާއްޖެ ސަރަހައްދަށް އަންނަން ބޭނުންވާ ވަރަށް ބޯޓުގައި ތެޔޮ ނުހުންނާނެ ކަމަށް ބުންޏަސް ބޯޓު ވެއްޓިފައި އޮވެދާނެ ކަމަށް ބަލައި ބެލި ސަރަހައްދު އަދި މާ ދުރެވެ.

ކަވައިއުއޯލޯ ބުނީ އޭނާގެ ހޯދުމުން ދައްކަނީ މާޗް 8، 2014 ގެ ހެނދުނު ރާއްޖޭ ގަޑިން 6:33 އެހާއިރު އެމްއެޗް370 ރާއްޖެ ސަރަހައްދުގައި އޮތް ކަމަށެވެ.

"ދެކުނު އިންޑިއާ ކަނޑަށް ބޯޓު ވެއްޓުނު ކަމަށް ގަބޫލުކުރި ތިއަރީއާ ފުށުއަރާ ކޮންމެ ވާހަކައެއް އޭރު ދިޔައީ ދޮގުކުރަމުން. އެއީ އޭރު ވެސް އެ މީހުން ތައްޔާރުވަމުން ދިޔައީ ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދު ބަލަން. އެކަމަކު އަލަށް މި ނެރޭ ރިޕޯޓާ އެކު ވިސްނުން ބަދަލުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަން،" ކަވައިއުއޯލޯ ބުންޏެވެ.

އެމްއެޗް370 ފެނޭތޯ 120،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލަން 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ބޯޓު ވެއްޓުނު ތަނެއް ހޯދަން ކުރި މަސައްކަތުން ނަތީޖާއެއް ނުފެނި ހުއްޓާލީ 2018 ވަނަ އަހަރު އެވެ.

އެމްއެޗް370 ގެއްލުނުތާ ހަތް އަހަރު ވުމާ ދިމާކޮށް ނެރޭ ރިޕޯޓް ފުރިހަމަ ވުމުން އެ ވެސް "މިހާރު" އާ ހިއްސާކުރާނެ ކަމަށް ކަވައިއުއޯލޯ ވަނީ ބުނެފަ އެވެ.

"އެ ބޯޓު ދިޔައީ ރާއްޖޭ ސަރަހައްދުންކަމާ މެދަކު އަހަންނަށް ޝައްކެއް ނެތް. ބޯޓު އޮންނާނީ ރާއްޖޭން ފުރައިގެން ގަޑިއެއްހާއިރުން ދެވޭ ހިސާބު ދުރުގައި،" ކަވައިއުއޯލޯ ޔަގީންކަމާ އެކު ބުންޏެވެ.